ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުޙަންމަދު ސޯލިޙް (އިބޫ) ގެ ރަނިންމޭޓަކު ކަނޑައަޅަން ޖުމްހޫރީ ޕާޓީއަށް ދީފައި އޮތުމުން އެމަގާމަށް ކުރިމަތިލާން އެޕާޓީން ހުޅުވާލި ފުރުޞަތުގައި އަބްދުﷲ އަމީން އެމަގާމަށް ކުރިމަތި ލައްވައިފިއެވެ.
ކުރީގެ ނައިބު ރައީސް ޑރ މުޙަންމަދު ޖަމީލް އަޙްމަދުގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަމީން ރަނިންމޭޓު ކަމުގެ މަގާމަށް ކުރިމަތި ލައްވާފައިވާކަން ޖޭޕީންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. އަމީންއަކީ ވަރަށް ފަހުން ޖޭޕީއާ ގުޅިވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް ނިމިގެންދިޔަ ޖޭޕީގެ ކޮންގްރެސްގައި އަމީން ވަނީ ޖޭޕީގެ ނައިބު ރައީސުންގެ ހަތަރު ގޮނޑީގެ ތެރެއިން ގޮނޑިއެއް ކާމިޔާބު ކުރައްވާފައެވެ.
އަމީން ފިޔަވައި އެހެން ބޭފުޅަކު މިހާތަނަށް ރަނިންމޭޓަކަށް ކުރިމަތިލެއްވި ކަމެއް ޖޭޕީއަކުން ނުބުނެއެވެ. ނަމަވެސް މައުލޫމާތު ލިބޭގޮތުގައި ޖޭޕީގެ ނައިބު ރައީސް އަދި ކުރީގެ ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް އާއި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިންގެ އިތުރުން ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމުވެސް ރަނިންމޭޓުގެ ރޭހުގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން ގެންގުޅުއްވައެވެ.
ޖޭޕީން ނިންމާފައި ވަނީ ރަނިންމޭޓު ކަމަށް ކުރިމަތިލައްވާ ބޭފުޅުންގެ މެދުގައި ޕާޓީގެ ކައުންސިލުގައި އަންނަ ހޮނިހިރު ދުވަހު ސިއްރު ވޯޓެއް ނަގާށެވެ.