މިސްކިތެއް ތަޅާލަން އުޅޭތީ ޗައިނާގެ މުސްލިމުން އިހުތިޖާޖުކުރަނީ

ޗައިނާ ސަރުކާރުން ތަޅާލަން މަސައްކަތްކުރާ މިސްކިތް: ވެއިޒޫ ގްރޭންޑް މޮސްކް

ޗައިނާގެ ހުޅަނގު އުތުރުގައި ސަރުކާރުން މިސްކިތެއް ތަޅާލަން އުޅޭތީ، އެސަރަހައްދުގެ މަސްއޫލުވެރިންނާ މުސްލިމުންގެ އެތައް ހާސް ބަޔަކު ކުރިމަތިލައި އިހުތިޖާޖުކުރަމުން އެބަދެއެވެ.

ޗައިނާ ސަރުކާރުގެ މަސްއޫލުވެރިން ބުނަނީ ނިންގްޒިއާ ސަރަހައްދުގެ ވެއިޒޫ ގްރޭންޑް މޮސްކް ބިނާކޮށްފައި ވަނީ އިމާރާތްކުރުމުގެ ގަވާއިދުތަކާ ޚިލާފަށް ކަމުގައެެވެ. އަދި މިސްކިތް ބިނާކުރުމަށް ނަގަންޖެހޭ ހުއްދަތައް ނަގާފައި ނުވާ ކަމުގައެވެ.

އެހެންނަމަވެސް، އެ މިސްކިތަށް ނަމާދަށްދާ މުސްލިމުން ވަނީ އެ މައްސަލައިގައި ފަހަތަށް ޖެހުމަށް ދެކޮޅު ހަދައިފައެވެ. އެމީހުން ބުނީ އެމީހުން "ސަރުކާރަށް މިސްކިތުގައި އަތްލިޔަ ނުދޭނެ" ކަމުގައެވެ.

ޗައިނާގައި ދިރިއުޅޭ މުސްލިމުންގެ އަދަދު 23 މިލިއަނަށް އަރައެވެ. އަދި ނިންގްޒިއާ ސަރަހައްދުގައި މުސްލިމުން ދިރިއުޅޭތާ އެތައް ގަރުނެއް ވެއްޖެއެވެ. އެހެންނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނަނީ ފަހަކަށް އައިސް ބޭރުގެ ދީންތަކާ، ޚާއްސަކޮށް އިސްލާމްދީނާ، މެދު ޗައިނާގެ މަސްއޫލުވެރިންގެ ވިސްނުން ހަރުކަށިވަމުން ދާކަމުގައެވެ.

އެތައް މުންނާރަކާ، އެތައް ގުއްބައެެއް އެކުލެވޭ ވެއިޒޫ ގްރޭންޑް މޮސްކަކީ މެދުއިރުމަތީގެ ވައްޓަފާޅިއަށް އިމާރާތްކޮށްފައިވާ މިސްކިތެކެވެ. ޒަމާނުއްސުރު ޗައިނާގެ ހުއި ދަރިކޮޅުގެ މުސްލިމުން މިސްކިތައް އިމާރާތްކުރަމުން އައިސްފައިވަނީ އެމީހުންގެ އަމިއްލަ ވައްޓަފާޅިއަށެވެ. ލަަފާކުރެވޭ ގޮތުގައި މިފަހަރު ޗައިނާ ސަރުކާރުން މިސްކިތް ތަޅާލަން އުޅެނީ މެދުއިރުމަތީގެ ގޮތްގަނޑު މިސްކިތުން ފެނުމުން އެއީ އަރަބި ނުފޫޒުގެ ރަމްޒަކަށް ވެދާނެތީ އެވެ.

އެ މިސްކިިތް ބިނާކޮށްފައިވަނި އިމާރާތްކުރަން ނަގަންޖެހޭ ހުއްދަތައް ނުނުގައި ކަމަށް ބުނެ އިއްޔެ (ހުކުރު ދުވަހު) މިސްކިތް ތަޅާލާނެ ކަމުގެ ނޯޓިސް މި މަހުގެ 3 ވަނަ ދުވަހު ސަރުކާރުން ދިނެވެ.

އެެންމެ ފަހުން ލިބުނު ޚަބަރުތައް ބުނާ ގޮތުގައި ސަރަހައްދީ ސަރުކާރުގެ މަސްއޫލުވެރިން މިހާރު ވަނީ މިސްކިތް ތަޅާލުން މަޑުޖައްސާލުމަށް އެއްބަސްވެފައެވެ. އަދި މިސްކިތް ތަޅާނުލައި އިމާރާތަށް ބަދަލުތަކެއް ގަނައުމާ ބެހޭގޮތުން މުސްލިމް ޖަމާއަތްތަކާ ވާހަކަދައްކަން އެއްބަސްވެފައެވެ.

ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން އެތައްހާސް މުސްލިމިން މިސްކިތުން ނުނުކުމެ އެބަތިބިކަމަށް ވެއެވެ. ސަރަހައްދީ ސަރުކާރުގެ މަސްއޫލުވެރިން އެބައިމީހުންނާ ވާހަކަ ދައްކަމުން ދާއިރު އަދިވެސް ގިނަ ބަޔަކު މިސްކިތް ދޫކޮށް ދާން އެއްބަސް ނުވެއެވެެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.