މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސައިން ފުލުހަށް ހާޒީރުވާން އަންގައިފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ޝައިޚް އިލްޔާސް ފުލުހަށް ހާޒިރުވާން އެންގެވީ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި އިލްޔާސް ހުސައިން ދެއްކެވި ވާހަކައަކާ ބެހޭގޮތުން ސުވާލުކޮށް އިތުރު މައުލޫމާތު އޮޅުން ފލުވަން ކަމަށް ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަހުމަދު ޝިފާން ވިދާޅުވިއެވެ.
ސެޕްޓެމްބަރ އެއްވަނަ ދުވަހުގެރޭ އައްޑޫ ސިޓީގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝައިޚް އިލްޔާސް ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލައަށް ގިނަދުވަސް ވެގެން ދިޔައިރު އެކަން ތަހުގީގު ނުކުރެވުނީ ކީއްވެތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އަފްރާޝީމްގެ މަރާ ގުޅިގެން ރަހުމެއްނެތް ގޮތުގައި 9 ޒުވާނަކު މަރާލުމުން އެކަން ވެސް ތަހުގީގު ނުކުރެވި ވާކަމަށް އިލްޔާސް ވިދާޅުވި ކަމަށެވެ.
ޝިފާން ވިދާޅުވީ އެ މައުލޫމާތަކީ މިހާތަނަށް އެއްވެސް ފަރާތަކުން ފުލުހުންނާ ހިއްސާ ކޮށްފައިވާ މައުލޫމާތެއް ނޫން ކަމަށެވެ. އެފަދަ ނުރައްކާތެރިވާ ވާހަކައެއް ފުލުހުންނާ ހިއްސަ ނުކުރައްވައި ޝައިޚް އިލްޔާސް މިހާ ދުހު ހުންނެވީތީ ސުވާލު އުފެދޭ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.
"ޝައިޚް އިލްޔާސް ހުސައިން މި ހާމަކުރެއްވި މައުލޫމާތަކީ ހަމަ ގައިމުވެސް މި މައްސަލައިގެ ތަހުގީގަށް އެއްވެސް ފަރާތަކުން ހިއްސާކޮށްފައިވާ މައުލޫމާތެއް ނޫން. އަދި މިހާތަނަށް ފުލުހުންގެ އިދާރާއާ ވެސް އެއްވެސް ފަރާތަކުން ހިއްސާ ކޮށްފައިވާ މައުލޫމާތެއް ނޫން. އަޅުގަނޑުމެންނަށް ސުވާލު އުފެދޭ މިހާގިނަ ދުވަސްވެގެންދިޔައިރު މިފަދަ ނުރައްކާތެރި ވާހަކައެއް ފުލުހުންނާއި ދައުލަތާ ކަމާގުޅޭ ހުރިހާ ފަރާތްތައް ފަޟީހަތްވެ ފިތުނަ އުފެއްދުމުގެ ނިޔަތުގައި މިވާހަކަ ދެއްކެވިއިރު މިހާ ގިނަދުވަސްވީއިރު ރަސްމީ ސިފައެއްގައި ނުވަތަ ނުރަސްމީ ސިފައެއްގައި ވިޔަސް ފުލުހުންނާ ހަމައަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް ހުށަނޭޅުއްވީ ކީއްވެގެންތޯ،؟" ޝިފާން ވިދާޅުވިއެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެފައިވާ މިދަނޑިވަޅުގައި އަދި ކުރިއަށް ރިޔާސީ އިންތިޚާބު އޮއްވައި ޝައިޚް އިލްޔާސް ހުސައިން މިފަދަ ވާހަކައެއް ދެއްކެވީ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލް ކުރުމުގެ ނިޔަތުގައި ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ. އަދި އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ދެއްކެވި ވާހަކައެއް ކަމަށް ފުލުހުން ގަބޫލުކުރާ ކަމަށް ވެސް ޝިފާން ވިދާޅުވިއެވެ.