ވިޔަފާރިތަކަށް އައްޑޫސިޓީން ބިން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލައިފި

އައްޑޫ ސިޓީގައި ވިޔާފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ބިން ކުއްޔަށް ހިފުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން ހުޅުވާލައިފިއެވެ.

އެމިނިސްޓްރީން ކުރައްވައިފައިވާ އިއުލާނެއްގައި ވިދާޅުވެފައިވަނީ ވިޔަފާރި ކުރުމަށް ބޭނުންވާ ފަރާތްތަކަށް ފޭދޫއިން 25 ބިމެއް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. ފޭދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ ބިންތަކުގެ ތެރޭގައި ހިމެނެނީ އެއްހާސް އަކަފޫޓާއި 1500 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

މަރަދޫ ފޭދޫއިން 10 ބިމެއް ދޫކުރުމަށް ވަނީ ނިންމަވައިފައެވެ. އެއީ އެއްހާސް އަކަފޫޓާއި ބާރަސަތޭކަ އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. މަރަދޫއިން ދޫކުރަނީ އެއް ހާސް އަކަފޫޓުގެ ހަ ބިމެވެ. ހިތަދޫ އިން 14 ބިމެއް ކުއްޔަށް ދޫކުރުމަށްވަނީ ނިންމައިފައެވެ. އެއީ އަށާރަ ސަތޭކަ އަކަފޫޓާއި ދެހާސް ނުވަ ސަތޭކަ އަކަފޫޓާ ދެމެދުގެ ބިންތަކެކެވެ. ހުޅުދޫއިން 7 ބިމެއް ކުއްޔަށް ދޫކުރަންވަނީ ނިންމައިފައެވެ. އެއީ ދެހާސް އަކަފޫޓާއި ތިންހާސް އަކަފޫޓުގެ ހަތް ބިމެވެ. އޭގެ އިތުރަށް ތިންހާސް އަކަފޫޓުގެ 6 ބިމެއް މީދޫ އިން ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބިންތަކުގެ ތެރެއިން ބަނދަރު ސަރަހައްދުގައި ހިމެނޭ ބިންތައް ކުއްޔަށްދެވޭނެ އެންމެ ކުޑައަގަކީ އަކަފޫޓެއް 3 ރުފިޔާއަށެވެ. ލިންކް ރޯޑު ނުވަތަ ޕްރައިމަރީ މަގުތަކުން ކުއްޔަދެވޭނެ އެންމެ ކުޑައަގަކީ 2.60 ރުފިޔާއެވެ. ހިތަދޫ އީސީސީ ސަރަހައްދުން ބިން ދޫކުރުމަށް ހަމަޖެހިފއިވާ އެންމެ ކުޑައަގަކީ އަކަފޫޓެއް 2.20 ރުފިޔާއެވެ. އެހެނިހެން ސަރަހައްދު ތަކުން އަކަފޫޓެއް ދިނުމަށް ހަމަޖެހިފައިވާ އެންމެ ކުޑައަގަކީ 1.80 ރުފިޔާއެވެ.

މި ބިންތައް ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 5 އަހަރުގެ މުއްދަތަކަށެވެ. ކުއްޔަށް ހިފަން އެދޭ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެއްސަކަށްވުން، އައްޑޫ މީހަކަށްވުން، ސޯލްޕްރޮފަރީޓަރޝިޕެއްނަމަ އައްޑޫ ރައްޔިތަކަށް ނިސްބަތްވާ ސޯލްޕްރޮފަރީޓަރޝިޕަކަށް ވުން ހިމެނެއެވެ.

މީގެ ދަށުން ކުއްޔަށް ދޫކުރެވޭ ބިމުގައި އެންމެ އުސްކޮށް އިމާރާތް ކުރެވޭނީ 2 ބުރިއަށް ކަމަށް ވެސް ހައުސިން އިން ވިދާޅުވެފައިވެއެވެ.

މި ބިންތައް ކުއްޔަށް ހިފަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމާއެކު އޯގަސްޓް 12 ވަނަ ދުވަހުގެ 14:00 ކުރިން އައްޑޫސިޓީގައި ގާއިމްކޮށްފައިވާ ހައުސިން މިނިސްޓްރީގެ އޮފީހަށް ހުށަހެޅުމަށް އެ މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.