ހުޅުމާލެ ފޭސް 2: ރައީސް ޔާމީންގެ ތަރައްގީގެ އެއް ރަމްޒު

މިއަދު އަޅުގަނޑުމެން މިދެކޭ، ވައިސާފު ، ހިތްގައިމު، މަގުތައް އޮމާން ހުޅުމާލެ ރަށެއްގެ ގޮތުގައި އުފެދިފައި ވަނީ ރައީސް މައުމޫންގެ ވެރިކަމުގައެވެ.

ހުޅުމާލެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި ހިއްކައި ނިމިއްޖެއެވެ. މީހުން އާބާދުވެ އަވަދިވެއްޖެއެވެ. އެވަރުންވެސް ބޯހިޔާ ވަހިކަމަށް ލުޔެއް ނުލިބުނެވެ.

ބޯހިޔާވަހިކަމުގެ ދަތިކަމާހެދި ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަން ފިލުވައިދެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހުޅުމާލޭ ދެވަނަ ފިޔަވަހި ހިއްކަވައި ނިންމެވީ 2015 ވަނަ އަހަރުއެވެ. ރައްޔިތުންނަށް އުންމީދު ތަކެއް ދެއްވަމުންނެވެ. ހުޅުމާލޭގެ ބިމަކީ ކޮންމެ ދިވެއްސެއްގެ ހިއްސާއެއް އޮންނާނެ ތަނެއް ކަމަށް ވިދާޅުވެ ރައީސް ޔާމީން އެތަން ތަރައްގީ ކުރައްވަނީ ޔޫތުސިޓީގެ ގޮތުގައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދަށުން ބިންހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފައިވަނީ ދެހާސް ފަނަރަވަނަ އަހަރު ޖެނުއަރީމަހު ފަނަރަވަނަ ދުވަހުގެރޭ ގައެވެ. މި މަޝްރޫއުގެ ދަށުން ބިންހިއްކައި ނިމިފައިވަނީ އެއަހަރު މާޗުމަހުގެ ފަހުކޮޅުއެވެ. ދެވަނަ ފިޔަވަހީގައި ދުއިސައްތަ ސާޅީސް ހެކްޓަރު ހުޅުމާލެއަށް އިތުރު ކޮށްފައިވެއެވެ. ހަމަ ރައްޔިތުންނަށްޓަކައެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހިއްކާފައިވަނީ ސަތޭކަ އަށްޑިހައަށް ހެކްޓަރު ބިމެވެ. އެއީ ފަސްދޮޅަސް ހާސް މީހުންގެ އާބާދީއަށް އަމާޒުކޮށްގެން ހިއްކި ބިމެކެވެ. އެ އާބާދީއަށް ބަލާއިރު މިހާރުވެސް އޭގެ ދެބައިކުޅަ އެއްބަޔަށްވުރެ މާގިނަ މީހުން އެބިމުގައި ވަނީ އާބާދުވެ ނިމިފައެވެ. އަދިވެސް ދަނީ އާބާދުވަމުންނެވެ. ދެވަނަ ފިޔަވަހީގައި ދުއިސައްތަ ސާޅީސް ހެކްޓަރު ބިން ހިއްކައިފައިވަނީ އެއްލައްކަ މީހުންގެ އާބާދީއަކަށެވެ.

ހުޅުމާލެ ތަރައްގީ ކުރާނީ ޒުވާނުންގެ ސިޓީއެއްގެ ގޮތުގައެވެ. އެންމެ ޒަމާނީ ފެންވަރަށެވެ. އެސިޓީ ތަރައްގީކޮށް ނިމޭއިރު ނޮލެޖެ ޕާކް (ޢިލް މީމަރުކަޒު) އައިޓީ ޕާކް (އިންފޮމޭޝަން ޓެކްނޮލޮޖީ މަރުކަޒު) އެއް ތަރައްގީ ވެގެންދާނެއެވެ. އަދި ޔޮޓް މެރީނާއެއްވެސް މި ތަރައްގީގައި ބޮޑުބައެއް ހިއްސާ ކުރާނެއެވެ. އެއީ އެއްފަހަރާ 300 އެއްހާ ޔޮޓަށް ޚިދުމަތް ދެވޭވަރުގެ މެރީނާއެކެވެ.

މީގެ އިތުރަށް ތީމް ޕާކާއި އިންޑަސްޓްރިއަލް ޕާކެއް ހެދުމަށްވަނީ ޕްލޭން ކޮށްފައި. އަދި ޓޫރިޒަމް ޑިސްޓްރިކްޓެއް (ފަތުރުވެރިންނަށް ޚާއްސަ ސަރަހައްދެއް) ގާއިމް ކުރުމަށްވެސްވަނީ ނިންމައިފައެވެ. ޒުވާނުންނަށް ޚާއްސަކޮށްގެން އަދިވެސް އިތުރު ކަންކަން ކުރުމަށް ދެވަނަ ފިޔަވަހީގައިވަނީ ހިމަނައިފައެވެ. މީގެއިތުރަށް ބިޒްނަސް ޑިސްޓްރިކްޓަކާއި ތިން ސިޓީ ހޮޓާ ހުޅުމާލޭގައި ތަރައްގީ ކުރާނެއެވެ. އަދި ކޮންވެންޝަން ސެންޓަރަކާއި މިއުޒިއަމެއް (ދާރުލް އާސާރެއް) ތަރައްގީ ކުރެވޭނެއެވެ. އޭގެ އިތުރަށް އެކުއަޓިކް ވޯޓަރ ސެންޓަރެއްވެސް ގާއިމް ކުރެވޭނެއެވެ. މީގެ ތެރެއިން ވަރަށްބޮޑު ބައެއްގެ މަސައްކަތް ނިމި ބައެއްތަންތަނުގެ ބޭނުންވެސް މިހާރުވަނީ ކުރަން ފަށައިފައެވެ.

ހުޅުމާލެ "ޔޫތު ސިޓީއެއް" ނުވަތަ "ސްމާރޓް ސިޓީއެއް" ގެ ގޮތުގައި މަޝްހޫރު ކުރުމުން ބޯހިޔާވަހިކަމަށް ދޭންޖެހޭ އިސްކަމަކަށް އެއްވެސް ބަދަލެއް ނާންނާނެއެވެ. ގޯތި ގެދޮރަށްދޭ އިސްކަމެއް އެއްގޮތަކަށް ވެސް ކުޑައެއް ނުވާނެއެވެ. ޔޫތު ސިޓީގައި ތަރައްގީކުރާ މިފަދަ ތަންތަނުގެ ސަބަބުން ލިބިގެންދަނީ އިތުރު ހިތްހަމެޖެހުމާއި ފަސޭހަތަކެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި ނެއިބަރހުޑުތަކެއް ގިނައަދަދަކަށް ތަރައްގީ ވެގެންދާނެއެވެ. އެ މަސައްކަތް ފަތުއަޑުކިޔައިފައި އެދަނީ ކުރިއަށެވެ. ސަތާރަހާސް ނުވަތަ ވިހިހާސް ހައުސިން ޔުނިޓް ވެސް ދެވަނަ ފިޔަވަހީގައި އެޅުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވެފައިވެއެއެވެ. އޭހެ ތެރެއިން ބައެއް ތަންތަނުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. ދެވަނަ ފިޔަވަހީގެ ބޮޑެތި މަގުތަކުގައި ތާރުއަޅައި އެވަނީ ނިމިފައެވެ. މަގުތަކުގައި ޓްރެފިކް ނިޝާންތައް ކުރަހައި ބައްތި ޖެހުމުގެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމެނީއެވެ.

ރާއްޖޭގެ އާބާދީގެ ފަންސާސް އިންސައްތަ އަކީ ޒުވާނުންނެވެ. ރައީސް ޔާމީނަކީ ޒުވާންނަށް ޚާއްސަ ސަމާލުކަމެއް ދެއްވާ "ޒުވާނުންގެ ރައީސް" އެވެ. އެހެން ކަމުން ދެވަނަ ފިޔަވަހީގައި އަޅާ އެޕާޓްމަންޓްތައް ހަދާނީ ޒުވާނުންނާ ގުޅޭގޮތަށެވެ. ޒުވާނުންނާ ގުޅޭ ސްޓައިލަށެވެ.

ސްމާރޓް ސިޓީއެއްގެ ގޮތުގައި ހުޅުމާލެ ތަރައްގީ ކުރުމަށް ސަރުކާރުން ރާވާފައިވާ ޕްލޭން ތަންފީޒު ކުރާނީ ފިޔަވަހިތަކަށް ބަހާލައިގެންނެވެ. ޒަމާނީ ސިޓީއެއްގައި ހިމެނޭ ހުރިހާ ފަސޭހައެއް ހިމެނޭ ގޮތަށް ހުޅުމާލެ ތަރައްގީ ކުރުމަކީ ސަރުކާރުގެ ވަރަށް ވަރުގަދަ ޢަޒުމެކެވެ. އެ ޢަޒުމުގައި ސަރުކާރުން ގެންދަނީ ކާމިޔާބީތައް ހޯދަމުންނެވެ. މިއީ ބޯހިޔާ ވަހިކަމަށް އެދިއެދި ތިބި ރައްޔިތުންގެ ހިތުގައި ސަރުކާރާ މެދު އުފެދިގެންދާ ވަރުގަދަ އިތުބާރެކެވެ. ދެބަސް ނުވެވޭ ޔަގީންކަމެކެވެ.

އެ ކާމިޔާބީގެ ފަހަތުން ރައްޔިތުން އަންނަނީ އުންމީދީ މުސްތަގުބަލަކަށް އޮތް ޝައުގުވެރިކަމެއްގެ ބޮޑު ކަމުންނެވެ. ތަރައްގީގައި ރައީސް ޔާމީނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ހުޅުމާލެއަކީ މާލޭގެ ރައްޔިތުންނަށް އެކަނި ޚާއްސަ ކުރެވޭ ރަށެއް ނުވަތަ ސިޓީއެއް ނޫން ކަމަށެވެ. އެއީ ހުރިހާ ދިވެހިންގެ ސިޓީއެކެވެ. އެފުރުސަތު އަދުގެ ސަރުކާރުންވަނީ އެއްވެސް ރައްޔިތަކު އިސްތިސްނާ ނުވާނެ ގޮތަށް އާންމުކޮށް ހުޅުވާލައިފައެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހި ތަރައްގީވަނީއެވެ. ރައްޔިތުންނަށްޓަކައެވެ. ރައްޔިތުން އިންތިޒާރުގައި އުފާކުރަނީއެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ހިތްގައިމު އެޕާޓްމެންޓްތަކުގައި ފައިޖައްސާލުކަމުގެ އުންމީދުގައެވެ.   މި ސަރުކާރުން ވިދާޅުވަނީ ކުރިއަށްއޮތީ ވެސް ރައްޔިތުންނަށް އުފާވެރި މުސްތަގުބަލެއް ކަމަށެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.