ޔޫރަޕިއަން ޔޫނިއަން (އިޔޫ) އިން ރާއްޖެއާ ދެކޮޅަށް އަޅާ ފިޔަވަޅަކީ އަނިޔާވެރި ބަޔަކު އަޑީގައި ތިބެގެން މުޅިދައުލަތާ ދެކޮޅަށް އަޅުވާ ފިޔަވަޅުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މަޖިލީސް މެންބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން އަރިހު ހަނިމާދުއަށް ވަޑައިގެން އެރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ އެފަދަ ފިޔަވަޅުތައް އަޅުވަނީ ރާއްޖޭގެ އިގުތިސާދު ހަލާކުކޮށްލައި ރާއްޖެ ފުނޑުފުނޑު ކޮށްލަން ކަމަށެވެ.
"މިއަދަކު ދައުލަތުގެ ވަޒީރުންނަށް ފިޔަވަޅު އަޅައިގެން ރައީސުލްޖުމްހޫރިއްޔާއަށް ފިޔަވަޅު އަޅައިގެން ރައްޔިތުންގެ މަޖިލީހަށް ފިޔަވަޅު އަޅައިގެން އަޅުގަނޑުމެންނަކަށް ޔޫރަޕިއަންޔޫނިއަނުންވާނެ މާބޮޑު ދެރަތަކެއް ނޯންނާނެކަންނޭނގޭ. ޕާސްޕޯޓް ހިފެހެއްޓިއްޔާ ދެން އަތަނަށް ދަތުރު ނުކުރާނީ. އެހެންވީމާ ހުޅަނގަށް ދަތުރުނުކޮށް ޗައިނާއަށް ވެސް ދަތުރުކުރެވިދާނެ. އެހެންނޫނީ ދެންހުރި ކައިރި ގައުމުތަކަށް ވެސް ދަތުރުކުރެވިދާނެ،" މޫސަ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ރާއްޖޭގައި އިސްލާމްދީން އެކަނި އޮވެގެން ހައްގުތައް ކަށަވަރުނުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ނުވަތަ އެމްޑީޕީން އީޔޫގައި ބުނެފައިވާ ކަމަށެވެ.
"އެއީ ކޮންހައްގެއްތޯ؟ ކީރިތި ޤުރުއާނުގައި މާތްﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް އުޅެން އަންގަވާފައިވާ ދީން އެދީނުގައި އުޅޭނެގޮތުގެ އުސޫލުތައް ދޫކޮށްލައި އަޅުގަނޑުމެން އެމީހަކަށް ފެންނަ ދީނަނަކަށް އުޅުމަށްޓަކައި އެއޮންނަ ގަރާރުގައި އެބޭފުޅުން އެބުނަނީ ދީނީ މިނިވަންކަން އޮންނަންޖެހެޔޭ. ނުދެވޭނެ އަޅުގަނޑުމެންނަށް އެމިނިވަންކަމެއް. އަޅުގަނޑަށް ޔަގީން އެއްވެސް ދިވެހި ރައްޔިތަކު އެޔެއްނުދޭނެ،" މޫސަ ވިދާޅުވިއެވެ.
ދަތިކުރުމުގެ ފިޔަވަޅަކީ އޭގެ ހަވާސާގައި ލިޔެގެން އުޅޭ އެއްޗެއް ކަމަށް ވެސް މޫސަ ވިދާޅުވިއެވެ. މޫސަ ވިދާޅުވީ ބޭރުބަޔަކު ލައްވާ ރާއްޖެއާ ދެކޮޅަށް އަޅުވާ ކޮންމެ ފިޔަވަޅަކީ "އަޅުގަނޑުމެންގެ ނަފުސު" އެކަމުގައި ހަލާކުވެގެން ހިނގައިދާނެ ކަމެއް ކަމަށެވެ. "އަޅުގަނޑު އާދޭހާއެކީގައި ސިޔާސީ ވެރިންނަށް މިދަންނަވަނީ އަދި އެމްޑީޕީގެ އިސްވެރިންނަށް ވެސް މިދަންނަވަނީ ބުއްދި ފަސްނުވާށޭ،" މޫސަ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކުރެވޭ ކަމަކީ ތިމާ އަރާއިންނަ އޮފިގަނޑު އަމިއްލައަށް ކަނޑާލުމުން ވާކަހަލަ ކަމެއް ކަމަށެވެ.