ތުލުސްދޫގައި ނަރުދަމާ ނިޒާމު ގާއިމް ކުރުމުގެ މަސައްކަތް ފަށައިފި

މާލެ އަތޮޅު ތުލުސްދޫގައި ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައިވަނީ އިއްޔެ އެވެ.

މިއީ އެކަށީގެންވާ ބޯފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް އެންމެހައި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ސިޔާސަތުގެ ދަށުން ރައީސް ޔާމީންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ތުލުސްދޫގެ ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ ޢަމަލީ މަސައްކަތް ކުރިޔަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން، ސިއެރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކޮށްގެންނެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 18 ޖޫން 2017 ގައެވެ. މިއީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ލޯނު އެހީ އާއި ދިވެހި ސަރުކާރުގެ ބަޖެޓުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓުގެ ޖުމްލަ އަގަކީ 46,884,906.78 ރުފިޔާ އެވެ.

މި މަޝްރޫއަށް ފައިސާ ހަމަޖެހުމަށްފަހު ނަރުދަމާގެ ނިޒާމު ޑިޒައިންކޮށް ޢަމަލީ މަސައްކަތް ބަލަހައްޓާނެ ފަރާތެއް ކަނޑައަޅާފައިވަނީ ފަންޑިންގް އެޖެންސީ ގެ ބެލުމުގެ ދަށުން އިންޓަރނޭޝަނަލް ޓެންޑަރގެ ތެރެއިންނެވެ. މިގޮތުން މި މަޝްރޫއުގެ ޑިޒައިން މަސައްކަތާއި ޓެންޑަރ ޑޮކިއުމަންޓު ތައްޔާރުކުރުމުގެ މަސައްކަތް ކޮންސަލްޓަންޓުންނާއި ހަވާލު ކުރެވިފައިވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ ތާރީޚަކީ ކޮންޓްރެކްޓް އެގްރީމެންޓުގައި ސޮއިކުރާ ތާރީޚުން ފެށިގެން 468 ދުވަހެވެ.

މިމަޝްރޫއުގެ ދަށުން އެރަށުގައި ނަރުދަމާ ވިއުގަ ގާއިމުކުރުމާއި ސުވޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމުކުރުމާއިއެކު މި ނިޒާމު ހިންގާނެ އެޑްމިނިސްޓްރޭޓިވް ބިލްޑިންގ އެޅުން ވެސް ހިމެނެއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.