އިބޫގެ ރަނިންމޭޓަކަށް އަހުމަދު ސައުދު

އަޙުމަދު ސައުދު ރައީސް އިބްރާހީމާއެކު

ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓަކަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު ސާލިހު )އިބޫ) ހަމަޖެއްސެވިޔަސް އެމަނިކުފާނުގެ ރަނިންމޭޓަކަށް އަދި ބޭފުޅަކު ހަމަޖައްސަވާފައެއް ނުވެއެވެ. ރަނިންމޭޓުކަން ދޭން ނިންމާފައިވަނީ ޖުމްހޫރީ ޕާޓީގެ ބޭފުޅަކަށެވެ.

އެ މަގާމު ދެއްވުމަށް އެޕާޓީގެ ރައީސް އަލީ ވަހީދު ކުރިން ތާއިދު ކުރެއްވީ އެޕާޓީގެ ކުރީގެ ލީޑަރު ގާސިމް އިބްރާހީމްގެ ހަނގު އަނބިކަނބަލުން އާއިޝަތު ނަހުލާއަށެވެ. އެއާއެކު ޑރ. މައުސޫމާއި، ގާނޫނީ ވަކީލު އަދި ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިނާއި، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އަބްދުﷲ އަމީން ފަދަ ބޭފުޅުންނަށް ތާއިދު ކުރެއްވި މީހުން ވެސް ފެނިގެންދިޔައެވެ. މިހާރު އަޑުއިވޭ ގޮތުގައި އާއިޝާ ވަނީ އެމަގާމަށް ކުރިމަތި ނުލައްވާނެ ކަމަށް ވިދާޅުވެފައެވެ.

ރަނިންމޭޓު އިއުލާން ކުރައްވާނީ މިމަހު 10 ގައި ގާސިމް އިބްރާހީމް ދެއްވާ ޚާއްސަ ޕްރެސް އެއްގައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް މިހާރު އަޑު އިވޭގޮތުގައި އިބޫގެ ރަނިންމޭޓަކަށް ގެންނަވަނީ ގާސިމް އިބްރާހީމާ އާއިލީ ގޮތުން ތިމާގެ ބޭފުޅެއް ކަމަށްވާ ޖޭޕީގެ ކުރީގެ ރަޖިސްޓްރަރ އަދި އެންމެފަހުން ބޭއްވި ކޮންގްރެސްގައި ތިންވަނައަށް އެންމެ ގިނައިން ވޯޓުލިބިވަޑައިގެން ކައުންސިލަށް ހޮވިވަޑައިގެންފައިވާ އަހުމަދު ސައުދެވެ. އޭނާއަކީ އިންޑިއާއިން ޑިގްރީ އެއް ހާސިލް ކުރައްވައިފައިވާ ބޭފުޅެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސައުދު އެމަގާމަށް ގެންނެވުމަށް ވައިބަރގްރޫޕުތައް ހަދައިގެން ކެންޕޭން ވެސް ކުރަމުން އެބަދެއެވެ. އަދި އިބޫއާއެކު ވަރަށް ގާތްކޮށް ނަންގަވައިފައިވާ ފޮޓޯތަކެއްވެސް ދަނީ ދައުރުވަމުންނެވެ. މިކަމާ ބެހޭ ގޮތުން މައުލޫމާތު ހޯދުމަށް ޖޭޕީގެ ޗީފްސްޕޯކްސް ޕާސަން އަލީ ސާލިހަށް ގުޅާލުމުން އޭނާ ވިދާޅުވީ ސައުދުއަށް ގުޅުމަށެވެ. އަހުމަދު ސައުދަށް ގުޅުމުން އޭނާ ވިދާޅުވީ މިވަގުތު އެއްވެސް އެއްޗެއް ވިދާޅުވާން ބޭނުންފުޅު ނުވާކަމަށެވެ.
އަލީ ސާލިހު ވިދާޅުވީ މިމަހު 10 ވަނަ ދުވަހު ރަނިންމޭޓް އިއުލާން ކުރައްވާ ގޮތަށް ޕާޓީންވަނީ ހަމަޖައްސަވާފައި ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.