މިދިޔަ ހޮނިހިރު ދުވަހު ސ. ހިތަދޫ ރީޖަނަލް ހޮސްޕިޓަލާ ދިމާ ފުއްޓަރަށް މޫދަށް އެރިއުޅުނު ކުދިންތަކުގެ ތެރެއިން ގެއްލިފައިވާ ދެކުދިން ހޯދުމަށްޓަކައި ޑައިވިން ރޮބަޓް ބޭނުން ކޮށްގެން ކަނޑުގެ އަޑި ބަލައިފި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފްގެ ތަރުޖަމާނު ކެޕްޓަން އިބްރާހީމް އާޒިމް ވިދާޅުވީ ރޮބަޓުގެ އިތުރަށް ހެލިކަޕްޓަރުގެ އެހީގައިވެސް ވަނީ ކަންޑުގެ ސަރަހައްދު މިއަދުވެސް ބަލައިފައި ކަމަށެވެ. އަދި ޑައިވަރުންވެސް ވަނީ އޮއި އޮތްގޮތް ބަލައި ކަނޑުގެ އަޑިވެސް ބަލައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
"އައްޑޫސިޓީން ގެއްލިގެން އުޅޭ ކުދިން ހޯދުމުގައި ޑައިވިން ރޮބަރޓް ބޭނުން ކޮށްގެން ވަނީ ކަނޑުގެ އަޑި ބަލައިފައި. ވައިގެ މަގުންވެސް ހެލިކަޕްޓަރުގެ އެހީގައިވަނީ ބަލައިފައި. އަދި ކަނޑުގެ ސާފަސްވެސް ބަލައިފައި. މިއަދުވެސް އޮއިހުރިގޮތަށް ބަލައި ސާޗު ކުރުމަށް އެމްއެންޑީއެފް ކޯސްޓުގާޑު ޑައިވަރުން ވަނީ ހަރަކާތްތެރިވެފައި،" އިބްރާހީމް އާޒިމް ވިދާޅުވިއެވެ.
އެކުދިން ގެއްލުނު ދުވަހުން ފެށޮގެން ސިފައިން ގެންދަވަނީ ކުދިން ފެނޭތީ މަސައްކަތް ކުރައްވަމުންނެވެ. އިއްޔެއިން ފެށިގެންވަނީ އެ މަސައްކަތް ފުޅާކޮށް ބަލާ ސަރަހައްދު އިތުރުވެސް ކޮށްފައެވެ. އަދި އެ މަސައްކަތުގައިވަނީ އިތުރު ސިފައިން ބައިވެރިވެފައެވެ. ސިފައިންގެ އިތުރަށް ފުލުހުންވެސް ގެންދަވަނީ އެކުދިން ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ގެއްލުނު ދެކުދިންނާއެކު އެދުވަހު މޫދަށް އެރުނު ތިންވަނަ ކުއްޖާވަނީ ސަލާމަތް ވެފައެވެ. އޭނާ ސަލާމަތް ކޮށްދިނީ އާންމު ރައްޔިތެކެވެ.