ފަޔަރ ޕްރިވެންޝަން ވީކް 2018 ފަށައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސް (އެފްއާރުއެސް) އިން "ފަޔަރ ޕްރިވެންޝަން ވީކް 2018" ގެ ނަމުގައި ޕްރޮގްރާމެއް އިއްޔެ ފަށައިފިއެވެ.

ވިލިމާލޭގައި ފެށި "ފަޔަރ ޕްރިވެންޝަން ވީކް" ކުރިއަށްދާނީ، ވިލިމާލޭގެ އިތުރުން، މާލެސިޓީ އާއި ހުޅުމާލެ އަދި ވ.ރަކީދޫގައި ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މިޕްރޮގްރާމް މާދަމާ ބޭއްވުމަށް ހަމަޖެހިފައިވަނީ ވ.ރަކީދޫގައެވެ. ރަކީދޫގައި ކުރިއަށްދާ ޕްރޮގްރާމްގައި، އެފްއާރުއެސް ގެ އިތުރުން އެމްއެންޑީއެފް މާލޭ އޭރިއާގެ ސިފައިން ވެސް ހަރަކާތްތެރިވާނެއެވެ. އަދި އަންނަ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކްގައި އަދި ހޮނިހިރު ދުވަހު މާލޭ ރަސްފަންނުގައި ޕްރޮގްރާމް ކުރިއަށްގެންދާނެ ކަމަށްވެސް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ. މި ޕްރޮގްރާމްތައް ކުރިއަށްދާނީ އެ ދުވަސްތަކުގެ 16:00 އިން 18:00 އަށް ކަމަށްވެސް އެތަނުން ވިދާޅުވިއެވެ.

އާންމުކޮށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި، ކައްކާ ގޭހުން ދިމާވެދާނެ ހާދިސާތަކުން ސަލާމަތްވުމަށާއި، އަދި ބަދިގޭގައި ހިނގާފާނެ އަލިފާނުގެ ހާދިސާއަކުން ރައްކާތެރިވުމާއި ބެހޭ މަޢުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ އަމަލުކުރާނެ ގޮތްތަކާއި، އަލިފާންނިވި ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދެއްވާނެ ކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.

މި ޕްރޮގްރާމަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ ދިމާކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާރވިސްއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި، ފާއިތުވި އަހަރުތަކުގައި ފަޔަރ ޕްރިވެންޝަން ވީކަށް އާންމުގެ ވަރަށްބޮޑު ތަރުޙީބެއް ވަނީ ލިބިފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ.

 

 

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.