އިބޫ ވެރިކަން ކުރައްވާނީ ނަޝީދުގެ އުނގުގައި އިންނަވައިގެން: މިނިސްޓަރ ތާރިގު

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) އަށް ވެރިކަން ލިބިވަޑައިގެންފިނަމަ އެމަނިކުފާނު ވެރިކަން ކުރައްވާނީ ރައީސް ނަޝީދުގެ އުނގުގައި އިންނަވައިގެން ކަމަށް ތިމާވެއްޓާ ބެހޭ ވަޒީރު ތާރިގު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ދިއްގަރުގައި މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އިބޫ ކެންޕޭން ވެސް ކުރައްވަމުން ގެންދަވަނީ ރައީސް ނަޝީދުގެ އުނގުގައި އިންނަވައިގެން ކަމަށެވެ.

"އިބޫއަކީ ރައީސް ނަޝީދުގެ އުނގުގައި އިންނަވައިގެން ވެރިކަން ކުރައްވާނެ ބޭފުޅެއް. ކެންޕޭން ކުރައްވަނީ ވެސް ރައީސް ނަޝީދުގެ އުނގައި އިންނަވައިގެން،" މިނިސްޓަރ ވިދާޅުވިއެވެ. ތާރިގު ވިދާޅުވީ އިބޫއަކީ ރައީސް ނަޝީދުގެ ރޮބަޓެއް ކަމަށެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވާއިރު ވިސްނެވުމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އެމްޑީޕީ ނުވަތަ އިދިކޮޅު ފަރާތުގެ ކެންޑިޑޭޓަކު ރައީސް ކަމަށް ވަޑައގެންފި ކަމަށްވާނަމަ ރައީސް ޔާމީން ގެނެސްފައިވާ ތަރައްގީ ފަނުފުލުން ހިނގައިދާނެ ކަމަށެވެ. އެހެންކަމުން އިތުރު ބަޔަކަށް ފުރުސަތު ނުދެއްވައި އިތުރު ތަރައްގީއަށް ރައީސް ޔާމީނަށް އިތުރު ދައުރެއް ދެއްވުމަށް ތާރިގު އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އަތުވެއްޖެ ކަމަށްވާނަމަ މަސައްކަތް ކުރައްވާނީ ރައްޔިތުންގެ ހަލާކަށް ކަމަށެވެ. އެގޮތުން އެމްޑީޕީގެ ވެރިކަމުގައި އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓު ތަރައްގީ ނުކުރެވިވެގެން އިންޑިއާގެ ޖީއެމްއާރާ ހަވާލުކުރެއްވި ކަމަށެވެ. އެކަމަކު އެކަންވެސް ނުވި ކަމަށާއި އޭގެ ބަދަލުގައި ލިބުނު ފައިސާއިން ރައްޔިތުންނަށް އެއްވެސް ކަމެއް ނުކޮށްދެވުނު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.