އެމެރިކާގެ ރައީސު ޑްނާލްޑް ޓްރަމްޕާއި ރަޝިޔާގެ ރައީސު ވްލާޑިމިރް ޕުޓިންއާ ދެމެދު ބާއްވާނެކަމަށް އިންތިޒާރުކުރެވެމުން އައި ބައްދަލުވުން އަންނަ ޖުލައި މަހުގެ 16 ވަނަ ދުވަހު ފިންލޭންޑުގެ ވެރިރަށް ހެލްސިންކީގައި ބާއްވާގޮތަށް ހަމަޖެހިއްޖެކަމުގައި ވައިޓް ހައުސްއާއި ކްރެމްލިން އިން އެއް ވަގުތެއް ނެރުނު ބަޔާންތަކުގައި ބުނެފިއެވެ.
" ރަޝިޔަން ފެޑެރޭޝަންގެ ރައީސު ވްލާޑިމިރް ޕުޓިންއާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ރައީސު ޑްނާލްޑް ޓްރަމްޕު ޖުލައި މަހުގެ 16 ވަނަ ދުވަހު ހެލްސިންކީގައި ބައްދަލުކުރެއްވުމާމެދު އެއްބަސްވުމަކަށް ވަނީ އާދެވިފައެވެ." ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ވެއެވެ.
ބަޔާނުގައި ވާގޮތުން ދެ ރައީސުން ވާހަކަފުޅުދައްކަވާނީ "ރަޝިޔާ-އެމެރިކާގެ ގުޅުން މިހާރު އޮތް ހާލަތާއި، އެ ގުޅުން އިތުރަށް ރަނގަޅުކުރަން އޮތް ފުރުސަތުތަކާ ބެހޭގޮތުން"ނެވެ. ވައިޓް ހައުސް އިން ނެރުުނު ބަޔާނުގައި ވަނީ ދެފަރާތުގެ ދެމެދުގައި "ގައުމީ ސަލާމަތާ ގުޅޭ ތަފާތު މައްސަލަތަކާ ބެހޭގޮތުން" ވާހަކަ ދެކެވޭނެ ކަމުގައެވެ.
ރައީސު ޓްރަމްޕުގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވަނީ ބުދަ ދުވަހު ރައީސު ޕުޓިންއާ ބައްދަލުކުރައްވާފައެވެ. ދެބޭފުޅުން ވާހަކަފުޅުދެއްކެވީ ދެ ރައީސުންގެ ދެމެދުގައި ބޭއްވޭ ބައްދަލުވުމުގެ ތަފްސީލުތަކާ ބެހޭގޮތުންނެވެ.
ރަޝިޔާއިން ކްރައިމިއާ އެގައުމުގެ ސަރަހައްދެއްގެ ގޮތުގައި ހެދުމާއި، އިރުމަތީ ޔުކުރޭނުގައި ހިނގާ ހަމަނުޖެހުމުގެ ތެރެއަށް ވަނުމާއި، ސީރިޔާގެ މައްސަލައިގައި އުފެދިފައިވަ ދެބަސްވުމުގެ ސަބަބުން، ފިނި ހަނގުރާމަައަށް ފަހު ދުވަހަކުވެސް ނުދާ ވަރަށް ދެ ގައުމުގެ ގުޅުން އޮތީ ދަަށަށް ގޮސްފައެވެ. ހުޅަނގާ ރަޝިޔާއާ ދެމެދު ނުތަނަވަަސްކަން އޮތް ނަމަވެސް ޑޮނާލްޑް ޓްރަމްޕް ރައީސުކަމާ ހަވާލުވެވަޑައިގަތީއްސުރެ ރަޝިޔާއާ އެކު އޮތް ގުޅުން ރަނގަޅުކުރައްވަން މަސައްކަތްޕުޅުކުރައްވާފައި ވެއެވެ.
ކްރައިމިއާގެ މައްސަލައިގައި 2014 ވަނަ އަހަރު ޖީ7 ސިނާއީ ގައުމުތަކުގެ ޖަމާއަތުން ރަޝިޔާ ބޭރުކޮށްލެވިފައި އޮތް އޮތުުން ނިމުމަކަށް ގެނައުމަށްވެސް ރައީސު ޓްރަމްޕް ގޮވާލައްވާފައި ވެއެވެ.
ފާއިތުވި އަހަރު ނޮވެމްބަރު މަހު ބޭއްވުނު ވިއެޓްނާމުގައި ބޭއްވުނު އޭޕްކް އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ތެރޭގައި ޓްރަމްޕާއި ޕުޓިން ކުޑަ އިރުކޮޅަކަށް ބައްދަލުކުރައްވާފައި ވެއެވެ.
ރައީސު ޕުޓިންއާ ބައްދަލުކުރެއްވުމަށް ހެލްސިންކީއަށް ވަޑައިގަތުމުގެ ކުރިން، ޖުލައި މަހުގެ 11 އަދި 12 ދެ ދުވަހު ބްރަސެލްސް ގައި އޮންނަ ނޭޓޯ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަހު ޖުލައި 13 ވަަނަ ދުވަހު އިނގިރޭސި ރާނީ އެލިޒަބަތު-2 އަދި ބޮޑުވަޒީރު ޓެރޭސާ މޭ އާ ބައްދަލުކުރެއްވުމަށް ރައީސު ޓްރަމްޕް ލަންޑަނަށް ވަޑައިގަންނަވާނެއެވެ.