ހުވަދު އަތޮޅުގައި އިންޓަރނޭޝަނަލް ޕޯޓަކާއި އެއާޕޯޓެއް އަޅައިދޭނަން: އިބޫ

މުޅި ދުނިޔޭގައި ވެސް އޮތް އެންމެބޮޑު އަތޮޅަކީ ހުވަދުއަތޮޅު ކަމަށާއި އެހެން ކަމުން ތަރައްގީގެ މަޝްރޫއުތައް ގެންނައިރު އެކަން ހަނދާން ބަހައްޓައިގެން އެއަތޮޅުގައި އިންޓަރނޭޝަނަލް ޕޯޓަކާއި އެއަރޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ގއ. ވިލިގިލީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ރާއްޖެ ހުރަސްކޮށް ބޭރަށް ބޯޓުފަހަރު ދަތުރުކުރާ ވަރަށް މުހިންމު ދެ ޗެނަލް ހުވަދު އަތޮޅުގައި އެބައޮތް ކަމަށެވެ. އޭގެ ފައިދާ އެންމެ ބޭނުންތެރި ގޮތުގައި ހިފަންޖެހޭ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތައް ހިންގާއިރުގައި ސީދާ އެ އަތޮޅުން ރާއްޖެއިން ބޭރަށް ދެވެންޖެހޭނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ. އެއީ އަތޮޅުގެ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމުގައި ހުވަދުއަތޮޅުގައި އިންޓަރނޭޝަނަލް ޕޯޓަކާއި އެއާޕޯޓެއް ހެދިގެންދާނެ،" އިބޫ ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވިލިގިއްޔަކީ މަސްވެރި މަސައްކަތްތެރި މީހުން އުޅޭ ރަށެއް ކަމަށެވެ. އެރަށާ ޖެހިގެން އޮތީ މިފްކޯއިން ހިންގާ ކޫއްޑޫ ކަމަށާއި މިއަދު ވިސްނުމަކަށްވާނީ ފަސޭހައިން އެއްތަނުން އަނެއްތަނަށް ދެވޭނެގޮތް ހޯދުން ކަމަށް ވެސް ވިދާޅުވިއެވެ. އެހެން ކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި ވިލިގިއްޔާއި ކޫއްޑޫ ބްރިޖަކުން ގުޅުވައި ދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މާލެއާއި ހުޅުލެއާ ދެމެދު އަޅައިފައިވާ ބްރިޖު 79 މިލިއަން ޑޮލަރުން ނިމޭ ކަމަށް ވިޔަސް އެތަން ނިންމާފައި އެވަނީ 300 މިލިއަން ޑޮލަރަށްވުރެ ބޮޑު އަގުގައި ކަމަށް އިބޫ ވިދާޅުވިއެވެ. އެހެން ކަމުން ކޫއްޑުއާއި ވިލިގިލި ވަރަށް ކުޑައެއްޗަކުން ގުޅުވައިލެވޭނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރަށް ހުވަދުއަށް ބާނާ މަސް ހަމައެކަނި ފިނިކޮށްގެން ބޭރުކުރުމުގެ ބަދަލުގައި ޕްރޮސެސް ކުރުމަށް ކޭނިންފެކްޓްރީއެއް އެ ސަރަހައްދުގައި ހުޅުވިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.