ރަމަޟާން މަހު ޤުރުއާން ކިޔެވުން އިތުރުކޮށް ނަމާދަށް ފަރުވާތެރިވުން އެދެން- ރައީސް

ރަމަޟާން މަހަކީ ކީރިތި ޤުރުއާން ބާވައިލެއްވި މައްސަރު ކަމަށްވުމުން އެ މަހުގައި ކީރިތި ޤުރުއާން ކިޔެވުން އިތުރުކޮށް، ނަމާދަށް ފަރުވާތެރިވުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ، ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް މިރޭ ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ. ރައީސްގެ ޚިތާބުގައި ރަމަޟާންމަހަކީ މާތްކަން އިތުރު ވެގެންދާ މައްސަރަކަށް ވުމުން މިމަހުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިއްޕެވުމަށާއި، އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިބުމަށްވެސް ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައިވެއެވެ.

ރައީސްގެ ޚިޠާބުގައި ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރުކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ކުރައްވައި މި މާތް މައްސަރުގެ ތަހުނިޔާ، ރާއްޖޭގެ އެންމެހައި  ރައްޔިތުންނަށް  ދަންނަވައި، މި މުނާސަބަތުގެ ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. ހަމައެޔާއެކު، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އެ ޤައުމުތަކުގެ އުޚުއްވަތްތެރި ރައްޔިތުންނަށް އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކުގެ ވެރިންނަށްވެސް މި ބަރަކާތްތެރި މުނާސަބަތުގެ ތަހުނިޔާ އެމަނިކުފާނު ދެންނެވިއެވެ.

މީގެ އިތުރުން، ރަމަޟާން މަހަކީ މާތްﷲ އިސްލާމީ އުންމަތަށް ދެއްވާ ވަރަށް މުހިންމު ރޫޙާނީ މައްސަރެއް ކަމަށާއި، ފުއްސެވުމާއި ރުއްސެވުމުގެ މައްސަރެއް ކަމަށާ މިއީ އަޅުކަމާއި ތަޤުވާގެ އަގުހުރި ފުރުޞަތެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

 

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.