ސަރުކާރުން ކުރަމުން އައި ރަށްރަށުގެ ތަރައްގީއަށް ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ހުރަސްއެޅި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
މާލެ އަތޮޅުގެ ތިން ރަށަކަށް މިއަދު ކުރައްވާ ދަތުރުފުޅުގައި ތުލުސްދޫއަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުވައިދެއްވަން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ނެރެން ރޭވި މީހުންނަށްވެސް އެ އަމުރު ތަންފީޒު ވެގެންދިޔަނަމަ ދެން ގައުމުގެ ކަންތައްވާނެ ގޮތެއް ވިސްނިފައި ނެތް ކަމަށެވެ.
ރައީސް ވިދާޅުވީ ތަރައްގީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް މަޑުޖެހުމެއް ނެތް ކަމަށާއި ނަމަވެސް ސުޕްރީމް ކޯޓުގެ އަމުރުގެ ސަބަބުން ތަރައްގީއަށް ހުރަސް އެޅިގެންދިޔަ ކަމަށެވެ. ރައީސް ވިދާޅުވީ ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި ގުޅިގެން ގައުމުގެ ކަންކަން ހަމައަކަށް އަޅުވަން ހަޔެއްކަ މަސް ފަހަތަށް ގޮސްފި ކަމަށެވެ. ރައީސް ވިދާޅުވީ ގެއްލިގެންދިޔަ ވަގުތު އަލުން ނުހޯދޭނެ ކަމަށާއި ނަމަވެސް މަސައްކަތް ކުރަންޖެހޭނެ ކަމަށެވެ. އަދި އެމަނިކުފާނު ފައްޓަވާފައިވާ ތަރައްގީއެއްގެ ހުރިހާ މަޝްރޫއެއް ނިންމައި ދެއްވަން ބޭނުންފުޅު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ފެބްރުއަރީ އެކެއްގެ ސުޕްރީމް ކޯޓުގެ އަމުރަކީ ޖަލު ޙުކުމުގައި ތިއްބެވި ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރުމަށް އޮތް އަމުރެކެވެ. ނަމަވެސް އެ އަމުރަށް ފަހު ސަރުކާރުން ވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާނު ކުރައްވާފައެވެ. އެއަށް ފަހު ބަޔެއް ސިޔާސީ ފަރާތްތަކާއި ސުޕްރީމް ކޯޓުގެ އެންމެ އިސް ފަނޑިޔާރާއި އެ ކޯޓުގެ އެހެން ފަނޑިޔާރަކުވެސް ޖަލަށް ލެވިގެން ދިޔައެވެ.
އެފަރާތްތަކުގެ މައްޗަށް ގިނަ ތުހުމަތު ތަކަކާއެކު ޝަރީއަތަށް ފޮނުވި ބަޔެއް ފަރާތްތަކަށް މިހާރު ވަނީ ޖަލު ޙުކުމްވެސް އިއްވާފައެވެ. އޭގެތެރޭގައި އޭރު އުއްތަމަ ފަނޑިޔާރު ކަމުގައި ހުންނެވި އަބްދުﷲ ސައީދާއި، ފަނޑިޔާރު އަލީ ވަޙީދުގެ އިތުރުން ކުރީގެ ރައީސް މައުމޫންވެސް ހިމެނެއެވެ.