މެލޭޝީޔާގައި އިއްޔެ ބޭއްވި އާންމު އިންތިޚާބުގައި އެގައުމުގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދު ތާރީޚީ ކާމިޔާބީއެއް ހޯއެްދަވައިފިއެވެ. ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދައި، މެލޭޝިޔާގެ އާ ސަރުކާރު އެކުލަވާލާނީ އޭނާ އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ ކޯލިޝަން ޕަކަތާން ހަރަޕާން (ޕީއެެޗް- އެލަޔަންސް އޮފް ހޯޕް) އެވެ. އެ ކޯލިޝަނުގެ ފަރާތުން ބޮޑުވަޒީރަކަށް ވެވަޑައިގަންނަވާނީ މަހާތީރެވެ.
ގާނޫނު ހަދާ މަޖިލީހުގެ 222 ގޮނޑީގެ ތެރެއިން 113 ކޮނޑި ކާމިޔާބުކޮށް، ޕީއެޗް ކޯލިޝަންނުން ވަނީ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދާފައެވެ. މި ނަތީޖާއާއެކު މެލޭޝިޔާ މިނިވަންވީއްްސުރެ އެގައުގައި ވެރިކަން ކުރަމުން އައި ޔުނައިޓެޑް މެލޭ ނޭޝަނަލް އޮގަނައިޒޭޝަން (އުމްނޯ) ގެ ވެރިކަން ނިމުމަކަށް އައީއެވެ. އެޕާޓީގެ ވެރިކަން ނިމުމަަކަށް ގެނައީ، ހަމަ އެޕާޓީގެ ފަަރާތުން މެލޭޝިޔާގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި މަހާތީރު މުޙައްމަދު ކަން ފާހަގަކޮށްލަން ޖެހެއެވެ.
ބޮޑުވަޒީރު ނަޖީބު ރައްޒާޤުގެ އުމްނޯ ޕާޓީ އިސްކޮށް އޮވެގެން އުފައްދާފައިވާ ބަރިސަން ނާސިއޮނަލް (ބީއެން- ނޭޝަނަލް ފްރަންޓް) އަށް ކާމިޔާބު ކުރެވުނީ މަޖިލީހުގެ 79 ގޮނޑިއެވެ. އެހެން ޕާާޓީތަކުން 27 ގޮނޑި ކާމިޔާބު ކުރިއިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓުން 3 ގޮނޑި ކާމިޔާބުކޮށްފައި ވެއެވެ.
ގާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ހޯދުމުގެ އިތުރަށް ސްޓޭޓްތަކުގެ އިންތިޚާބުގައި ވެސް މަހާތީރުގެ ޕީއެެޗް ކޯލިޝަނުން ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފައެވެ. މެލޭޝިޔާގެ 13 ސްޓޭޓްގެ ތެރެއިން އިންތިޚާބު ބާއްވާފައި ވަނީ ސަރަވަކް ފިޔަވައި ދެން އޮތް 12 ސްޓޭޓުގައެވެ. އޭގެ ތެރެއިން ޕީއެެޗް ކޯލިޝަން ވަނީ 7 ސްޓޭޓް ކާމިޔާބުކޮށްފަައެވެ. ނަޖީބު ރައްޒާޤުގެ ބީއެން ކޯލިޝަނަށް ލިބުނީ 4 ސްޓޭޓެވެ. މެލޭޝިއަން އިސްލާމިކް ޕާޓީއަށް ކާމިޔާބު ކުރެވުނީ 2 ސްޓޭޓެވެ. މަހާތީރުގެ ކޯލިޝަނުން ކާމިޔާބުކުރި ސްޓޭޓްތަކުގެ ތެރޭގައި ނަޖީބު ރައްޒާގުގެ އުފަން ސްޓޭޓް ޖޯހޯރުވެސް ހިމެނެއެވެ.
1981 ވަނަ އަހަރުން 2003 ވަނަ އަހަރަށް މެލޭޝިޔާގައި ބޮޑުވަޒީރުކަން ކުރެއްވި މަހާތީރު ވެރިކަމާ ހަވާލުވެވަޑައިގަންނަވާނީ އުމުރުފުޅުން 92 އަހަރުގައި، ދުނިިޔޭގެ އެންމެ މުސްކުޅި ބޮޑުވަޒީރުގެ ގޮތުގައެވެ. އޭނާގެ ކުރީގެ ޕާޓީއާ ދެކޮޅަށް ނުކުންނަވައި އޭނާ ކާމިޔާބު ހޯއްދެވީ އޭނާގެ ވެރިކަމުގައި އޭނާއާއި އެންމެ ވާދަވެރި، އަދި ފަހުން ޖަލަށް ލެއްވި އަންވަރު އިބްރާހީމްގެ ޕާޓީއާ ގުޅިވަޑައިގެންނެވެ.
ބޮޑުވަޒީރު ނަޖީބު ރައްޒާޤަށް ކުރިމަތިލައްވަން ޖެހިވަޑައިގަތް އެތައް ބިލިއަން ޑޮލަރެއްގެ ކޮރަޕްޝަން މައްސަލައާއި، އޭނާގެ ވެރިކަމުގައި މެލޭޝިޔާގެ އިގްތިސާދު ދަށަށް ދިއުންވީ އޭނާ އިންތިޚާބުން ބަލިވެވަޑައިގަތުމުގެ މައިގަނޑު ސަބަބުތައް ކަމުގައެވެ.