ލޯނުނަގައިގެންވިޔަސް ރާއްޖެ ތަރައްގީ ކުރާނަން: ރައީސް

ރާއްޖެ ތަރައްގީ ކުރެއްވުމަށް އެންމެ ދުވަހެއްވެސް ބޭކާރު ނުކުރައްވާނެ ކަމަށާއި، ރާއްޖެއިން ބޭރުން ލޯނުއެހީ ހޯއްދަވައިގެންވެސް ރާއްޖެއަށް ބޭނުންވެފައިވާ ތަރައްގީ ގެންނަވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ށ. އަތޮޅު ފުނަދޫ އެއާޕޯޓް ބިން ހިއްކުމުގެ މަސައްކަތުގެ ނިންމުން ފާހަގަކުރެއްވުމާއި، ރަންވޭ އެޅުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށްޓަކައި މިއަދު ހަވީރު އެރަށު ބަނދަރު ސަރަޙައްދުގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން ތަރައްގީގެ އެކި އެކި މަޝްރޫޢުތައް ހިންގުމަށްޓަކައި ނަގާފައިވާ ލޯނުތައް ދެއްކުމުގެ ގާބިލްކަން ސަރުކާރުގައި އެބަހުރި ކަމަށެވެ

.

އެމަނިކުފާނު ވިދާޅުވިގޮތުގައި މިސަރުކާރުގެ މެނިފެސްޓޯއަކީ ދިވެހިންގެ ހާލަތު އެނގިވަޑައިގެން އެ ހާލަތު އެއަށްވުރެ ރަނގަޅު ހާލަތަކަށް ބަދަލުކުރުމަށް އެކުލަވާލައްވާފައިވާ މެނިފެސްޓޯއެއް ކަމަށެވެ. އެ ހާލަތު ބަދަލުކުރައްވަން ބޭނުންފުޅުވަނީ ރައްޔިތުންގެ ތަރައްގީއާއި ލާބައަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

                ރާއްޖެއަށް އަންނަމުންދާ މާއްދީ ތަރައްޤީއާ އެއްވަރަށް ދިވެހިންގެ ވިސްނުން ވެސް ތަރައްގީ ކުރަންޖެހޭ ކަމަށާއި، ދިވެހިންގެ ރޫހާއި އަޒުމަކަށް ވާންވާނީ އަބަދުވެސް މިހާރު އޮތް ހާލަތަށްވުރެ ކުރިޔަށް ރަނގަޅު ހާލަތަކަށް ބަދަލުވެ ދިރިއުޅުމުގެ ފެންވަރު ވެސް ރަނގަޅު ވުން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކާ ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތަރައްގީކުރާ އެއަރޕޯޓް މަޝްރޫޢުތަކުގެ ބޭނުމަކީ ކުރިޔާ ޚިލާފަށް މުޅި ރާއްޖެއަށް ފަތުރުވެރިކަމުގެ ސިނާޢަތް އާންމުކުރެއްވުން ކަމަށާއި، މިކަމުގެ ނަފާ ވީހާވެސް ގިނަ ދިވެހިންނަށް ހޯއްދަވައި ދެއްވުންކަމުގައެވެ. މި ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައިވާނީ ރާއްޖެއަށް ގެންނަމުންދާ އިގްތިސާދީ ތަރައްގީއާއެކު ރާއްޖެއަކީ ދުނިޔޭގެ ޗާޓުގައިވެސް އޮންނަ ޤައުމެއްކަން އެނގޭވަރު ތަނަކަށް ހެއްދެވުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިލަދުންމަޑުލު އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި މިއަދު ހެނދުނު ވަނީ ބިލެތްފައްސަށް ވަޑައިގެން އެރަށު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިންމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މީގެއިތުރުން މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކަނޑިތީމުގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ.

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫގައި މިހާރު ތަރައްޤީކުރަމުންދާ އެއާޕޯޓުގައި 1200 މީޓަރު ދިގު ރަންވޭއަކާއި 90 މީޓަރުގެ ޓެކްސީވޭއެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.