ކަށަވަރު ނުކުރެވޭ ފޯމުތަކަށް މުދާލައި ޚިދުމަތް ފޯރުކޮށް ނުދީ: ފިނޭންސް

މުދަލާއި ޚިދުމަތަށް އެދުމަށް ދައުލަތުގެ "އެކައުންޓިން ސިސްޓަމް" ގެ ބޭރުން ތައްޔާރު ކޮށްފައި ހުންނަ ފޯމުތަކަށް މުދަލާއި ޚިދުމަތް ފޯރުނުކޮށް ދިނުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޝަރީން އެދި ވަޑައިގެންފިއެވެ.

އެމިނިސްޓްރީން ވިދާޅުވެފައިވަނީ ދައުލަތުގެ "އެކައުންޓިން ސިސްޓަމް" އިން ބޭރުން ތައްޔާރު ކޮށްފައި ހުންނަ އެފަދަ ފޯމުތަކަށް މުދަލާއި ޚިދުމަތް ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތަކުން ފޯރުކޮށް ދެމުން ގެންދާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެގޮތަށް ހެދުމުން އެފަރާތްތަކަށް ލިބެންވާ ފައިސާ ނުލިބި ވިޔަފާރުތަކަށް ގިނަގުނަ ދަތިކަން ފޯރާކަމުގެ ޝަކުވާ ތަކުރާރުކޮށް އެމިނިސްޓްރީއަށް ލިބެމުންދާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެކަމަށް ހައްލެއް ހޯދައި ދެއްވުމުގެ ގޮތުން "ބަނޑޭރި ޕޯޓަލް" އަށް "ވެންޑަރ ޕަޗޭސް އޯޑަރ" ނަމުގައި ޚިދުމަތެއް ތައާރަފް ކޮށްފައިވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ. "މި ޚިދުމަތުގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ މުދަލާއި ޚިދުމަތަށް އެދޭ ފޯމްތަކަކީ، އެކަމަ ބަޖެޓުގައި ފައިސާ ހިމެނިގެން އަދި އެ އޮފީހަކުން ހުއްދަ ލިބިގެން ތައްޔާރު ކޮށްފައިވާ ފޯމެއްކަން ކަށަވަރު ކުރެވޭނެއެވެ. އަދި އެފޯމަކާ ގުޅޭ ބިލަކަށް ފައިސާ ދައްކަންޖެހޭ ވަގުތުގައި ބަޖުޓުގެ މައްސަލައެއް ދިމާވެގެން ފައިސާ ދެއްކުން ލަސްނުވާނެ ކަމުގެ ޔަގީންކަން ލިބިގެންދާނެއެވެ." މިނިސްޓްރީން ވިދާޅުވެފައިވެއެވެ.

ސިސްޓަމުގެ ބޭރުން ތައްޔާރުކުރާ އެފަދަ ފޯމުތަކަށް ދޫކުރާ މުދަލެއް ނުވަތަށް ޚިދުމަތަކަށް ބިލަށް ފައިސާ ނުލިބުމުގެ ޒިންމާ މިނިސްޓްރީން ނުނަންގަވާނެ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެޚިދުމަތާބެހޭ ތަފްސީލް ބޭނުންނަމަ އެ މިނިސްޓްރީގެ ކޯލް ސެންޓަރަށް ގުޅުއްވުމަށް ވެސް މިނިސްޓްރީން ވަނީ އެދި ވަޑައިގެންފައެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.