އަޅުގަނޑުމެންނާ މައްސަލަޖެހެނީ މިނިވަންކަން ނަގާލަން އުޅޭމީހުންނާއެކަނި: ޑރ. ޝަހީމް

އެއްވެސް ޕާޓީއެއްގެ މެމްބަރުންނަކީ ދުޝްމަނުންނެއްނޫން ކަމަށާއި މައްސަލަޖެހެނީ ހަމައެކަނި ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ މިނިވަންކަން ނަގާލަން އުޅޭ މީހުންނާއެކަނި ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކ. ގާފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އެއްވެސް ޕާޓީއެއްގެ މެންބަރުންނަކީ އަޅުގަނޑުމެންގެ ދުޝްމަނުންނެއް ނޫނޭ. އަޅުގަނޑުމެންނާ މައްސަލަ މިޖެހެނީ ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ މިނިވަންކަން ނަގާލަން އުޅޭމީހުންނާ އެކަނި. ގާނޫނާ ޚިލާފަށް މަސައްކަތް ކުރާމީހުން، ރާއްޖޭގެ މަސްލަހަތާ ޚިލާފަށް މަސައްކަތްކުރާ މީހުން، އެއީ އަޅުގަނޑުމެންނާ ޚިލާފުވާ ބަޔަކީ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އެ ފަދަ މީހުން ފިޔަވައި ރާއްޖޭގެ ކޮންމެ ޕާޓީއެއްގެ މެންބަރަކަށް ވިޔަސް އެއީ އެބޭފުޅުންގެ އަޚުންނާއި އުޚުތުން ކަމަށް ޝަހީމް ވިދާޅުވިއެވެ. "އެބޭފުޅުންނާއެކުވެސް އެކުވެރިކޮށް އުޅެން ބޭނުން. އެބޭފުޅުންވެސް ރާއްޖޭގެ މަސްލަހަތަށްޓަކައި ރައީސް ޔާމީނަށް މިފަހަރު ވޯޓު ދެއްވަންވީ،" ޝަހީމް ވިދާޅުވިއެވެ.

ސަރުކާރާމެދު އެކިތުހުމަތުކޮށް ގާފަރުގައި ވެސް ވާހަކަ ދައްކަމުންދާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސަރުކާރުގެ ވަޒީތަކުން މީހުން ވަކިކުރަން އުޅޭކަމުގެ ތުހުމަތުތައް ހިމެނޭ ކަމަށް ޝަހީމް ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާލާނީ އެއްވެސް މީހަކު ވަޒީފާއިން ކަނޑައެއް ނުލާނެޔޭ ސަރުކާރުން. ސަރުކާރަކީ މީހުންނަށް ބިރުދައްކާނެ ސަރުކާރެއް ނޫންނޭ. ރައްޔިތުންނަށް ގާނޫނުގެ ތެރެއިން ދޭންޖެހޭ ޚިދުމަތްތަކާއި އޯގާތެރިކަން އަބަދުވެސް އޮންނާނެޔޭ. ގާނޫނާ ޚިލާފުވެއްޖެނަމަ ގާނޫނުގޮސް އެމީހަކާހަމަކުރާނެ،" ޑރ. ޝަހީމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެއްވެސް މީހަކަށް ގެއްލުމެއްދޭން ސަރުކާރުން މަސައްކަތެއް ނުކުރާނެ ކަމަށެވެ. "އަޅުގަނޑުމެން މީހުން ވަޒީފާއިން ވަކިކުރަން ލިސްޓު ހަދައިގެން ނޫޅޭނަން. އަޅުގަނޑުމެން އަބަދުވެސް ބަލާނީ ރައްޔިތުންނަށް ޚިދުމަތް ދެވޭތޯ،" ޝަހީމް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.