ކުރިޔަށް އޮތް ރިޔާސީ އިންތިޚާބު އިދިކޮޅު އިއްތިހާދުން ކާމިޔާބު ކުރާނީ ބޮޑު ތަފާތަކުން ކަމަށާއި އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީނަށް 20 ޕަސެންޓް ވޯޓުވެސް ލިބިވަޑައިނުގަންނަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގައި ވާހަކަ ދައްކަވަމުން ޖޭޕީގެ މެމްބަރު އަލީ ޙުސައިން ވިދާޅުވީ އިދިކޮޅު އިއްތިހާދު އުފެއްދުމާއެކު ފުރަތަމަ ދުވަހުވެސް އެޕާޓީތަކަށް އެއްބަސްވެވުނު ކަންތައް މިއަދު ވެއްޖެ ކަމަށެވެ. އެއީ ރިޔާސީ އިންތިޚާބަށް ދާއިރު ރޭހުގައި ރައީސް ޔާމީން ހުންނެވިނަމަ އިދިކޮޅުން އެންމެ ކެންޑިޑޭޓެއް ނެރުމެވެ. އަލީ ވިދާޅުވީ އިދިކޮޅުން އެއްކެންޑިޑޭޓް ނެރެން ނިންމައި އެކަމަށް އަމަލީ ސިފައެއް އައުމަކީ މިހާތަނަށް އިދިކޮޅު އިއްތިހާދަށް ހޯދުނު އެންމެ ބޮޑު ކާމިޔާބު ކަމަށެވެ.
އަލީ ވިދާޅުވީ އިންތިޚާބަށް ނުކުންނައިރު ރައީސް ޔާމީނާއެކު މަސައްކަތް ކުރާނެ ޓީމެއްވެސް ނެތް ކަމަށާއި، އިދިކޮޅު އިއްތިހާދުން މިނުކުންނަނީ ރައީސް ޔާމީންގެ "އަނިޔާވެރިކަން" ބަދަލު ކުރުމަށް ކަމަށެވެ. އެނޫން ބޭނުމެއް މިވަގުތު ނެތް ކަމަށެވެ. އަލީ ވިދާޅުވީ އިދިކޮޅުން ކެންޑިޑޭޓާއި ރަނިންމޭޓާއެކު ކެމްޕޭނަށް ނުކުތުމަށް ފަހު ރައްޔިތުންގެ ރޫޙު މިހާރަށްވުރެވެސް ބަދަލުވެ ފޯރި އިތުރުވެގެންދާނެ ކަމަށެވެ.
"ރައްޔިތުންގެ 20 ޕަސެންޓް ވޯޓުވެސް ނުލިބޭނެ" އަލީ ވިދާޅުވިއެވެ.
އަލީ މިހެން ވިދާޅުވިއިރު ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރ އަޙްމަދު ނިހާން ޙުސައިން މަނިކު ވިދާޅުވެފައި ވަނީ އިދިކޮޅުން ކިތަންމެ ވަރަކަށް ރިޔާސީ ކެންޑިޑޭޓުންނާއި ރަނިންމޭޓުންނެރެ، ކޮންމެ ގޮތަކަށް ހިސާބު ޖަހަމުންދިޔަސް ފަރުވާލެއް ނެތް ކަމަށެވެ. ނިހާން ވިދާޅުވީ ރައީސް ޔާމީން އިންތިޚާބުގައި 52 ޕަސެންޓް ވޯޓު ހޯއްދަވައިގެން ވެރިކަން ދިފާއު ކުރައްވާނެ ކަމަށެވެ.
އިދިކޮޅުން އެއްކެންޑިޑޭޓް ނެރެން ނިންމިއިރު ރިޔާސީ ޓިކެޓު ދީފައި ވަނީ އެމްޑީޕީއަށެވެ. އެމްޑީޕީން މިހާރު ވަނީ އެއްކެންޑިޑޭޓް ނެރެން އެއްބަސްވެވި، ރައީސް ނަޝީދަށް ލިބިފައިވާ ޓިކެޓު ދޫކޮށްލެއްވުމާއެކު އެ ޓިކެޓް އިބްރާހިމް މުޙަންމަދު ސޯލިހް (އިބޫ) އަށް ދީފައެވެ. އިދިކޮޅުން ރަނިންމޭޓެއް ނެރުމުގެ ފުރުޞަތު ދީފައި ވަނީ ޖޭޕީއަށެވެ. ޖޭޕީން ބުނަނީ ލަސްތަކެއްނުވެ އެޕާޓީން ރަނިންމޭޓެއް ދައްކާނެ ކަމަށެވެ.