މިޔަންމާގައި ފެންބޮޑުވެ އެއްލައްކަ ވިހިހާސް މީހުން ހާލުގައި ޖެހިއްޖެ

މިޔަންމާގެ އިރުދެކުނު ސަރަހައްދުގެ އަވަށެއް ފެނުއަޑީގައި

މިޔަންމާ (ބަރުމާ) ގެ އިރުދެކުނުގެ ބޮޑުބައެއްގައި ފެންބޮޑުވުމުގެ ސަބަބުން 11 މީހުން މަރުވެ، 1 ލައްކަ 20 ހާސް މީހުން ގެދޮރު ދޫކޮށް ދާން ޖެހިއްޖެއެވެ. ގިނަ ބަޔަކު ގެދޮރު ދޫކޮށް ކުޑަކުދިން ކޮނޑު މައްޗަށް ލައިގެން ހިކި ހިސާބުތަކަށް ދަތުރުކުރާ ތަން ފެނިފައި ވެއެވެ.

އޭއެފްޕީ އާއި މިއަދު ވާހަކަ ދެއްކި މަސްއޫލުވެރިއަކު ބުނި ގޮތުގައި މިހާތަނަށް 1 ލައްކަ 18 ހާސް މީހުން ވަނީ 285 ވަގުތީ ކޭންޕުގައި ހިމާޔަތް ހޯދާފައެވެ. އަދި ސިފައިންގެ 3 މީހުންނާއެކު 11 މީހުން މަރުވެފައިވާ އިރު، މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

އަންގާރަ ދުވަހު (މިއަދު) ވެސް ބޯކޮށް ވާރޭ ވެހި، އިރުދެކުނުގެ ހަތަރު ޕްރޮވިންސެއްގައި ދަނޑު ބިންތައް ފެނު އަޑިއަށް ގޮސް، ފަން ޖިފުޓިތަކުގެ ފުރާޅާ ހަމައަށް ބައެއް ހިސާބުތަކުގައި ފެންގަނޑު އަރާފައިވާ އިރު، އެ ސަރަހައްދުތަކުގެ މަސްއޫލުވެރިން އަވަދިނެތި މަސައްކަތްކުރަމުން ދަނީ ހާލުގައި ޖެހިފައިވާ މީހުންނަށް ހިމާޔަތް ދިނުމަށެވެ. އެހީދޭ މީހުން ބޮޑުވެފައިވާ ފެންގަނޑު ތެރެއިން ބޯޓުފަހަރާއި، ބޮއްކުރާ ފަހަރަށް މީހުން ނަގަމުންދާ މަންޒަރު ފެނިފައިވެއެވެ.

ފެންބޮޑުވެފައިވާ ސަރަހައްދުތަކުގައިވާ ކޯރުތަކުގައި ނުރައްކާތެރި ދަރަޖައަށް ފެންބޮޑުވެ ބަންޑުންވަމުން ދާއިރު، 36 ޑޭމެއް ހިމެނޭ ސަރަހައްދުތަކުގައި ފެންގަނޑު ބޮޑުވެ ބަންޑުންވަމުން ދާކަމަށް މިޔަންމާގެ ނޫހެއް ކަމުގައިވާ ގްލޯބަލް ނިއު ލައިޓް އޮފް މިޔަންމާ އިން ޚަބަރު ދީފައި ވެއެވެ.

ޓިބެޓުން ފެށިގެން ޗައިނާ، މިޔަންމާ، ލާއޯސް، ކެންބޯޑިޔާ، ތައިލޭންޑް އަދި ވިއެޓްނާމްގެ ތެރެއިން ދެމޭ މީކޮންގ ކޯރުގެ ސަރަހައްދަށް މިއަހަރު ތެރޭގައި އާދަޔާއި ޚިލާފަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ގިނަ ދަނޑު ބިންތަކެއް ފެނު އަޑިޔަށް ގޮސް ބޮޑެތި ގެއްލުން ވެފައި ވެއެވެ.

ފާއިތުވި ހަފުތާގެ ތެރޭގައި ލާއޯސްއަށް ބޯކޮށް ވާރޭވެހި ކޯރު ބަންޑުންވެ ފެންބޮޑުވުމުގެ ސަބަބުން ދަނޑު ބިންތަކަށް ބޮޑެތި ގެއްލުންވެ 11 މީހުން މަރުވެފައި ވެއެވެ. ލާއޯސްގައި ބޮޑުވި ފެންގަނޑު ކެންބޯޑިޔާއަށް ވެސް ވަދެ އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ދާންޖެހިފައި ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.