ފަލަސްޠީނުގެ ރެފިއުޖީންގެ ކަންތައް ބަލަހައްޓާ އދ. ގެ އިދާރާ، ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާކްސް އެޖްންސީ ފޯ ޕެލެސްޓައިން ރެފިއުޖީސް އިން ދަ ނިޔާ އީސްޓް (އަންރުވާ) އަށް އެމެރިކާއިން ދެމުން އައި އެހީ އެމެރިކާއިން ކަނޑާލުމާ ގުޅިގެން އެ އިދާރާއަށް ޖަރުމަަނުން ދޭ އެހީ އިތުރުކުރަން އެގައުމުން ނިންމައިފިއެވެ. އަދި ޖަރުމަނުން ވަނީ، އެ ގައުމު ހިނގި މަގުން ހިނގައި، އަންރުވާއަށް ދޭ އެހީ އިތުރުކުރުމަށް ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ މެންބަރު ގައުމުތަކަށް ގޮވައިލާފައެވެ.
ވިއެނާގައި ބުރާސްފަތި ދުވަހުން ފެށިގެން ބައްދަލަވުމެއް ކުރިއަށް ގެންދެވި އީޔޫގެ ޚާރިޖީވަޒީރުންނަށް އިއްޔެ ފޮނުއްވި ސިޓީފުޅެއްގައި ޖަރުމަނުގެ ޚާރިޖީ ވަޒީރު ހެއިކޯ މާސް (ހުކުރު ދުވަހު) ވިދާޅުވީ އެމެރިކާއިން އަންރުވާއަށް ދޭ އެހީ ކަނޑާލުމުން އެ އިދާރާގެ މަސައްކަތްތައް ހުއްޓިދާނެ ކަމުގެ ނުރައްކާ ކުރިމަތިވެފައިވާ ކަމުގައެެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ޖަރުމަނުން މިހާރު ދަނީ އިތުރު އެހީ ދިނުމަށް ތައްޔާރުވަމުންެނެވެ. އެހެންނަމަވެސް، އޭނާ ވަކި އަދަދެއް ހާމަކުރައްވާފައި ނުވެއެވެ.
އެެމެރިކާއިން މިއަހަރު އަންރުވާއަށް ދޭން ކަނޑައަޅާފައި އޮތް 300 މިލިއަން ޑޮލަރުގެ އެހީގެ ތެރެއިން އެންމެ 60 މިލިއަން ޑޮލަރު ދިނުމަށްފަހު، އެމެރިކާއިން ދޭ އެހީ މުޅިން ކަނޑާލަން ނިންމިކަން މިހާރު ވަނީ އިއުލާންކޮށްފައެވެ.
އަންރުވާ ކޮމިޝަނާ ޖެނެރަލް ޕިޔާ ކްރޭންބުލް ވިދާޅުވިގޮތުގައި އަންރުވާ މިއަަހަރަށް ކުރަމަތިލީވެސް 446 މިލިއަން ޑޮލަރުގެ ބަޖަޓު ދަރަންޏަކާ އެކުގައެވެ. އެއީ "އިންސާނީ އެހީދޭ ޖަމާއަތަކަށް އުނދަގޫ ހާލަތެކެވެ." އެހެންނަމަވެސް، އަަހަރު ދެބައިވިއިރު އެ އިދާރާއަށް ވަނީ 238 މިލިއަން ޑޮލަރު ހޯދިފައެވެ. އެ ފައިސާއިން ދިރާސީ އައު އަަހަރަށް ތައްޔާރުވެވުނެވެ. އެހެންނަމަވެސް، މިއަަހަރު ކުރަން ހުރި އެހެންކަންތައް ނިންމެން އަންނަނީ އަދި 200 މިލިއަން ޑޮލަރު ލިބިގެންނެވެ.
އަންރުވާއަކީ ޖޯޑަން، ސީރިޔާ، ލެބެނާން، ހުޅަނގު އައްސޭރި އަދި ޣައްޒާގައި ދިރިއުޅޭ ފަލަސްޠީނުގެ ރެފިއުޖީންގެ ކަންތައް ބެެލެެހެއްޓުމުގެ މަގުސަދުގައި 1949 ވަނަ އަހަރު އުފެއްދި އިދާރާއެކެވެ.
ޑޮނާލްޑް ޓްރަމްޕް އެމެރިިކާގެ ރައީސުކަމާ ހަވާލުވެވަޑައިގަތް ފަހުން، އެމެރިކާގެ ސިޔާސަތު ކުރިއަށް ވުރެވެސް ބޮޑަށްއިސްރާއީލުގެ ކޮޅަށް ޖެހެމުން ދާކަން ފާހަގަކުރެވެއެވެ. މިއައި ބަދަލާއެކު ފަލަސްޠީނު މީހުންނަށް ދޭ އެހީ އެމެރިިކާއިން ކަނޑާލުމަކީ އަންރުވާގެ އިންސާނީ މަސައްކަތް ކުރިއަށް ގެންދިއުމަށް އެޅުނު އެންމެ ބޮޑު ހުރަހެވެ.