ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް އިތުރު އިލްމު ވެރިންގެ ތާއިދު ލިބި ވަޑައިގަންނަވާނެ އެދެބޭފުޅުންނަށް ތާއިދު ކުރައްވާ އިލްމުވެރިން ވިދާޅުވެއްޖެއެވެ.
އިލްމުވެރިޔާ އައްޝައިޚު މުހައްމަދު ދީދީ ވިދާޅުވީ އިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން އެކި މުހުތާދު ތަކުގައި ރާއްޖެއިން ބޭރަށް ވަޑައިގެންފައިވާ ކަމަށެވެ. އެބޭފުޅުން އެނބުރި މާލެ ވަޑައިގެން "ރައީސް ޔާމީންގެ ޕެއާ" އަށް ތާއިދު ކުރައްވާކަން ހާމަކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
"ވަރަށްގިނަ އިލްމުވެރިން ބޭނުންފުޅުވޭ އެބޭފުޅުން ރައީސް ޔާމީނާއި ޑރ. ޝަހީމަށް އިލްމުވެރިންގެ ތާއިދު ވަރަށްބޮޑަށް އެބައޮތްކަން. ބޭސްވެރި ކަމަށާއި އަދި ޙައްޖަށް ބައެއް ބޭފުޅުން ވަޑައިގެންފައިވާތީ އެބޭފުޅުންނަށް ވަޑައިނުގަނެވުނީ. ފަހުން އެބޭފުޅުންގެ ތާއިދުއޮތްކަމަށް ހާމަކޮށް ކޮންމެވެސް އެއްޗެއް ވިދާޅުވާނެ،" ޝައިޚު މުހައްމަދު ދީދީ ވިދާޅުވިއެވެ.
ރައީސް ޔާމީނާއި އެމަނިކުފާނުގެ ރަނިންމޭޓު ޑޮކްޓަރ ޝަހީމަށް ތާއިދު އޮތްކަން ހާމަކުރެއްވުމުގެ ގޮތުން ދަރުބާރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުހައްމަދު ގުބާދު އަބޫބަކުރު ވިދާޅުވީ އެބޭފުޅުންނަކީ ދީނީ އިލްމުވެރިންނަށްވީތީ އަބަދުވެސް ބައްލަވަނީ ދީނާއި ގައުމުގެ މަސްލަހަތަށް ކަމަށެވެ. ފަރުދީ ގޮތުން ހުންނަ ކުދިކުދި ކަންތައްތަކަށްވުރެ ބޮޑަށް މިއަދު އިސްކަން ދެއްވަން ޖެހިވަޑައިގެންފައިވަނީ މުޅިގައުމުގެ މަސްލަހަތަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޑރ. ޝަހީމް ތާއިދު ކުރައްވާ ފަޅިއެއް ނެންގެވީ މި ހުރިހާ ކަމަކަށް ފިކުރު ހިންގެވުމަށްފަހު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.