މުސްލިމަކަށް ވީހިނދު އެންމެ އިސްކަން ދޭން ޖެހޭ އެއްކަމަކަށް ވާނީ ޙަރާމް ކަންތައްތަކާއި ޙަލާލު ކަންތައްތައްތަކަކީ ކޮބައިތޯ ދެނެގަތުމެވެ. ތިމާ ދިރިއުޅުމުގައި ނިންމާ ކޮންމެ ނިންމުމަކީވެސް ޙަލާލު ގޮތުގައި ކުރެވޭ ކަމެއްތޯ ޔަޤީން ކުރަން ޖެހެއެވެ. އެއީ ފާފައަކަށް އަރައި ނުގަތުމަށްޓަކައެވެ. ފާފައަކަށް އަރައި ގަނެވިއްޖެނަމަ ޢަޒާބު ލިބޭނެކަން ޤަބޫލު ކުރާތީއެވެ. މުސްލިމަކަށް ކާމިޔާބު ހިތްހަމަޖެހޭ ދިރިއުޅުމަކަށް ވާޞިލު ވެވޭނީ މިގޮތުގައި ދެމިހުރެގެންކަން ކަށަވަރެވެ.
ދިރިއުޅުމަށްޓަކައި ކޮންމެ އިންސާނަކީވެސް އާމްދަނީ ހޯދަން ގަދައަޅައި މަސައްކަތް ކުރަންޖެހޭ މީހެކެވެ. އެކި މީހުން ކުރާނީ އެކިކަހަލަ މަސައްކަތެވެ. ސަރުކާރާއި ސިވިލް ސާރވިސްގައި އެއްބަޔަކު މަސައްކަތްކުރާއިރު އަނެއްބަޔަކީ އަމިއްލަ މީހުންގެ ގާތުގައި މަސައްކަތް ކުރާ މީހުންނެވެ. ހަމައެހެންމެ ބައެއް މީހުންނަކީ އެމީހުންގެ އަމިއްލަ ވިޔަފާރިތައް ހިންގައި އެއިން އާމްދަނީ ހޯދާ މީހުންނެވެ. ކޮންމެ ގޮތެއްގައި އާމްދަނީ ހޯދިކަމުގައިވިއަސް ހޯދާ ފައިސާއަކީ ޙަލާލު އެއްޗަކަށް ހަދަންޖެހެއެވެ. އަޅުގަނޑު ޤަބޫލުކުރާހިތްވަނީ އަޅުގަނޑުމެން ކޮންމެ މީހަކީވެސް ޙަލާލު ގޮތުގައި ފައިސާ ހޯދާ މީހަކަށް ވާނެ ކަމަށެވެ.
ވިޔަފާރިއެއް ފަށާނަމަ އެވިޔަފާރިއެއް ފެށުމާ ހިސާބުން ކުރެވޭ ހުރިހާ ކަމަކީ ޝަރީޢާ ހުއްދަ ކުރާގޮތުގައި ކުރެވޭ ކަންތައްތަކަށް ވާންޖެހެވެ. އެގޮތުގައި ފަށާ ވިޔަފާރިއެއްގައި ޝަރީޢާ ހުއްދަކުރާ ގޮތުގައި ވިޔަފާރީގެ މުޢާމަލާތްތަކާއި ގަނެވިއްކުން ކުރިއަށް ގެންދެވޭނަމަ އެއިން ލިބޭ އާމްދަނީ ވެގެން ދާނީ ޙަލާލު އެއްޗަކަށް ކަމާ މެދު ޝައްކެއް ނޯންނާނެއެވެ. ވަޒީފާއެއް އަދާކޮށްގެން ހޯދާފައިސާ އަކީ ވެސް ޙަލާލު އެއްޗަކަށް ހެއްދުމަށްޓަކައި، ތިމާ ކުރާ މަސައްކަތްތަކަކީ ޝަރީޢާ ހުއްދަ ކުރާ މަސައްކަތަކަށް ވާންޖެހެއެވެ.
ޙަލާލުގޮތުގައި ހޯދާ އާމްދަނީ ފަހަށް ރައްކާ ކުރުމުގައި ބޭނުންކުރާ ތަފާތު ނިޒާމުތައް މިހާރު އަޅުގަނޑުމެންގެ ތެރޭގައިވެސް އެބަ އޮތެވެ. ހޯދާ އާމްދަނީ ނުވަތަ ފައިސާ ރައްކާކުރުމުގައި ބޭނުންކުރާ އެފަދަ ނިޒާމްތަކަކީވެސް ޝަރީޢާ ހުއްދަކުރާ ނިޒާމުތައްތޯ ކަށަވަރު ކުރަންޖެހެއެވެ. ވަޒީފާއިން މުސްކުޅި ކުރެވި ރައްކާކުރި ފައިސާކޮޅު ނަގަން ބަލާއިރު ތިމާއަށް ނުވެސް އެނގި އެފައިސާ ޝަރީޢާ ހުއްދަނޫން ކަންކަމުގައި އިންވެސްޓްކޮށް އޭގެ ފައިދާއާއެކު ލިބޭނަމަ އެއީ ޙަލާލު އެއްޗެއްކަމުގެ ޔަޤީންކަމެއް އަޅުގަނޑުމެންނަކަށް ނޯންނާނެވެ.
ޙަލާލުތޯ ބަލާނެ ގޮތަކީ ކޮބައިތޯއެވެ؟ އަޅުގަނޑުމެން އާދައިގެ މީހުންނަށް އޮތް ގޮތަކީ ދަންނަ މީހުންނާ ވާހަކަ ދައްކައިގެން އޮޅުންފިލުވުމެވެ. މިހާރަކަށް އައިސް އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮންނަނީ ސުވާލު ކުރާނޭ މީހަކު ދެނެގަތުމުގެ މައްސަލައެވެ. ދީނީ މައްސަލަތައް އެކި ގޮތްގޮތަށް "އެނބުރެމުން" ދާތީ އިތުބާރު ކުރާނޭ ޢިލްމުވެރިއަކު ފާހަގަ ކުރުމަކީ ދަތި ކަމަކަށް ވަނީ ވެފައެވެ. ގިނަ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އެ މީހަކު އެންމެ ބޮޑަށް އިތުބާރު ކުރާ ޢިލްމުވެރިއެއްގެ މަޝްވަރާއަށް ޢަމަލު ކުރުމެވެ. އަނެއް ގޮތަކީ ދައުލަތުގެ ރަސްމީ އިދާރާގެ މަޝްވަރާއަށް ޢަމަލު ކުރުމެވެ. އަޅުގަނޑުމެންނަށްވެސް މިފަދަ ގޮތަކަށް ޢަމަލު ކުރުމުގެ ފުރުސަތު އެބައޮތެވެ.