ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް ހަމައެކަނި ދިވެހި ބަހުން ވިދާޅުވެގެން ފުއްދާލެވެން ނެތް ކަމަށާއި އެވާހަކަ އިނގިރޭސި ބަހުންވެސް ޓްވީޓެއް ކުރައްވަން އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) ގެ އަރިހުން ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފިއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނެ ކަމަށް އިބޫ ވިދާޅުވުމާއި ގުޅިގެންނެވެ. ލ. ފޮނަދޫގައި ރޭ އޮތް ރައީސް ޔާމީންގެ ކެމްޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އިބޫ އެހެން ވިދާޅުވުމުން އެކަމަށް މަރުޙަބާ ދަންނަވާ ކަމަށާއި، ނަމަވެސް އިބޫ އެހެން އެވިދާޅުވީ މަޖުބޫރުވެވަޑައިގެންނެވުމުން ކަމަށެވެ.
ރައީސް ވިދާޅުވީ އިބޫ ދިވެހި ބަހުން ހަމައެކަނި އެވާހަކަފުޅު އެގޮތަށް ވިދާޅުވުމަށް ފަހު ދޫކޮށްނުލައްވައި އެކަން ސާބިތުވެސް ކޮށްދެއްވަންޖެހިވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ހަމައެގޮތަށް އިނގިރޭސި ބަހުން ޓްވީޓް ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.
އިބޫ ރޭ ދެއްކެވި ވާހަކަފުޅާއި ގުޅުވައިގެން ރައީސް ރޭ އެކަމަށް ރައްދު ދެއްވިއިރު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބުނަމުން ދަނީ އިދިކޮޅު ކޯލިޝަނަށް ވެރިކަން ލިބިއްޖެނަމަ ރާއްޖޭގައި އެހެން ދީން ތަކަށް ފުރުޞަތު ދޭނެކަމަށެވެ. އެގޮތުން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން އެކަމަށް ބާރުދީ އެކަމުގެ ތުހުމަތު އަޅުވަނީ ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ އިސްތަށިފުޅުގައެވެ.
ރައީސް ޔާމީންވެސް ރޭ ވަނީ އިބޫގެ އެ ވާހަކައާއި ގުޅިގެން އިބޫގެ "ރޫޙާނީ ލީޑަރު" (ކުރީގެ ރައީސް ނަޝީދު" އަށް "ހާޓް އެޓޭކެއް" ޖެހިދާނެ ކަމަށް ވިދާޅުވެފައެވެ.