އިންތިޚާބާ ގުޅިގެން ބައެއް އިލްވެރިން ދެއްވާ ފަތުވާ ޤުރުއާނާއި ސުންނަތާ ޚިލާފް: ޝަހީމް

ކުރިއަށްއޮތް ރިޔާސީ އިންތިޚާބާ ބެހޭ ގޮތުން ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ދެއްވަމުން ގެންދަވާ ފަތުވާއަކީ ކީރިތި ޤުރުއާނާއި ކީރިތި ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމްގެ ސުންނަތުގެ މަތިވެރި އަސާސްތަކާ މުޅިން ޚިލާފް ފަތުވާއެއް ކަމަށް ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދު މިރޭ ވިދާޅުވެއްޖެއެވެ.

"އެފަދަ ފަތުވާތައްދީ އިސްލާމްދީނުގެ ގަދަރުކުޑަކޮށް ނުލުމަށް އެބޭފުޅުންނަށް މިރޭ އަޅުގަނޑު ނަސޭހަތްތެރިވަން،" ޝަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. ޝަހީމް މިހެން ވިދާޅުވީ ކާނިވާ ސަރަހައްދުގައި މިހާރު ހިނގަމުންދާ ޕީޕީއެމްގެ ޖަލްސާ "ބްރިޖު ސަޅިވާނެ" ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންތިޚާބާ ބެހޭގޮތުން ޝަހީމް ވިދާޅުވީ އެއްވެސް ފަސްޖެހުމެއްނެތި 23 ސެޕްޓެމްބަރުގައި ނުކުމެ ރައީސް ޔާމީނަށް ރައްޔިތުން ވޯޓު ދެއްވަންޖެހޭ ކަމަށެވެ. ރައީސް ޔާމީނަށް ދެއްވާ ވޯޓަކީ ރާއްޖޭގެ މުސްތަގުބަލަށް ދެއްވާ ވޯޓެއް ކަމަށް ވެސް ޑރ. ޝަހީމް ވިދޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު ޚާއްސައެހީއަށް ބޭނުންވާ މީހުންނާއި ޒުވާނުންތިބީ ހަވާސާ ވެފައި ކަމަށެވެ.

ކުރިމަތިވެގެން އަންނަ އިންތިޚާބަކީ ރާއްޖޭގެ ތާރީޚުގައި އަންނަ އެންމެ ހައްސާސް އިންތިޚާބު ކަމަށް ވެސް ވިދާޅުވިއެވެ. މިއިންތިޚާބު "އަޅުގަނޑުމެން އަތްމަތިން ގެއްލިއްޖެނަމަ" ދިވެހިދައުލަތުގެ މިސްރާބު އިރުން ހުޅަނގަށް ބަދަލުވެގެން ދާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގެ ދީނީ ޢިލްމުވެރިންގެ ފަޅިއަކީ ޕީޕީއެމް ކަމަށެވެ. އެހެންވީމާ އެފަޅިއާ ގުޅިވަޑައިގަތުމަށް މިރޭ ވެސް އެބޭފުޅުންނަށް ދައުވަތު ދެއްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.