ރައީސް މައުމޫން ޖަލުގައި ހުންނެވީ ޚާއްސަ ރައްކާތެރިކަމާއެކު

އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސްއެޅުއްވި ކަމުގެ ކުށް ސާބިތުވެ މިހާރު ޖަލަށް ލައިފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މާފުށީ ޖަލުގައި ހުންނެވީ ޚާއްސަ ރައްކާތެރިކަމާއެކު ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަން ގެ ތަރުޖަމާނު އަހުމަދު ލުގުމާން ވިދާޅުވީ ރައީސް މައުމޫން ޖަލުގައި ހުންނަވަނީ އެހެން މީހުންނެކޭ އެއްފަދައިން ގައިދީއެއްގެ ގޮތުގައެވެ. އެހެންނަމަވެސް އެމަނިކުފާނަށް ވަނީ "ސްޕެޝަލް ޕްރޮޓެކްޝަން ދެވިފައި. ރައީސްގެ ލަގަބު ވެސް ބޭނުން ކުރެވޭނެ،" ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް މައުމޫން ހުންނެވީ ވެސް ކުރީގެ ރައީސަކާ އެކަށީގެންވާ ތަނެއްގައި ކަމަށެވެ.

ރައީސް މައުމޫން މައްޗަށް އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުއްވި ކަމުގެ ދައުވާ ދައުލަތުން ކުރެއްވީ ފެބުރުއަރީ ފަސްވަނަދުވަހުގެރޭ އެމަނިކުފާނު ބަންދު ކުރެއްވުމަށްފަހު ފޯން ދެއްވުމަށް ފުލުހުން އެދުމުން ފޯނު ހަވާލު ނުކުރެއްވުމުން ކަމަށް ބުނެއެވެ.

މި މައްސަލައިގައި ރައީސް މައުމޫންގެ މައްޗަށް ކޯޓުން އިއްވައިފައިވަނީ ދޮޅު އަހަރަށް ޖަލަށްލުމުގެ ހުކުމެކެވެ. ޖަލަށް ލެއްވުމުގެ އިތުރަށް ކޯޓުންވަނީ ރައީސް މައުމޫނުގެ ދީނީ ނަސޭހަތް ދެއްވުމުގެ ހުއްދައާއި ގާނޫނީ ލަފާ ދެއްވުމާއި ކޯޓުތަކުގައި ވަކީލުކަން ކުރެއްވުމުގެ ހުއްދަވެސް ބާތިލް ކުރައްވައިފައެވެ.

މިއީ ރައީސް މައުމޫން ގާބޫލު ކުރައްވާ ހުކުމެއްނޫނެވެ. ހަމަ މިކުށް ސާބިތުވެގެން ޖަލަށް ލައިފައިވާ ރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސްޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދުވެސް މިހުކުމެއް ގަބޫލެއް ނުކުރައްވައެވެ.

ރައީސް މައުމޫނާ ދެކޮޅަށްވަނީ ޓެރަރިޒަމްގެ ދައުވާ ވެސް އުފުލައިފައެވެ. މައުމޫނަށް ކުރި ހުކުމާ ދެކޮޅަށް އަވަށްޓެރި އިންޑިއާއިންނާއި އެމެރިކާއިން ވަނީ ފާޑުކިޔައިފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.