ގައިދީން ޕްރޮމޯޓު ކުރާނަމަ ފިޔަވަޅު އަޅާނަން: ހޯމްމިނިސްޓްރީ

ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ކުރިއަށްނެރެ ޕްރޮމޯޓު ކުރާ ފަރާތްތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ހޯމްމިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން އާންމު ކުރައްވައިފައިވާ ނޫސްބަޔާނެއްގައި ވިދާޅުވެފައިވަނީ "ހުކުމް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ނަމުގައި މިހާރަކަށް އައިސް ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްފައިވާ ސިޔާސީ ޕާޓީތަކުންނާއި، ޖަމިއްޔާ ޖަމާއަތްތަކުންނާއި، އަމިއްލަ ފަރުދުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ގައިދީން ޕްރޮމޯޓުކޮށް ކުރިއަށްނެރެ ޝަޚުސު އޮޅޭ ގޮތަށް ހިންގަމުން ގެންދާ ހަރަކާތްތަކާއި އަމަލުތަކަކީ ގާނޫނާއި ގަވާއިދާ ޚިލާފަށް ހިންގާ ހަރަކާތްތަކެއް،" ކަމަށެވެ. އެހެން ކަމުން އެފަދަ އަމަލުތަކާއި ހަރަކާތްތައް ހިންގާ ފަރާތްތަކާއި މީޑިއާތަކުން ޒިންމާވާންޖެހޭ ފަރާތްތަކާ މެދު ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި އެމްޑީޕީން ވާދަ ކުރައްވާނެ ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބާއްވާ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ޕްރޮމޯޓު ކުރުމަށް އެޕާޓީން ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ކުރައްވަމުންނެވެ.

އޭގެ އިތުރަށް އެވާހަކަތައް ނޫސްތަކުން ވެސް ގެނެސްދެއެވެ. އެހެންނަމަވެސް ރައީސް ނަޝީދަކީ ހުކުމެއް ތަންފީޒު ކުރައްވަން ޖެހިވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި ޖޭޕީޕީގެ ލީޑަރު ގާސިމް އިބްރާހީމަކީ ވެސް ހުކުމެއް ތަންފީޒު ކުރައްވަން ޖެހި ވަޑައިގަންނަވާ ބޭފުޅެކެވެ. މި ދެބޭފުޅުން ވެސް މިހާރު ތިއްބެވީ ބޭރުގެ ދެ ގައުމަކުން ހިމާޔަތް ހޯއްދަވައިގެން އެ ދެގައުމުގައެވެ.

މިފަދަ ބޭފުޅުންގެ ވާހަކަތައް ގެންނަވާ ކަމަށް ވާނަމަ ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރިއަށް ގެންދިޔުމަށްވެސް މިނިސްޓްރީން ވަނީ އެދި ވަޑައިގެންފައެވެ.

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.