ބަޔަކު ނުކުމެ ފެން ހޮޅިއެއް ފަޅާލުމާގުޅިގެން، އިރުމަތިީ އެފްރިކާގެ ގައުމެެއް ކަމުގައިވާ ޓެންޒޭނިޔާގެ ދެކުނުގެ އަވަށެއްގެ އެންމެން ހައްޔަރުކުރަން ނިންމައިފިކަމަށް އެގައުމުގެ ފުލުހުން ބުނެފިއެވެ.
ސަރުކާރުން ތުހުމަތުކުރާ ގޮތުގައި ކައިރީގައި އޮންނަ އެމްބެޔާ ސަރަހައްދަށް ފެން ފޮނުވަން އަޅާފައި އޮތް ހޮޅި ފަޅާލުމަކީ އެންގޯލޯ އަވަށުގެ މީހުން ގަސްތުގައި ކުރިކަމެކެވެ. އެ ސަރަހައްދުގެ ގަވަރުނަރު އަލްބަޓް ޗަމާލިޔާ ވަނީ "މީހުންގެ ހާލަތަށް ބެލުމެއް ނެތި އަވަށުގެ ހުރިހާ މީހުން ހައްޔަރުކުރުމަށް" އަމަރު ނެރުއްވާފައެވެ.
އެ އަމުރާ ގުޅިގެން ފުލުހުން ވަނީ އަވަށުގެ މީހުން ހައްޔަރުކުރުމަށް އެތައް އުޅަނދަކާއި އޮފިސަރުންނެއް އެސަރަހައްދަށް ފޮނުވާފައެވެ. ފުލުހުންގެ ސަރަހައްދީ ކޮޮމާންޑަރު އަލްރިޗް މާޓީ ބުނިގޮތުގައި "އެމީހުން ވަނީ އިގްތިސާދީ ޖަރީމާއެއް ހިންގާފައި. ސަރުކާރުން ވަނި ފައިސާ ޚަރަދުކޮށްގެން ފެންހޮޅި އަޅައިދީފައި. ދެން އެމީހުން އެ ހަލާކުކޮށްލުމަކީ އަހަރުމެން ބަަލައިގަންނާނެ ކަމެއް ނޫން."
ފުލުހުންގެ ކޮމާންޑަރު އިތުރަށް ބުނި ގޮތުގައި އޭނާ ވަނީ އަވަށުގެ އެންމެން ހައްޔަރުކޮށްގެން ގެންނަން ބޭނުންވާވަރަށް އުޅަނދު ފަހަރާ އެއަށް ބޭނުންވާނެ ތެޔޮ ފޮނުވާފައެވެ.
ފެންހޮޅި ފެޅުމުގެ ހާދިސާގެ މާބޮޑު ތަފްސީލެއް ނޭނގެއެވެ. 1600 މީހުން ދިރިއުޅޭ އެންގޯލޯ އަވަށް އޮންނަނީ ފެން ލިބުން ވަރަށް ދަތި ސަރަހައްދެއްގައެވެ.