ރަންވީރު ސިންހު މިދުވަސްކޮޅު ދަނީ ހައިދަރްއާބާދުގައި 'ސިމްބާ' އަށް ޝޫޓު ކުރަމުންނެވެ. މި ފިލްމުގައި ރަންވީރު ކުޅެނީ ފުލުހެއްގެ ރޯލެވެ. މިއީ އޭނާގެ ފިލްމީ ހަޔާތުގައި ފުލުހުއްގެ ރޯލު ކުޅޭ ފުރަތަމަ ފަހަރެވެ.
'ސިމްބާ' ގެ ޑައިރެކްޓަރު ރޯހިތު ޝެޓީ ދަނީ ދޭތެރެދޭތެރެއިން ފިލްމުގެ މަންޒަރުތަކުގެ ފޮޓޯތަކާއި ވީޑިއޯތައް ބެލުންތެރިންނާ ހިއްސާ ކުރަމުންވެ. އޭނާ އެންމެ ފަހުން ޝެއަރކޮށްފައިވަނީ ރަންވީރު ގެ އާ ސްޓިލް އެކެވެ. މި ފޮޓޯ އިން ފުލުހެއްގެ ޝަޚުޝިއަޔަތު ވަރަށޤ ރަނގަޅަށް ފެނެއެވެ. ފޮޓޯގެ ކެޕްޝަނުގައި އޭނާ ވަނީ ރަންވީރަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.
ރަންވީރު ލިޑު ރޯލު ކުޅޭ މި ފިލްމުގައި އޭނާ އާ އެކު ފެނިގެންދާނީ ސައިފް އަލީ ޚާންގެ ދަރިފުޅު ސާރާ އަލީ ޚާން އެވެ. ރޯހިތު އަކީ މި ފިލްމުގެ ޑައިރެކްޓަރުގެ އިތުރުން ކޯ ޕްރޮޑިއަސަރުވެސް މެއެވެ. ޕިކްޗަރޒް އާއި ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަން އިން އުފައްދާ މި ފިލްމު ސިނަމާތަކަށް އަންނާނީ މިއަހަރުގެ ޑިސެންބަރު މަހުގެ 28ވަނަ ދުވަހުއެވެ.
'ސިމްބާ' ގެ އިތުރުން ޒޯޔާ އަޚްތަރުގެ 'ގަލީ ބޯއި' ގައިވެސް ރަންވީރު ދަނީ މަސައްކަތް ކުރަމުންނެވެ. ރަންވީރު 'ސްޓްރީޓް ރެޕަރ' އެއްގެ ރޯލު ކުޅޭ މި ފިލްމުގެ އަންހެން ތަރިއަކީ އާލިއާ ބަޓް އެވެ. މިއީ އާލިއާ އާއި ރަންވީރު އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ. މި ފިލްމު ސްކްރީނަށް އަންނާނީ 2019ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 14ވަނަ ދުވަހުއެވެ.
'ސިމްބާ' އަށް ފަހު ރަންވީރު ދެން މަސައްކަތް ފަށާނީ 83' ގައެވެ. މި ފިލްމުގައި އޭނާ ކުޅޭނީ ކްރިކެޓް ލެޖެންޑްރީ ކުޅުންތެރިޔާ ކަޕިލް ދޭވްގެ ރޯލެވެ.