﴿لَّقَدْ صَدَقَ اللَّـهُ رَسُولَهُ الرُّؤْيَا بِالْحَقِّ ۖ لَتَدْخُلُنَّ الْمَسْجِدَ الْحَرَامَ إِن شَاءَ اللَّـهُ آمِنِينَ مُحَلِّقِينَ رُءُوسَكُمْ وَمُقَصِّرِينَ لَا تَخَافُونَ ۖ فَعَلِمَ مَا لَمْ تَعْلَمُوا فَجَعَلَ مِن دُونِ ذَٰلِكَ فَتْحًا قَرِيبًا﴾ [سورة الفتح آية 27]
"ހަމަކަށަވަރުން، اللَّه، އެކަލާނގެ رسول އާއަށް ހުވަފެންފުޅު ސީދާކުރައްވައި، حق ގޮތުގައި ތެދުކޮށްދެއްވިއެވެ. ހަމަކަށަވަރުން، اللَّه އިރާދަކުރެއްވިނަމަަ ތިޔަބައިމީހުން أمان ކަމާއެކުގައި، حرمة ތެރިވެގެންވާ މިސްކިތަށް ވަންނާނެކަން ކަށަވަރެވެ. ތިޔަބައިމީހުންގެ ބޯތައް ބާލާ حال ގައި، އަދި ކުރުކޮށް ކޮށާ حال ގައެވެ. ތިޔަބައިމީހުން ބިރުގަތުމަކާވެސް ނުލައެވެ. ފަހެ، ތިޔަބައިމީހުންނަށް ނޭނގޭކަންތައް އެކަލާނގެ ދެނެވޮޑިގެންވެއެވެ. ފަހެ، އޭގެ ކުރިން ގާތުގައިވާ فتح އެއް އެކަލާނގެ ދެއްވާހުށްޓެވެ." (އަލްފަތުޙު: 27)
މިއީ މައްކާ ފަތަޙަކުރެއްވުމާ ބެހޭގޮތުން މާތް ﷲ ބާވައިލައްވާފައިވާ އާޔަތެވެ. އެމަތިވެރި ނަޞްރު މާތް ﷲ ކީރިތި ރަސޫލު صلى الله عليه އަށާއި މުސްލިމުންނަށް ދެއްވާފައި ވަނީ ހިޖުރައިން 8 ވަނަ އަހަރުގެ ރަމަޟާން މަހުގެ 20 ވަނަ ދުވަހުއެވެ.
މައްކާ ފަތަޙަކުރެއްވުމަކީ ގަދަކީރިތިވަންތަ ﷲ ރަމަޟާން މަހުގެ ތެރޭގައި މުސްލިމުންނަށް ދެއްވި އެތައް ނަޞްރެއްގެ ތެރެއިން އެއް ނަޞްރެވެ. މުސްލިމުންނަށް މައްކާގެ މުޝްރިކުންގެ މައްޗަށް އެެންމެ ފުރަތަމަ ނަޞްރު ލިބިފައިވަނީ ވެސް ރަމަޟާން މަހެއްގައެވެ. އެއީ ބަދުރު ހަނގުރާމައިގައި ލިބުނު މަތިވެރި ނަޞްރެވެ. ބަދުރު ހަނގުރާމަ ހިނގާފައި ވަނީ ހިޖުރައިން 2 ވަނަ އަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހުއެވެ. މިއަދަކީ މިއަހަރުގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހެވެ. އެ މަތިވެރި ނަޞްރުގެ ޒިކުރާ އާކުރެވޭ ދުވަހެވެ.
ރަސޫލުﷲ صلى الله عليه ބައިވެރިވެވަޑައިގެންނެވި އެންމެ ފަހު ހަނގުރާމަ ކަމުގައިވާ ތަބޫކު ހަނގުރާމަ ހިނގާފައި ވަނީ ހިޖުރައިން 9 ވަނަ އަހަރުގެ ރަމަޟާން މަހުގައެެވެ. އެ ހަނގުރާމައިގައި ރޫމީންގެ ލަޝްކަރު ވަނީ މުސްލިމުންނަށް ބިރުން ހަނގުރާމައިގެ މައިދާން ދޫކޮށް ފިލާފައެވެ.
އިސްލާމީ ތާރީޚުގައި ލިބުނު އެންމެ ބޮޑު އެއް ނަޞްރު ކަމުގައިވާ އަންދަލުސް ފަތަޙަކުރުން ހިނގާފައި ވަނީ ވެސް ރަމަޟާން މަހެއްގައެވެ. ޠާރިޤު ބިން ޒިޔާދުގެ ކޮމާންޑަރުކަމުގައި މުސްލިމުން އަންދަލުސް ފަތަޙަކުރީ ހިޖުރައިން 92 ވަނަ އަހަރުގެ ރަމަޟާން މަހުގެ 28 ވަނަ ދުވަހުއެވެ.
އިސްލާމީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ދިން ތަތާރުންގެ މައްޗަށް މުސްލިމުންނަށް ނަޞްރު ލިބުނު ޢައިނު ޖާލޫތު ހަނގުރާމަ ހިނގާފައި ވަނީވެސް ރަމަޟާން މަހެއްގަައެވެ. މިޞްރުގެ ރަސްގެފާނު ސައިފުއްދީން ޤުޠުޒުގެ ލަޝްކަރު ފަލަސްޠީނުުގެ ޢައިނު ޖާލޫތުގައި ތަތާރުން ބަލިކުރީ ހިޖުރައިން 658 ވަނަ އަަހަރުގެ ރަމަޟާން މަހުގެ 25 ވަނަ ދުވަހުއެވެ.
މަތީގައި ބަޔާންކުރެވުނު ކޮންމެ ހަނގުރާމައަކީ އިސްލާމީ ދައުލަތް ވަރުގަދަކުރި ހަނގުރާމައެކެެވެ. ރޯދަހިފައިގެން ތިބެ ޖިހާދުކުރި މުސްލިމުންގެ ސާބިތުކަމާއި، އީމާންތެރިކަމަށްޓަކައި މާތް ﷲ އެބައިމީހުންނަށް ދެއްވި ނަޞްރު ސަބަބުންނެެވެ.