ދިއްގަރުދާއިރާގެ މެންބަރަކަށް ފާރިސް ނެގުމަކީ ލިބުނު އެންމެބޮޑު ގެއްލުން: ރައީސް

ދިއްގަރުދާއިރާގެ މެންބަރަކަށް ފާރިސް ނެގުމަކީ ޕީޕީއެމަށް ލިބުނު އެންމެބޮޑު ގެއްލުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރު ފުޅުގައި މ. އަތޮޅު ދިއްގަރަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި މިހާރު ދައްކަވަމުން ގެންދަވާ ވާހަކަފުޅުގައެވެ.

ރައީސް ޔާމީން  ވިދާޅުވީ ޕީޕީއެމަށް އައި އެންމެބޮޑު ހީނަރުކަމުގައި އެންމެ އިސްކޮށް ހުންނެވީ ފާރިސް މައުމޫން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ގާނޫނީ ސަރުކާރު ވައްޓާލުމަށް ގާނޫނާ ޚިލާފަށް މަޖިލިސް ތެރެއިން އެންމެ އިސްކޮށް މަސައްކަތް ކުރެއްވީ ވެސް ފާރިސް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީއަށް އައި ހީނަރު ކަމެއް ފެށިގެން އައިއިރު އޭގެ އެންމެ އިސްދައުރެއް އަދާކުރެއްވީ އެބޭފުޅަކު ހޮވުމަށްޓަކައި އެންމެބުރަ މަސައްކަތެއް އެންމެގިނަ މަސައްކަތްތަކެއް އަޅުގަނޑުކުރި ބޭފުޅެއްގެ ފަރާތުން. މިދާއިރާގެ މެންބަރު ކަމަށް ފާރިސް ނެގުމަކީ އަޅުގަނޑުމެންގެ ޕާޓީއަށް ލިބުނު އެންމެބޮޑު ގެއްލުން. ދިއްގަރު ދާއިރާގެ ރައްޔިތުން ތިޔަބޭފުޅުންގެ ހަނދާނުގައި އެކަން އަބަދުވެސް ބަހައްޓަވަންވާނެ،" ރައީސް ވިދާޅުވިއެވެ.

އެވާހަކަތައް ދެއްކެވުމަކީ އެމަނިކުފާނަށް ފަސޭހަފުޅު ކަމެއްނޫން ކަމަށްވިޔަސް އަބަދުވެސް ދުނިޔޭގެ ހަގީގަތުގެ މައްޗަށް ވާހަކަ ދައްކަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެވާހަކަތައް ދެއްކެވީ މުސްތަގުބަލަށްޓަކައި އިންޒާރު ކުރެއްވުމުގެ ގޮތުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"މިކުރެވުނު މަސައްކަތުގައި ނަތީޖާއަކަށްވީ ގާނޫނުން ބޭރުން ގާނޫނާ ޚިލާފުވެ އެތައްބައިވަރު މަސައްކަތްތަކެއް ކުރެވެމުންދިޔުން. މަޖިލިސް ތެރެއިން ގާނޫނާ ޚިލާފު ކަންތައްތަކެއް ކުރުމަށް ރޭވިގެންދިޔައީ. އިސްކޮށް ހުންނެވީ މިދާއިރާއަށް އަޅުގަނޑު ދެއްކި މެންބަރު. އަދި އަޅުގަނޑުމެންގެ ދެންނެވުމަށް ތިޔަބޭފުޅުން އިންތިޚާބު ކޮށްދެއްވި މެންބަރު އެންމެ އިސްކޮށް ހުންނެވީ،" ރައީސް ވިދާޅުވިއެވެ.

ޕީޕީއެމްއަށް އައި ހުރިހާ ހީނަރުކަމެއްގައި އެންމެ އިސްކޮށް ހުންނެވީ ފާރިސް ކަމަށާއި އެކަމުގެ އުދަގޫ މިހާރުވެސް ޕާޓީއަށް އުފުލަންޖެހިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. ޕާޓީގެ އިތުރަށް ދިއްގަރު ދާއިރާގައި ތިބި ޕާޓީދެކެ ލޯބިވާ މެންބަރުން ވެސް އެ ހިތްދަތިކަން އިހުސާސް ކުރައްވަމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.  އެހެން ކަމުން އެފަދަ ބޭފުޅުންނާމެދު މި ސަރުކާރުން ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.