މަޅުމަތި: ނޫސްވެރިން ތިބީ ވިކިފައި

ސިޔާސީވެރިޔާ ނޫސްވެރިން އެއްކުރައްވައިގެން ވާހަކަފުޅު ދައްކަވަނީއެވެ.

މި ރާއްޖޭގެ ނޫސްވެރިކަން ވަރަށް މިނިވަނެވެ.

އެކަމަކު ނޫސްވެރިން މިނިވަނެއް ނޫނެވެ.

ނޫސްވެރިން ތިބެނީ ވިކިފައެވެ.

ފައިސާއާއި ތަކެއްޗަށް ހެއްލި ގެއްލިފައެވެ.

ރަނގަޅަކަށް ނޫސްވެރިކަމެއް ނުކުރެއެވެ.

ގައުމަކަށް ހެވެއް ނޭދެއެވެ.

ގައުމު ހަލާކުވެ ނެތިގެން ދިޔަޔަސް އެމީހުންނަށް އެންމެ ރަނގަޅެވެ.

ލިޔާ ޚަބަރަކަށް ތެދުވެރިއެއް ނުވެއެވެ.

ޚަބަރު ކިޔާ މީހުންނަކަށް ތެދުވެރިއެއް ނުވެއެވެ.

ނޫސްވެރިކަމާ ބެހޭ ގާނޫނުތައް ހެދިފައި ހުރީ ރަނގަޅަށެވެ.

ގަވާއިދުތައް ހުރީ ބަރާބަރަށެވެ.

ރަނގަޅަށް ނޫސްވެރިކަން ކުރާ މީހަކަށް ނުރައްކަލެއް ނެތެވެ.

އެއްވެސް ބިރެއް ނެތެވެ.

އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟

މި ރާއްޖޭގެ ނޫސްވެރިން ތިބެނީ ވިކިފައެވެ.

* * *

ސިޔާސީވެރިޔާގެ ވާހަކަ މިހިސާބަށް ދިޔަތަނާ ފަހަތުގައި ހުރީ ނޫސްވެރިޔަކު ތެދުވެއްޖެއެވެ.

އެންމެންނަށް އިވޭ ވަރަށް ބާރަށް އަހައިލިއެވެ.

ސާހިބާއެވެ. ނޫސްވެރިން ގަންނަނީ ކާކުތޯއެވެ؟

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.