ކޮންމެ ގައުމެއްގައިވެސް ޑިމޮކްރަސީ އޮންނަންވާނީ އެޤައުމެއްގެ މަސްލަހަތާ އެއްގޮތައްކަމަށާއި، ރާއްޖޭގައި އޮންނަންވާނީ ދިވެހި ވެއްޓާގުޅޭ އިސްލާމީ ފިކުރުގެ ޑިމޮކްރަސީއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތިލަދުންމަތީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ހއ. ހޯރަފުއްޓަށް ވަޑައިގެން އެރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރާއްޖެފަދަ އިސްލާމީ ޤައުމެއްގައި އިސްލާމްދީނާ ތަޢާރުޒުވާ، މުޅި ރައްޔިތުންގެ ޙައްޤު ގެއްލޭ ކަންކަން ހުއްދަނުވާނެކަމަށާއި، އަބަދުވެސް ވިސްނަންވާނީ މުޅި މުޖުތަމަޢުގެ މަސްލަހަތަށްކަމުގައެވެ.
ރައީސް ވިދާޅުވީ ރައްޔިތުންނާ އެމަނިކުފާނާ ދޭތެރޭގައި އޮތް ގުޅުމަކީ ރައްޔިތުން އުންމީދުކުރާ ހުވަފެން ދެކުމަށްފަހު އެ ހުވަފެން ހަޤީޤަތަކަށް ހަދައިދިނުމަށް އެމަނިކުފާނު އަރިހުގައި ދެންނެވުމުން އެކަމެއް ކޮށްދެއްވާ އުސޫލުން އޮންނަ ގުޅުމެއް ކަމަށެވެ. އަދި ރައްޔިތުންގެ ބޭނުންތައް ފުއްދައިދީ ތަރައްޤީ ގެނައުމުގައި އެމަނިކުފާނަށް އިތުބާރުކުރެއްވުމަށް ރައްޔިތުންގެ ކިބައިން އެދިވެޑައިގެންނެވިއެވެ.
ޤައުމެއްގައި ދިރިއުޅޭ ޒުވާނުންގެ ދައުރާ ބެހޭގޮތުން ރައީސް ވިދާޅުވީ ޒުވާނުންގެ ޚިޔާލަކީ އާރޯތާނާ ހިޔާލުކަމަށާއި، ފޯރިއާ ޖޯޝް ހުންނަ ހިޔާލުކަމަށެވެ. އަދި ޒުވާނުންނަކީ ހާލަތު ބަދަލުކުރަން ނުކުންނަ ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތުން ޒުވާނުން ކަންކަމުގައި ބައިވެރިކޮށް ހާލަތު ބަދަލުކުރުމަށް ހިތްވަރުދީ ހަދާނަމަ ޒުވާނުންނަކީ އެންމެ ފޯރީގައި ކަންކަމުގައި ހަރަކާތްތެރިވެ ޤައުމު ކުރިއެރުވުމުގައި ނުކުމެ އުޅޭނެ ބަޔަކަށްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ކުރިއަށް އޮތްތާގައި މިސަރުކާރު ދެމި އޮވެއްޖެނަމަ ރައްޔިތުންނަށް އެތައް ފަސޭހަތަކަކާއި ޚިދުމަތްތަކެއް ލިބިދޭނެކަމުގައި ވިދާޅުވިއެވެ. އެގޮތުން މަސްވެރިންނަށް ޚާއްޞަ ކާޑެއް ތައާރަފުކުރައްވައި މަސްވިއްކޭނެ ގޮތްތައް ތަނަވަސްކޮށްދެއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ހަމަ އެއާއެކު ރާއްޖޭގެ ބިމުގެ ތަނަވަސްކަން މިހާރަށްވުރެ އިތުރުކޮށްދެއްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.