ޑރ. ޝަހީމް ފުވައްމުލަކަށް ފުރައިވަޑައިގެންފި

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ކެންޕޭން ދަތުރުފުޅެއްގައި ފުވައްމުލަކަށް ފުރައިވަޑައިގެންފިއެވެ.

އެމަނިކުފާނު ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވާ ބޯޓު އެސިޓީގެ އެއާޕޯޓުގައި ޖައްސާނެ ކަމަށް ބެލެވެނީ 7:45 އާއި 8:30 ދެމެދުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

ފުވައްމުލަކަށް ވަޑައިގެންނެވުމުގެ ކުރިން މީޑީއާއަށް މައުލޫމާތު ދެއްވަމުން ޝަހީމް ވިދާޅުވީ މިދަތުރުގައި ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންނަށް ބޭނުންވާ ކަންކަން އޮޅުންފިލުއްވާނެ ކަމަށެވެ.

އެމަނިކުފާނު މިއަދުވެސް ވިދާޅުވީ ރައީސް ޔާމީން ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށާއި ކާމިޔާބު ކުރައްވާނީ އިދިކޮޅު މީހުންގެ ވެސް ވޯޓާއެކީގައި ކަމަށެވެ.

ޝަހީމް ވިދާޅުވީ ސަރުކާރާ އިދިކޮޅު ފަރާތްތައް ތިބޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެހެންނަމަވެސް ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ މީހުންނާ ވާހަކަ ދައްކަވައިގެން އެކަންކަން ހައްލު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޑރ. ޝަހީމް ވިދާޅުވީ މިއީ ވަރަށް އުންމީދީ ދަތުރެއް ކަމަށެވެ. މިދަތުރުގައި އުފާވެރި ޚަބަރުތަކެއްވެސް ފުވައްމުލަކު ސިޓީގެ ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.