ހއ. އިންނަފިނޮޅުގެ ފަރަށް އިއްޔެ އެރި ރާއްޖެއިން ބޭރުގެ ބޯޓުގައި މަސްތުވާތަކެތި ހުރި ކަމުގެ ނިޝާންތައް ފެންނަމުންދާތީ އެބޯޓު ބަލައި ފާސް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ އެކަމާބެހޭ އޮތުރު މައުލޫމާތު ދެވެން ނެތްކަމަށެވެ. އަދި އެބޯޓާ ބެހޭ މައުލޫމާތުވެސް ފަހުން ހިއްސާ ކުރައްވާނެ ކަމަށް ފުހުން ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ބޯޓު އޮތް ސަރަހައްދުގެ ބައެއް ރަށްރަށަށް މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް ދަނީ ލައްގަމުންނެވެ.
ބޯޓު ފަރަށް އެރުމުން އޭގެ ފަޅުވެރިން ވަނީ އޭގައި ރޯކޮށްލުމަށްފަހު ކަނޑަށް ފުންމާލައިފައެވެ. އެހެންނަމަވެސް އެމީހުން މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ބޯޓުން ފުންމާލައިގެން އެމީހުން މަސައްކަތްކުރީ ފިލަން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެމީހުންގެ އަދަދަކީ 8 އެވެ.
މިހާދިސާ ހިނގާފައިވަނީ އިއްޔެރޭ ފަތިހުގެ ވަގުތެއްގައެވެ. އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ އެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ އިއްޔެ ހެނދުނު 6:00 ގައި ކަމަށެވެ.