ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކ.އޮޅަހަލި ޖެޓީ މަތިން މޫދަށް ފައިބައިގެން އުޅެނިކޮށް ގެއްލިފައިވާ ބިދޭސީ މީހާގެ ހަށިގަނޑު ކޯސްޓް ގާޑުގެ ޑައިވަރުން ހޯދައިފިއެވެ.
އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މޫދު އަޑިން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ. އެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު އެވެ.
އެމީހާގެ ހަށިގަނޑު ފެނިފައި މިވަނީ ރެއިން ފެށިގެން އޭނާ ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން އެސަރަހައްދަށް ފީނައި ބަލަމުން ދަނިކޮށް މިއަދު ހެނދުނު 07:45 އެހައިކަންހާއިރު އެވެ. އޭނާ އޮތީ މޫދުގެ 7.2 މީޓަރު އަޑީގައެވެ.
އެމީހާގެ ހަށިގަނޑު ވަނީ މިއަދު ހެނދުނު 9:10 އެހައިކަންހާއިރު މާލެ ގެންގޮސްފައެވެ. ފުލުހުން މިހާރު ގެންދަނީ އެމައްސަލަ ބަލަމުންނެވެ.
އެ މީހާ ގެއްލުނުކަމުގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ރޭ 20:25 އެހައިކަންހާއިރުއެވެ. ހާދިސާގެ މައުލޫމާތު ލިބުމާ ގުޅިގެން، އެމްއެންޑީއެފް ކޯސްޓްގާޑް ފާސްޓް އިންޓެސެޕްޓް ކްރާފްޓް "މާފަތް" އެސަރަހައްދަށް ގޮސް، އެމީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުގެ އެހީތެރިކަމާއެކު ވަގުތުން ފެށިއެވެ.
މި ހާދިސާގައި ގެއްލިގެން ހޯދަމުންދިޔައީ ކ.އޮޅަހަލިގައި މަސައްކަތްކުރާ ބަނގްލަދޭޝްގެ ރައްޔިތެކެވެ. މިމީހާ މޫދަށް ފައިބާފައިވަނީ އޭނާގެ ފައިވާން މޫދަށް ވެއްޓުމުން ފައިވާން ނެގުމަށް ކަމަށާއި، އޭނާއަކީ ފަތަން ދަންނަ މީހެއް ނޫންކަމަށް އެމްއެންޑީއެފަށް މައުލޫމާތު ލިބިފައިވާކަމަށްއެތަނުން ވަނީ ވިދާޅުވެފައެވެ.