މި ފަހަރުގެ ވޯޓަކީ ޤައުމުގެ ޙައްޤުގައި ދެއްވާ ވޯޓެއްކަމަށް ހައްދަވާ: ރައީސް

މިއީ ސިޔާސީ މޫސުމެއްކަމަށާއި، މި ދުވަސްވަރު އެކި ފަރާތްތަކުން ހަދިޔާ ލިބުނު ނަމަވެސް އެ ހަދިޔާއަށް ނުވަތަ ނުފޫޒަށް ނުހެއްލި މި ފަހަރުގެ ރިޔާސީ އިންތިޚާބުގެ ވޯޓަކީ ޤައުމުގެ ޙައްޤުގައި އިޚްލާސްތެރިކަމާއިއެކު ދެއްވާ ވޯޓެއްކަމުގައި ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުރިހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ހައްދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ލ. މާމެންދޫއަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ނަގާ ވޯޓު ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވާފައިވަނީ ޤައުމީ ވޯޓެއްގެ ގޮތުގައެވެ. އަދި މިވޯޓަކީ އަންނަން އޮތް ޖީލުގެ ހައްޤުގައި ދެވޭ ވޯޓެއްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ވޯޓަކީ އަމާނާތެއްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު މާމެންދޫ ރައްޔިތުންނާ ބައްދަލުކޮށްލައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ދަތިކުރުމަށް ކުރަމުން ގެންދާކަންތައްތައް ހުއްޓާލުމަށް އެދިވަޑައިގެންފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ދީން ހިމާޔަތްކުރުމަށާއި، ޤައުމީ ސިފަތައް ހިމާޔަތްކުރުމަށާއި، ޤައުމަށް ހަލަބޮލިކަން ގެނަޔަ ނުދިނުމަށް ރައްޔިތުން އަދާކުރަންޖެގޭ ދައުރާއިމެދު ވިސްނާލުމަށް ރައްޔިތުންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

މި ސަރުކާރުން، ބޭރުގެ ފަރާތްތަކުން ރާއްޖޭގެ ދާޚިލީކަންކަމާ ބެހެންޖެހޭވަރުގެ ކަމެއްނުކުރާކަމަށާއި، މި ސަރުކާރުން މަސައްކަތްކުރާނީ ރާއްޖޭގެ ޤާނޫނުތައް ތަންފީޒުކުރުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ ރާއްޖޭގައި ޑިމޮކްރަސީ ނެތްކަމަށް ވިދާޅުވާނެ ޖާގަ އެއްވެސް ފަރާތަކަށް ނޯންނާނެކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްރަށައް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ހެނދުނު ވަނީ ލ. ހިތަދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފައެވެ.

މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، ލ. މާބައިދޫއަށް ވަޑައިގެން އެރަށުގައި ތަރައްޤީކޮށްފައިވާ ބަނދަރު ހުޅުއްވައިދެއްވުމަށާއި، ލ. ގަމަށް ވަޑައިގެން ތުނޑީ އަވަށު ބަނދަރު ހުޅުއްވައިދެއްވައި، ހައްދުންމަތީގެ ބޮޑުމަގު ހުޅުއްވައިދެއްވުމަށާއި، ލ. ފޮނަދޫއަށް ވަޑައިގެން އެރަށުގެ ފެނުގެ ޚިދުމަތް ފަށްޓަވައިދެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.