ސިޓީ ކައުންސިލްތަކުންދޭ ބައެއް ޚިދުމަތްތައް ހައުސިން މިނިސްޓްރީއަށް ބަދަލު ކުރައްވައިފި

ސިޓީ ކައުންސިލްތަކުން ދޭ ޚިދުމަތްތަކުގެ ތެރެއިން ބައެއް ޚިދުމަތްތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ދަށަށް ރައީސް ޔާމީން ބަދަލު ކުރައްވައިފިއެވެ.

އެމަނިކުފާނު އެބަދަލު ގެންނެވީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެމަތިންނެވެ. މިކަމާ ބެހޭގޮތުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިގޮތަށް މި ނިންމެވީ މާލެ ސިޓީގައި ދިރިއުޅެމުންދާ އަތޮޅުތަކުގެ ރައްޔިތުންނަށް ދަފްތަރުގައި ޖެހުމުގެ ފުރުޞަތު މިހާރު ހުއްޓާލާފައިވާތީ، މިކަމުގެ ސަބަބުން ދިވެހި ރައްޔިތުންގެ އެތައް ބަޔަކަށް ސޯޝަލް ހައުސިންގ ގެ ދަށުން ބޯހިޔާވަހިކަން ލިބިގަތުމުގެ ފުރުޞަތުތައް ބަންދުވެފައިވާތީ އެވެ.

މިކަމަށް މަގުފަހިކުރުމުގެ ގޮތުން ސިޓީ ކައުންސިލަށް ދީފައިވާ ބާރުތަކުގެ ތެރެއިން ޤާނޫން ނަންބަރު 2010/7 ގެ 56 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން އެ ޤާނޫނުގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ސިޓީ ކައުންސިލުންދޭ ޚިދުމަތްތަކަށް، ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން ބަދަލުގެންނަވައި އެ މަސައްކަތްތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބަދަލުކުރެއްވީ ކަމަށްވެސް ވިދާޅުވިއެވެ. އޭގެ އިތުރުން ސޯޝަލް ހައުސިންގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތަކާ ގުޅޭގޮތުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ސަރުކާރު ބަލަހައްޓަންޖެހޭ ކަންތައްތައް ވެސް އެ މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ނިންމަވާފައިވާ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.