(3 ސެޕްޓެމްބަރު 2018 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ނަޞީރާއެކީ ބޭރުގައި އުޅެފައި އައިފަހުން ފަރުޒާނާ މުޅިން ބަދަލު ވެއްޖެއެވެ. މުޅިން ހިމޭން ވެއްޖެއެވެ. ގިނައިން އިންނަނީ ކޮންމެވެސް ޚިޔާލެއްގެ ތެރެއަށް ގެއްލިފައެވެ. އެ ގޭގައި ގެންގުޅޭ ބާނޫއަށް މިކަން އެނގެއެވެ. އޭނާގެ ހިތަށް އަރައެވެ. މިއަންހެން ކުއްޖާ ކޮންމެވެސް މީހެއްގެ ލޯބީގައި ޖެހުނީކަން ކަށަވަރެވެ. އިޤްބާލުގެ މަސްތުގައި ޖެހުނީ ކަމަށް ވެދާނެއެވެ.
އޭނާ ޑްރީމް ކްލަބަށް ތިން ފަހަރު ފޯނު ކޮށްފިއެވެ. އޭނާ އުޅުނީ ހޮނިހިރު ވިލޭރޭ ބޭރަށް ނުދާނޭ ވާހަކަ ނަޞީރު ގާތުގައި ބުނާށެވެ. އެކަމަކު ކޮންމެ ފަހަރަކުވެސް އަނގައިން ނުބުނެ ފޯނު ބާއްވަނީއެވެ.
ފަރުޒާނާ ބުރާސްފަތި ދުވަހުގެ ރޭ އިޤްބާލާއެކީގައި އޭނާގެ ގެއަށް ދިޔައެވެ. އޭރުވެސް ނަޞީރުގެ ދަޢުވަތާމެދު ވަކިގޮތެއް ނުނިންމެއެވެ.
އަޙްމަދު ނިހާލް ފުރަތަމަ ކަޅިއާއެކު ފަރުޒާނާއާ ނުޤަބޫލު ވެއްޖެއެވެ. މި އަންހެން ކުއްޖާޔާއެކު އޭނާގެ ދަރިފުޅަށް އުފާވެރި އުޅުމެއް ނޫޅެވޭނެކަން ނިހާލަށް ޔަޤީނެވެ. އަންހެން ކުއްޖާގެ ކިބައިން އެއްވެސް ޖޯޝެއް ނުފެނެއެވެ. އޭނާގެ ފިނި ވުޖޫދަށް އެއްވެސް ޖަޒުބާތެއްގެ އަސަރު ގެނައުމަކީ ވާނޭ ކަމެއް ނޫނެވެ. އަނެއް ކޮޅުން ނިހާލާ ބައްދަލު ވުމަކުން ފަރުޒާނާ އަކަށްވެސް އެއްވެސް އުފަލެއް ނުލިބުނެވެ. ފަރުޒާނާއަށް ދަޢުވަތު ދެވުނީތީ އިޤްބާލް ދެރަވިއެވެ. އަދި ބައްޕަ ދެކެ ރުޅިވެސް އައެވެ.
* * *
ބުރާސްފަތި ވިލޭރޭ ޝަބާނާ އުޅުނީ ނަޞީރާއެކީގައެވެ. ނަޞީރު ލައްވާ ވާހަކަ ދައްކުވަން މަސައްކަތް ކުރުމުގައެވެ. އެކަމަކު ނަޞީރު މާގިނަ ވާހަކައެއް ނުދައްކައެވެ. ހީވަނީ ޝަބާނާ ފަހަތުން ފިލުވަން އުޅެނީ ހެންނެވެ.
"ކިހިނެއްވީ ހީރޯ-؟ ޚިޔާލު ކުރިހާ ކާމިޔާބެއް ނުވި ދޯ-؟"
"ކޮންކަމެއް-؟"
"ފަރުޒާނާގެ ކަންތައް- ފަރުޒާނާ ކަލެޔާއެކު ދިޔަ- އެކަމަކު ކަލެއަށް އޭނާ އިޤްބާލާ ދުރެއް ނުކުރެވުނު- އަހަރެން އެގޭގައި އުޅޭ ބާނޫއާ ވާހަކަ ދެއްކިން- އޭނާ ބުނީ ފަރުޒާނާގެ މައިންބަފައިން ބޭނުންވަނީ ކާވެނި ވީހައިވެސް އަވަހަކަށް ކުރުވާށޭ- މިއީ މުޖައްރިބު ޚަބަރު-"
ނަޞީރުގެ ސަމާލުކަން ޝަބާނާއާ ދިމާއަށް އެނބުރުނެވެ. "މިދިޔަ ހޮނިހިރު ވިލޭރޭ އޭނާ އުޅުނީ އަހަންނާ އެކީގައި- މާދަމާރޭވެސް އަހަންނާއެކީގައި ދާނެ-"
"އެހެންތަ-؟" ޝަބާނާގެ ބަލިވަމުން ދިޔަ އުއްމީދަށް އަލިކަމެއް ލިބުނެވެ. "އޭނާޔާ ކަލެޔާ ރަނގަޅަށް ގުޅުނީތަ-؟"
"ކީކޭ ބުނާނީ-؟ ހުރިހާ ކުދިންނެއް އެންމެ ފުރަތަމަ ބައްދަލުވުމުގައި އުނގަކަށް ވެއްޓިއެއް ނުގަންނާނެ-"
ޝަބާނާ ފަހަތަށް ޖެހިލިއެވެ. "ޝުކުރިއްޔާ... ތިޔަކުރި ތާރީފަށް ޝުކުރިއްޔާ- ނަޞީރު-" އޭނާ ވަރަށް ދެރަވެފައި ބުނެލިއެވެ. "އަހަރެން ދަނީ-" އޭނާ ދާން ހިނގައިގެންފިއެވެ.
"ޝައްބޫ... ޝައްބޫ- އެއީ ކަލެޔާ ދިމާއަށް ބުނި އެއްޗެއް ނޫން-"
ޝަބާނާ އިރުކޮޅަކަށް މަޑު ޖެހިލިއެވެ. "އަހަރެންގެ ވާހަކަ އަހާ- ފަރުޒާނާ އަކީވެސް އެހާ ސީދާ ސާދާ ކުއްޖެއް ނޫން- އޭނާ ކަލެޔާ އިޤްބާލާ ދެމީހުން އެއްފަހަރާ މޮޔަ ހައްދަނީ-" މިހެން ބުނެފައި ބާރުބާރަށް ގޮސް ނުކުމެއްޖެއެވެ. އޭނާގެ ފިޔަވަޅުގެ އަޑު އެތައް ހިސާބަކަށް އިވެއެވެ.
"ކިހާ ވަރުގަދަކަމެއް-" ނަޞީރު އަމިއްލަ އަމިއްލައަށް ވާހަކަ ދެއްކިއެވެ. "ކިހާ ރީތި ކުއްޖެއް... އެކަމަކު އެންމެ ފަހުގެ ފުރުޞަތު ވެސް އަމިއްލައަށް މި ނަގައިލެވުނީ-"
އެރޭ މިއުޒިކް ކުޅެ ނިމުމާއެކު ރޫފީ ނަޞީރާ ދިމާއަށް ބުނެލިއެވެ. "މާދަމާ ރޭގެ ކަންތައް ރަނގަޅުތަ-؟"
"އަހަންނަށް ހީވަނީ އަހަރެންގެ ސިކުނޑި ގޮވީހެން- ފަރުޒާނާ އަކީ ޙަޤީޤަތުގައިވެސް އަހަރެންގެ ފެންވަރުގެ ކުއްޖެއް ނޫން-"
ރޫފީ އަޑު އިވުނު ކަމަކަށް ނުހެދިއެވެ.
ކުއްލިއަކަށް ނަޞީރުގެ މޫނުމަތި ދިޔައީ އަލި ވެގެންނެވެ. ބާރަށް ހީނގެންފައި ބުންޏެވެ. "އިޤްބާލަށް މިކަންތައް އެނގުނީމާ އަނގަކޮޅު ހުންނަގޮތް ވަރަށް މަޖާވާނެ-"
ރޫފީ ނަޞީރުގެ ކައިރިއަށް އައިސް ހުއްޓިއްޖެއެވެ. "މިހާރު ނުވެ އޮތީ ތިޔަކަން އެކަނި- ފުރަތަމަ އެ ފަކީރަށް ލިބުނީ ފައިސާވެރި އަކަށް ވުމުގެ އަދަބު- މިހާރު ސަބަބަކަށް މިވީ އިޤްބާލު-"
"އޭނާ މާދަމާ ރޭ ނައުންވެސް އެކަށީގެންވޭ-"
"އޭނާ އަންނާނެކަން އަހަންނަށް ކަށަވަރު-" ރޫފީ ވިސްނައިލާފައި ބުނެލިއެވެ.
* * *
"ބޭރަށް ދަނީ އަހަންނާ އެކީގައިކަން ގޭ މީހުންނަށް އެނގުނީމާ ވަރަށް ހަނގުރާމަގަނޑު ބޮޑުވި ދޯ-؟" ނަޞީރު ކުރިޔަށް ބަލަހައްޓައިގެން އިނދެ އަހައިލިއެވެ. އޭނާ ކާރު ދުއްވަމުން ދިޔައީ ވަރަށް މަޑުމަޑުން ހަމަޖެހިގެންނެވެ. މިރޭ ފަރުޒާނާ ގޮވައިގެން ދާން އޭނާ ކަނޑައަޅައިފައި އޮތީ އެހެން ރެސްޓޯރަންޓަކަށެވެ. އެއީ އަގު ބޮޑު ތަނެކެވެ. އެކަމަކު އެހެން މީހުންގެ އުދަނގޫ ކުޑަ ތަނަކަށް ވާތީ އެތަން ޚިޔާރު ކުރީއެވެ.
"މާ ބޮޑު ހަނގުރާމައެއް ނެތް-" ފަރުޒާނާ މަޑުމަޑުން ބުނެލިއެވެ. އޭނާ އިނީ ދެއަތުން މޫނުގައި ހިފަހައްޓައިގެންނެވެ.
"އަހަރެން ހައްދަން ނޫޅޭ-" ނަޞީރު ހީނގަތެވެ. "އަހަންނާ އެކީ ދާން ގަނޑުވަރުން ނުކުންނާނީ ހެމުން ނަށަމުން ނޫންކަން ކަށަވަރު-"
އިރުކޮޅަކު ހިމޭނުން އިނުމަށްފަހު ފަރުޒާނާ ބުނެލިއެވެ. "މަންމަ ރާވާފައި އޮތީ މުޅިން އެހެން މަޝްރޫޢެއް- އެހެން މީހުން މަންމަގެ ރޭވުމާ އެއްގޮތަށް ޢަމަލު ނުކުރީމާ މަންމަ ވަރަށް ރުޅި އާދޭ- އެހެން މީހަކު އަމިއްލަ ގޮތެއް ބޭނުން ކުރުމަކީ މަންމަ ރުހޭ ކަމެއް ނޫން-"
"މަޝްރޫޢު-؟ މިސާލަކަށް އިޤްބާލް އަޙްމަދު... ދޯ-؟" ނަޞީރު އަހައިލިއެވެ.
ފަރުޒާނާ އަނެއްކާވެސް ހިމޭން ވެއްޖެއެވެ. އޭނާގެ ލޮލުގެ ކުރިމަތީގައި އެނބުރެނީ މަންމަގެ މަލާމާތާއި، ނަފުރަތުން ފުރިފައިވާ މޫނެވެ. "އެއީ ކަލޭ ލަދު ގަންނަ ކަމެއް- ލަދުން އޭނާ ގެއަށް ގެންނާކަށްވެސް ކަލެއަކަށް ނުކެރުނު-" މަންމަ އޭނާއާ ދިމާއަށް ބުންޏެވެ.
"އާނ- އަހަރެން ލަދު ގަނޭ- އެކަމަކު އަހަރެން ލަދު ގަންނަނީ މަންމަގެ ކަންތަކާ ހުރެ-"
ނަޞީރު ފަރުޒާނާ ގޮވައިގެން ރެސްޓޯރަންޓަށް ވަދެއްޖެއެވެ. ވަރަށް ހިމޭން މާޙައުލެކެވެ. ފެތުރިފައިވާ ފަނޑު އަލީގެ ސަބަބުން ތަނަށް ވެރިވެފައިވާ ޖާދޫ އިތުރު ވެފައި ވެއެވެ. ނަޞީރަށް ރަނގަޅަކަށް ނުވެސް ކެވުނެވެ. ހިތުގައި އުފެދޭ ނަފުރަތުގެ ސަބަބުން ބައެއް ފަހަރަށް ނޭވާލާންވެސް އުނދަގޫވެއެވެ. ފަރުޒާނާމެން ގެއަށް އޭނާއަކަށް ވަދެވޭކަށް ނެތެވެ. އިޤްބާލު އެގެއަށް ވަދެ އުޅުމަކީ އެމީހުންނަށް ލިބޭ އުފަލެކެވެ. ސަބަބަކީ ހަމައެކަނި އިޤްބާލު މުއްސަނދި ވެފައި އޭނާ ފަޤީރުވީކަމެވެ. ފަރުޒާނާގެ ކިބަޔަކުން އޭނާއަކަށް ވަކި ޚާއްޞަ ކަމެއް ނުފެނެއެވެ. މިދިޔަ ހޮނިހިރު ވިލޭރޭ އާދައިގެ އަންހެން ކުދިންހެން... ދޮންވެ ފައްކާވެފައިވާ މޭވާ އެއްހެން ފަރުޒާނާ ހުރީ އޭނާގެ އުނގަށް ވެއްޓި ގަންނަން ތައްޔާރަށެވެ.
ކައި ނިމުމާއެކު ކޮފީ ގެނެސްފިއެވެ. ނަޞީރު ފަރުޒާނާގެ އަތުގައި ހިފަހައްޓައިލިއެވެ. މިފަހަރު އޭނާއަށް އިޙްސާސް ކުރެވުނު ގޮތުގައި މާކުރީއްސުރެވެސް ފަރުޒާނާގެ ވިންދު ވަނީ އަވަސް ވެފައެވެ. ހީވަނީ ވިރިދާނެ ހެންނެވެ. މި ވަގުތު އޭނާގެ ޚިޔާލަށް އަންނަނީ ނަޖްމާއާއި، އިޤްބާލް އަޙްމަދެވެ. އެކަމަކު މިވަގުތު އެމީހުން ފެންނަނީ މާ ދެރަކޮށެވެ. މާ ނިކަމެތި ބައެއްގެ ގޮތުގައެވެ. އޭނާ ވަނީ އެމީހުންނަށްވުރެ މާ މަތީގައެވެ. ހުރިހާ ކަމެއް މި ވަގުތު ވަނީ އޭނާގެ ފުރިހަމަ ބާރުގެ ދަށުގައެވެ.
ކުއްލިއަކަށް އޭނާއަށް ޚިޔާލެއް ކުރެވިއްޖެއެވެ. އޭނާއަށް ލިބިފައިވާ ހުރިހާ ބާރެއްގެ ބޭނުން ކުރުމަކީ މިހާރު އުނދަގޫ ކަމަކަށް ނުވާނެއެވެ. އެކަމަކު ވަގުތީ ފަތަޙައެއްގައި އޮތީ ކޮން ފޮނި ކަމެއްހެއްޔެވެ؟ އޭނާ ލޯބީގެ އަލިފާނުގައި އަނދަމުންދާ ފަރުޒާނާއާ ދިމާއަށް ބަލައިލިއެވެ. "ފަރުޒާނާ- އަހަރެން ފަރުޒާނާގެ އަގު ވައްޓައެއް ނުލާނަން- މީހުންގެ ކުރިމަތީގައި ލަދުގަންނަން ޖެހޭ ފަދަ ކަމެއް ނުކުރާނަން- އަހަރެން ބޭނުންވަނީ ފަރުޒާނާއާ ކާވެނިކުރަން-"
(ނުނިމޭ)