އެންމެ އުފާވަނީ ނުކުރެވޭނެކަމަށް މީހުން ގޮންޖަހާފައިވާ ކަންތައް ކުރެވުމުން: ރައީސް

އެންމެ އުފާވަނީ ނުކުރެވޭނެކަމަށް މީހުން ގޮންޖަހާފައިވާ ކަންތައްތައް ހާސިލުވެގެން ދިއުމުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މެންދުރު ޕަބްލިކް ސާވިސް މީޑިޔާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެންމެ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވަނީ ރައްޔިތުންނަށް ދަތިވެފައިހުރި މައްސަލަތަކަށް ހައްލު ހޯދައިދެވި ޤައުމުގެ ތަރައްގީއަށްޓަކައި ހިންގައިފައިވާ ބޮޑެތި މަޝްރޫއުތައް ފެނިވަޑައިގެންނެވުމުން ކަމަށެވެ. އަބަދުވެސް ޗެލެންޖިން، ވަރުގަދަ މަސައްކަތް ކުރެއްވުން ވެސް ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެންމެ ހިތްވަރު ލިބިވަޑައިގަންނަވަނީ އާއިލާގެ ފަރާތްޕުޅުން ކަމަށެވެ. ޚާއްސަކޮށް އަނބިކަނބަލުން މެޑަމް ފާޠިމަތު އިބްރާހީމް ރައްޔިތުންގެ ޚިދުމަތުގައި މުރާލިކަމާއެކު ކޮށްދެއްވާ މަސައްކަތްޕުޅު ވަރަށް ބޮޑަށް ފާހަގަކުރައްވާ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު އެއްވެސް ކަމެއް ކޮންމެ ގޮތަކަށް ކުރުމަށް ޖާގަ ނުދެއްވާނެ ކަމުގައެވެ. އަދި އެމަނިކުފާނަށް ސިޔާސީގޮތުން ކުރިމަތިވެ ވަޑައިގެންނެވި އެންމެ އުނދަގޫ ނިންމެވުމަކީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން ޢަބްދުލްގައްޔޫމް ކުރައްވާފައިވާ ކަންތައްތަކަށް އަޅަންޖެހުނު ފިޔަވަޅު އެޅުއްވުމަށް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.