ރައްޔިތުންގެ ތާއީދު ހޯދޭނީ ހަމަ ތަފާތު ފެނިގެން، ތަފާތު ދައްކައިގެން

އައިޖީއެމް ހޮސްޕިޓަލް

ހަގީގަތުގައިވެސް ހުސް ހޮޅިވާހަކަ ދައްކައިގެން، ނަތީޖާ ނުނެރެވޭ ފޮނި ހުވަފެންތައް ދައްކައިގެން ދިވެހީން ހައްލައިލެވޭ ވަރަށްވުރެ މިއަދު ގިނަ ދިވެހީންގެ ލޯހުޅުވިފައި ސިކުނޑިތައް މާ ތަނަވަހެވެ. ދޮގު ވާހަކަ ފަތުރައިގެން ކުލަނުޖެހޭ ތަސްވީރު ކުރަހައިގެން ފޮނި ބައިސާ ކަނޑައި މޮޅު ވާހަކަ ދައްކައި، އަޑުގަދަ ކޮށްގެން މީހުންނަށް ކަންކަން ވިސްނައިދެވޭ ވަރަށްވުރެ މިއަދު އިންސާނުންގެ ސިނކުޑިތައް މާ ތަނަވަސްވެފައި ހޭލުންތެރިކަން ބޮޑެވެ.

ކަށިނެތް ދޫ އޮތީތީ، މޮޅު ބަސްމޮށުންތެރިއަކަށްވީތީ ނުވަތަ މޮޅަށް ލިޔެވޭ ލިޔުންތެރިއަކަށްވާތީ، މޮޅު ކުރެހުންތެރިއަކަށްވާނީ ނޫންނަމަ މޮޅަށް އެޑިޓްކޮށް ގްރެފިކްސް ހަދާލެވޭ ކުޅަދާނަ މީހަކަށްވާތީ އެމީހެއްގެ ހުރި ހުނަރުވެރި ކަމަކުން އެމީހަކު ހިތައް ފެންނަ އެއްޗެއް ބަޔަކަށް ވިސްނައިދޭނަމޭ ނުވަތަ ބައެއްގެ ބޮލަށް ވަކި އެއްޗެއް ވައްދައިދޭނަމޭ ހިތާ ކިތަންމެ ވަގުތެއް އެކަމުގައި ހޭދަކޮށް ކިތަންމެ ހަކަތައެއް އެކަމަށް ދުއްވާލިޔަސް މައުލޫމާތު ބަވަނަ ވެފައިވާ މިއަދުގެ އީޖާދީ ދުނިޔޭގައި މަދު ބަޔަކު ނޫނީ ބަސްމޮށުންތެރިކަން މޮޅުކަމުން، ލިޔުންތެރިކަން މޮޅުކަމުން ރީތިކޮށް ތަސްވީރެއް ކުރަހައިގެން އޭގެ ބޭރުފުށުން ދޭހަވާ ނުވަތަ ފަހުމްވާ މާނައަށް ބަލައިގެން އެކަން ގަބޫލުކޮށްގެން ފަރުޖައްސާލައިގެން ތިބޭ މީހުން މިއަދު ދިވެހީންގެ ތެރޭގައިވެސް އިނގިލި ބިންދާފައި ގުނާލެވޭހާ މަދެވެ. ކަންމިހެން އޮތްއިރު މިއަދު މީހަކު މިނެކިރާލުމުގައި، މީހާގެ ހަގީގަތް ވަޒަންކޮށްލުމުގައި ނުވަތަ މީހެއްގެ އާޖުފާޖު ދެނެގަތުމުގައި ވެސް ބަލާ އެކައްޗަނީ ނަތީޖާއެވެ. އޭނާ ނުވަތަ އެމީހަކު ދައްކުވައިދޭ އާދަޔާ ޚިލާފު ތަފާތު ކެރެކްޓަރއެވެ. ނުވަތަ މީހާގެ ސިފަވަންތަ ކަމެވެ.

ސިޔާސީ މައިދާނަށް ބަލާއިރުވެސް މިކަން އޮތީ ހަމަ މި ބީދައިންނެވެ. ހަމަ މީހަކު ނުކުމެ ތިމަންނާ މިއީ ކަންކުރަން އެންމެ ކުޅަދާނަ މޮޅު މިހާއޭ، އެހެންވީމާ ވެރިކަމަށް ހޮވަންޖެހޭ މީހަކީ ނުވަތަ ވެރިކަމަށް އެންމެ ކުފޫހަމަވާ މީހަކީ ތިމަންނާއޭ ބުނުމަކުން ރައްޔިތުން އެކަން ގަބޫލުކޮށް ބަލައި ނުގަންނާނެކަން މިއީ މިއަދު ޔަގީންވާ ކަމެކެވެ. މިވާހަކަ މިއަށްވުރެ ތިލަކޮށް ދަންނަވާލެވޭތޯ ވެސް ބަލާނަމެވެ.

މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަހަށް އަވަސް ނަޒަރެއް ހިންގާލާއިރު އެންމެ ގިނަ ބައެއްގެ ފިކުރާއި ވިސްނުމާއި ޚިޔާލާތުގައި އެނބުރޭނެ އެއްކަމަކަށްވާނީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިގެން ރާއްޖޭގެ ވެރިކަމާއި ދެން ހަވާލުވެވަޑައިގަންނަވާނެ ލީޑަރަކާއިމެދު އުފެދޭ ސުވާލެވެ. ކިތަންމެ އަޑަށް ބާރުލާފައި ކިތަންމެ މޮޅު މީހަކު ބުންޏަސް އެކަން ކަށަވަރުކޮށް ބުނެދޭން އެނގޭނެ ހަމަ އެކަކުވެސް އަދި ނެތެވެ. އެކަމާއި މެދު ކުރެވެންޏާ ކުރެވޭނީ ހަމަ ތަސައްވަރެކެވެ. ހީއެކެވެ. ތިމާއަށް ފެންނަ ޚިޔާލެކެވެ. ވިޔަސް ނުވިޔަސް، ތިމާ ބޭނުންވާ ގޮތެވެ. ތިމާ އެދޭ ގޮތެވެ. ހަމަގައިމުވެސް މިޤައުމުގެ ރައްޔިތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވޯޓުލާނެ ބޭފުޅަކު ނިންމާއިރު ތިރީސް އަހަރުގެ ވެރިކަމާއި ތިން އަހަރުގެ ވެރިކަމާއި ދެއަހަރެއްހާ ދުވަހުގެ، ބައި ވެރިކަމުގެ ނަތީޖާގެ އިތުރުން މިހާރު ހިނގަމުންދާ ފަސްއަހަރުގެ ނަތީޖާ ދައްކާ ގޮތަށް ނުވަތަ ފެނުނު ގޮތަށް ބަލާނެއެވެ. އެވެރިން ދައްކައިދީފައިވާ ނަތީޖާތަކާއި އެވެރިންނަށް ހާސިލު ކުރެވިފައިވާ މިންވަރާއި އެވެރިން ނަތީޖާ ނެރުމަށް ކުރި މަސައްކަތާއި ކަންކުރާން އެކޮޅުމިކޮޅަށް ދުވެ "ތެޅިފޮޅުނު ގޮތާއި މިންވަރު" އިމްތިހާނެއްގެ ކަރުދާސް އަތައް އެރުމުން ނުވިސްނާ ވަރަށް، ވިސްނާ ފިކުރު ހިންގާނެއެވެ.

ވޭތުވެދިޔަ ވިހި ބާރަ އަހަރު ދުވަހުގެ ކުރިއާއި އަޅާ ބަލާއިރު މިއަދު ދިވެހީން ބޭނުންވާ ކަންކަމާއި މުހުތާދުތައް މިއޮތީ އުޑާ ބިމާހާ ތަފާތުވެފައެވެ. ދިވެހީން ބަލައިގަންނަ ކަންކަމާއި ގަބޫލުކުރާ ކުރުންތައް ކުރިއަރާ ތަރައްޤީވެ ބަދަލުވަމުން މިދަނީ އަޑަށްވުރެ ބާރަށް ދަތުރުކުރާ ޖެޓަކަށްވުރެ ބާރު މިނުގައެވެ. ދިވެހީން އަތޮޅު ތަޢުލީމީ މަރުކަޒުގެ ތަޢުލީމީ ފެންވަރާއި ރަށު ހެލްތު ޕޯސްޓާއި އަތޮޅު ޞިއްޙީ މަރުކަޒުގެ ޞިއްޙީ ޚިދުމަތުގެ ފެންވަރު މިއަދު ގަބޫލެއް ނުކުރެއެވެ. ހިކި ދިޔައިގައި އޮނަގަނޑުތާ ފެނަށް އެރި ފަސް އަހަރުން އެއްއަހަރު ކަޑަ ޖަހައިގެން ކޮންމެ ފަސް އަހަރަކުން ފަސްއަހަރަކުން ގޯތި ކަނޑައިދިން ގޮތަށް ގޯތި ކަނޑައިދީގެން މިއަދު ގަބޫލެއް ނުކުރެއެވެ. ތިން ހަތަރު ދުވަހުން ދާން ބޭނުންވާ މަންޒިލަށް ދާން ކުރި ދަތުރު ސައްވީސް ގަޑިއިރުން ބާރަ ގަޑިއިރުން ގޮސް ހަގަޑިއިރަށް ކުރުވާ ވަރަށް އިންޖީނުގެ ދުވެލި ހަލުއިވީމާވެސް، އެވަރަކުން މިއަދަކު ދިވެހީންނަކަށް ނުފުދެއެވެ. މިހެން ގޮސް އޭރާއި މިހާރުގެ ވާހަކަ އަޅާ ކިޔާން ވެއްޖެއްޔާ އަށްޑަންއިރު މިތާ ލިޔާން ފޫހަރައިގެން އިނަސް އެ ތަފާތު އަޅާކިޔައެއް ނުނިމޭނެއެވެ.

ދިވެހީން މިއަދު ބޭނުންވަނީ ގަޑި، ބައިގަޑި އިރުގެ ދަތުރެއް ކޮށްގެން ރަށަށް ޖައްސާލާށެވެ. ބަރުހެލި ދުވެލީގައި މާސިންގާ ކަނޑުގެ ބިޔަ ރާޅާ ތެމިފޯވެ ލޮނުދާހިއްލައިގެން ކުރި ދިގު ދަތުރު ފަނަރަ މިނެޓާއި ބައިގަޑިއިރާއި އެއްގަޑިއިރުން ކޮށްލައިގެން ނަލަކޮށް ރީތިކޮށް ތިބެ، ޖަހާލާފައި ހުންނަ މަޝްހޫރު މީރުވަސްދުވާ ބްރޭންޑްތަކުގެ ސެންޓު ތަކުގެ ވަސް ނުކެނޑެނީސް ދާން ބޭނުންވާ މަންޒިލަށް ގޮސް އެކުރާކަމެއް ކޮށްފައި އެނބުރި އަންނާށެވެ. ހިތަދޫގައި ދިރިއުޅޭ ރަހުމަތްތެރިޔާގެ ކައިވެނީގެ ހަފުލާއަށް އިރާދަމު ގޮސްލާފައި މެންދަން ނުވަނީސް އެނބުރި މާލެއަށް ނުވަތަ ހުޅުމާލެއަށް އައިސް އަމިއްލަ ގޭގައި ނިދާލާށެވެ. މުޅި އުމުރު ހޭދަކޮށްގެން ވެސް ބައްޕައަށް ނުހެދިހުރި އާއިލީ ގޯތީގައި ހުރި ކޮޓަރިގަނޑު ކޮންމެ އީދު ރޯދައަކަށް އާބާތުރަ ފިލުވައިގެން އުޅުނު ދުވަހަކީ މާޒީކަމުގައި ހަދައި އަލަތު ކައިވެންޏާއެކު ބޮލުން ވައްޓާލާ ހެދުމާއެކު އަމިއްލަ ފްލެޓްގައި އުޅެލަން ދާށެވެ. ރާއްޖެއަށް ފަތުރުވެރިން އައިސް ޗުއްޓީ ހޭދަކޮށްލާ ބީދައިން އޭޓީއެމް މެޝިނަށް ޕާސްޕޯރޓް ކާޑު ނުވަތަ އައިޑީކާޑު ޖަހާލައިގެން ޑޮލަރު ނަގައިގެން މެލޭޝިޔާއާއި ބެންކޮކާއި ހޮންގކޮންގަށް ގޮސް ޗުއްޓީ ހޭދަކޮށްލާށެވެ.

ކުރުކޮށްލާފައި، ފޮނިކޮށްލާފައި ދަންނަވަން އޮތީ މިއަދު ދިވެހީންގެ ޚިޔާލާއި ފިކުރަކީ ދުނިޔޭގެ މަޝްހޫރު ބްރޭންޑް ތަކުގެ ފްރެންޗައިސްތައް ރާއްޖޭގައިވެސް ތަޢާރަފުވެ، ޕިއްޒާ ހަޓާއި ބަރގަރ ކިންގާއި ގްލޯރިޔާ ޖީންސް ކޮފީއާއި ކޭއެފްސީއާއި މެކްޑޮނަލްޑާއި ސްޓަރބަކްސް ފަދަ ބްރޭންޑްތަކުގެ ޚިދުމަތްތައް ރާއްޖޭގައިވެސް ލިބެން ހުރުމެވެ. މިއީ ދިވެހީން އެންމެ އާންމުކޮށް ގޮސް އުޅޭ އަވަށްޓެރި އިންޑިޔާއާއި ލަންކާގެ ވެށިން ދިވެހިންނަށް ފެނި ދެނިވެ ބާވެ އެތައް ދުވަހެއްވެފައިވާ ޚިދުމަތްތައް ކަމުގައި ވީނަމަވެސް ކޮންމެވެސް ސަބަބަކާހުރެ ނަމަވެސް އަމިއްލަ ޤައުމުން އިއްޔެއާއި ޖެހެންދެންވެސް ލިބެން ނެތް ޚިދުމަތްތަކެކެވެ. ކުރީން މިޤައުމުގައި ވެރިކަން ކުރެއްވި ބޭބޭފުޅުންނަށް ފަހަރެއްގައި ދިވެހީން ރަނގަޅަށް އެނގިވަޑައި ނުގަންނަވާތީ ނުވަތަ ދިވެހީން ދާން ބޭނުންވާ ހިސާބު އެބޭބޭފުޅުންގެ ދުރުވިސްނުންފުޅާއި އެބޭފުޅުން ކުރައްސަވާ ޗާޓުގައި މާ ކުޑަކޮށް ފާހަގަކުރެއްވޭތީ ވެފައި އޮތް ކަމަކަށްވެސް ވެދާނެއެވެ.

ކޮންމެއަކަސް މިއަދު ދުނިޔޭގެ ހަތަރު ބިތުގައި ހިނގާ ކަންކަން ވަގުތުން ވަގުތަށް ފެނުމާއި އިވުމުގެ ނަސީބު ހޯދައިގެން، ލިބިގަނެގެން ތިބި ދިވެހީންގެ ތެރެއިން ގިނަ މީހުން ތިބީ "ގުނބޯ" ހައްދައިގެން، ހުވަފެން ދައްކައިގެން ހައްލާލެވޭ ވަރަށް ވުރެ މާ ބޮޑަށް ވެސް ހޭލުންތެރިވެފައެވެ. އެހެންވީމާ 2008 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭނުގައި "އަނެއް ދިވެހިރާއްޖެ" އަށް ދާން ޓިކެޓް ގަތަސް "އާ އުސްމިންތަކަކަށް" އަރާން ޓިކެޓް ހޯދައިގެން ފަރުޖައްސާލައިގެން ތިއްބެއްކަމަކު މިއަދަކު ހަމަ ހިލާ އެޓިކެޓެއް ދިވެހީންގެ ބޮލަކު ނޭޅުވޭނެއެވެ. "އޭތި" ދިވެހީންގެ ކައިރިއަކު ނުވެސް ހިނގާނެއެވެ.

މާލެއާއި ހުޅުލެއާއި ދެމެދަކު ބުރިޖެއް ނޭޅޭނެޔޭ ބުންޏަސް ދިވެހީން މިހާރު އެކަން ގަބޫލެއް ނުކުރާނެއެވެ. 25 ބުރީގެ އިމާރާތެއް މާލެއަކު ނޭޅޭނެއޭ ބުނެ އެކަމަށް ހުއްދަ ނުދީ ފިއްތައިގެން ތިބި ތިބުންވެސް ބަލައެއް ނުގަންނާނެއެވެ. ފަޅެއް ހިއްކާލަން ހަތަރު ފަސް އަހަރު ނަގާނެ ކަމަށް ބުނެގެން އެވާހަކަ މިއަދު ދިވެހީން ގަބޫލެއް ނުކުރާނެއެވެ. ފަސް އަހަރުގެ ދައުރެއް ނިމޭއިރު ދެތިން ސަތޭކަ ފްލެޓް އަޅައިގެން ދިވެހިން އެކަން ބަލައެއް ނުގަންނާނެއެވެ. ބޮޑެތި ބަލިތަކަށް ބޭސްކުރަން އަވަށްޓެރި ޤައުމުތަކަށް ދާން ޖެހޭ ހާލަތުގައި ސިއްހީ ނިޒާމު އޮވެގެން އެއީ ކަމުދާ މިންވަރު ކަމަކަށް ދިވެހީން ގަބޫލެއް ނުކުރާނެއެވެ.

ބަޔަކަށް ގަބޫލު ނުކުރެވުނަސް ގަބޫލުކުރަން ކިތަންމެ ދަތިވިޔަސް އަދި ހަޖަމު ކުރާން ކިތަންމެ އުނދަގޫވިއެއް ކަމަކު މިއަދާއި ހަމައަށް ދިވެހީންގެ މި ފިކުރާއި އުއްމީދާއި ޚިޔާލާތު އެނގިވަޑައިގެން ވެރިކަން ކުރައްވަމުން ގެންދަވާ ބޭފުޅަކީ ރައީސް އަބްދުﷲ ޔާމީންކަން މިއީ ސުވާލު އުފައްދަން ވެސް ޖާގަ އޮތް ކަމެއް ނޫނެވެ. ކުރިއަށް އޮތް ތަނުގައި އެހެން ބޭފުޅަކު މިގޮތަށް ވެރިކަން ނުކުރައްވާނެއެކޭ ނުވަތަ މިއަށްވުރެ މޮޅަށް، ރަނގަޅަށް ވެރިކަން ނުކުރައްވާނެއެކޭ ވެސް ދަންނަވާކަށް ނެތީމެވެ. މިދެންނެވީ މިއަދުގެ ހަގީގަތެވެ.

ހަމަގައިމުވެސް މިހިނގާ ވެރިކަމުގެ ފަސް އަހަރު ދުވަސް ފުރިހަމަ ނުވަނީސް ދިވެހީން ވާނެކަމަށް ހީވެސް ނުކުރާ ކިތަންމެ ކަމެއްވެ ނިމިއްޖެއެވެ. އަދި ނުކުރެވޭނެ ކަމަށް ބުނަމުން ދިޔަ އެތައް ކަމެއް ހިނގަމުން ވަމުން ނިމެމުން އެހެރެގެން ދަނީއެވެ. މިއީ މީހަކު ޕޯޑިއަމަކަށް އަރާފައި ކިޔައިދޭން ޖެހޭވެސް ކަމެއް ނޫނެވެ.

ތެދުފުޅެކެވެ. މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް އަރާވައިގެންފައި މިމަހު މަސައްކަތް ފަށާފައި އަންނަމަސް ނިމުމުގެ ކުރިން އެރަށު އެންމެންނަށް ވާވަރަށް ރަށުގައި ފްލެޓް އަޅައިދެއްވާނަމެކޭ ވިދާޅެއް ނުވެއެވެ. އަހަރު ނިމެން މަހަކަށް ވެފައި ހުއްޓާ ރަށަށް އަރާވަޑައިގެންފައި އަހަރު ނިމޭއިރު ރަށުގެ ހުރިހާ މަގުތައް ތާރުއަޅައި ނުވަތަ ގާ އަޅައިގެން ހައްދަވައި ދެއްވާކަށް ވަޢުދުވެ ވަޑައެއް ނުގަންނަވައެވެ. ބިން ފުރި ތޮއްޖެހިފައިވާ ރަށްރަށަށް އަރާވަޑައިގެން އެރަށުގައިވެސް އަހަރު ނިމޭއިރު އެއަރޕޯރޓެއް އޮންނާނެއެކޭ ވިދާޅެއް ނުވެއެވެ. ދެ ރިސޯޓާއި ލެޕްޓަކުން ޤައުމު ހިންގޭނެއެކޭ، މަޖާޒީ ގޮތަކަށްވެސް ވިދާޅެއްނުވެއެވެ.

ކޮންމެ ބޭފުޅަކުވެސް ވެރިކަން ހޯއްދަވަން މިއަދު ރައްޔިތުން ގާތަށް ވަޑައިގަންނަވަނީ މެނިފެސްޓޯއެއް ހިއްޕަވައިގެންނެވެ. ޤައުމު ހިންގަވާނެ ގޮތުގެ ތަސައްވުރެއް ކުރައްސަވައިގެންނެވެ. ރައްޔިތުން ވޯޓު ދެނީ އެކަންކަން ފުރިހަމަ ކުރައްވާނެ ކަމުގެ ފޮނި އުއްމީދުގައެވެ. ހަމަގައިމުވެސް މިއަދު ފެންނަމުން މިދަނީ އެމަންޒަރެވެ.

ޤައުމުގެ ޒުވާނުން ބާރުވެރި ކުރުވާން އެމީހުން ރުއްސަން "ބިރަކާ ނުލާ މަޖާ ކުރާން" ފުރުސަތު ދޭން ނުވަތަ ބިއްޖެހި ގޮތްހުސްވެ މަގުމަތިވެފައި ތިބި ޒުވާނުން އެކަމުން ސަލާމަތްކޮށް ބާރުވެރި ކުރުވާން "އެމީހުންނަށް ބޯން ދޭން" ނުޖެހޭކަން މިއަދު ކިތަންމެ ރަނގަޅަށްވެސް މިވަނީ ސާބިތު ވެފައެވެ. މިދެންނެވި ފަދަ މުޖުތަމަޢުން ބާކީވެ މަގުމަތިވެ ބިއްޖެހިފައި ތިބި ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯއްދަވައި ދެއްވާ އެކުދިންގެ ހުރި ހުނަރެއް ބޭނުން ކޮށްގެން ކުރިއަރާ ދެވޭނެ މަގު ފަހި ކޮށްދިނުމަށް ތަފާތު ނަންނަމުގައި ލޯނުތައް ދޫކުރަން ފެށުމުން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގެ މަގުތައް އަމާންވީއެވެ. ބިއްޖެހިފައި ތިބި ޒުވާނުން ގައިބާރު ޖެހި ހެލިފެލިވާން ފެށީއެވެ. ވަޒީފާ އަދާކޮށްގެން ލާރި ހޯދައިގެން ހުސްވަގުތުގައި ޓާފު ދަނޑުތަކުގައި ފުޓުބޯޅަ ކުޅެނީއެވެ. މަތީ ތަޢުލީމުގެ އެކި ކަހަލަ ފުރުސަތުތައް ހުޅުވާލާ އުނގެނުމުގެ އުމުރު ފުރާގެ ކުދީންނަށް މަތީތަޢުލީމުގެ ފުރުސަތު ފަހިކޮށްދިނުމުން "ގޯޅިއަޅައިގެންދާ ޒުވާނުން" ހަންމަތަ ކުރެވި އެމީހުންނަށް މަގު ދައްކައި ދެވުނީއެވެ. އުމުރުން ފަންސާހުން މައްޗަށް ނުދަނީސް އަމިއްލަ ވަޒަނެއް ލިބިދާނެ ކަމުގެ ހުވަފެންވެސް ނުދެކޭން ތިބި ޒުވާނުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމުން ޒުވާނުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލައަށް ހައްލު ލިބުނީއެވެ. އެއްވެސް ކުއްޖަކު ބާކީ ނުކޮށް ތަޢުލީމީ ފުރުސަތުދިނުމަށް ވިލަރެސް ކޮށްގެން މަސައްކަތް ފަށައިގަތުމުން އުނގެނުމަށް "ކޮށި" ކުދިންވެސް މަގުމަތި ނުވެ، ބާކީ ނުވެ، އެކުއްޖެއްގެ ހުރި ހުނަރަކާއިގެން ނުކުމެ ދިރިއުޅުމަށް މަސައްކަތް ކުރުމުގެ މަގު ފަހިވީއެވެ.

ފަނަރަ މިނެޓުން، ބައިގަޑިން ދަތުރު ކުރެވޭހާ ގާތްގާތުގައި ވައިގެ ބަނދަރުތައް ތަރައްޤީކޮށް މުޅި ޤައުމުގެ ދަތުރުފަތުރަށް ބޮޑު އިންގިލާބީ ބަދަލެއް ގެނައީއެވެ. މިހާރު ރަށުން ފުރައިގެން ގޮސް އަތޮޅުގެ އަތޮޅުވެރިކަން ކުރާ ރަށުގައި ހުންނަ ރެސްޓޯރެންޓުން އައިސްކްރީމް ބޯލައިގެން ރޭގަނޑު ނިދަން އާދެވޭ ވަރަށް ވުރެވެސް އެދަތުރު ކައިރިކޮށްދީ، މާލޭގައި ހުންނަ ޕިއްޒާ ހަޓުން ޕިއްޒާ ގަނެލައިގެން ފްލައިޓަށް އަރައިގެން އެ ޕިއްޒާގެ ހޫނުކަން ނުކެނޑެނީސް ރަށަށް ގޮސް އަނބިދަރީންނާއެކު ޕިއްޒާ ކާލެވޭ ވަރަށް މުޅި ޤައުމުގެ ދަތުރުފަތުރުގެ ނިޒާމު ގާތްކޮށް މުޅި ޤައުމު ވައިގެ މަގުން ގުޅުވާލީއެވެ.

އުމުރުން ވީދުވަހެއް މާލޭގައި ދިރިއުޅުން ވޭތިކޮށްލިއިރުވެސް ވަކި ޝަރުތެއް ހަމަނުވެގެން މާލެ ސަރަހައްދުން ބޯހިޔާވަހިކަން ނުލިބި ރުޅި ގަދަވެ "ތުންފިއްތައިގެން" ތިބި ދުވަހަކީ މިހާރު މާޒީއެވެ. މިއަދު ފްލެޓް އަޅަމުން އެހެރަގެންދަނީ ހަތްހާހުން ފަނަރަ ހާހުން ގުނާ ލެވޭ އަދަދުތަކުންނެވެ. އެންމެންނަށް ފްލެޓް ވެސް ޔަގީންވާ މިންވަރަށެވެ.

މުޅި ދުނިޔޭގައިވެސް އޮތް އެންމެ އަގުބޮޑު ފަތުރުވެރި ކަމުގެ މަންޒިލުގެ ގޮތުގައި މަޝްހޫރުވެފައިވާ މި ދިވެހި ރާއްޖޭގެ އެންމެ ބޮޑު، މައި ވައިގެ ބަނދަރުގެ ވާހަކަ އެކި ޕޯޑިއަމް ތަކުގައި މަޝްހޫރު ވެފައި އޮތީ "ބާލިދީ އެއަރޕޯރޓް" ގެ ގޮތުގައެވެ. އެކަން ރަނގަޅުކުރާނަމޭ ހިތައި މީގެކުރީގެ ވެރިކަމެއްގައި ބޭރުގެ ބަޔަކަށް އެއަރޕޯރޓް ދީގެން އެކަމުން ސަލާމަތް ނުވެވިގެން ވެސް އުޅުނުތަން މިތިބީ ދެކެފައެވެ. މިއަދު އެބުނާ އެއަރޕޯރޓަށް އެގެންނަ އިންގިލާބީ ތަރައްގީ އެގެންނަނީ ދިވެހި ސަރުކާރުން އަމިއްލައަށެވެ. ކުރިމަގުގައިވެސް ދިވެހީންނަށް އެންމެ ފައިދާ ލިބިލިބި އޮންނާނެ ގޮތަށެވެ. ހަމަގައިމުވެސް މި ތަރައްގީ ނިމުމުން ދިވެހީންގެ މައި އެއަރޕޯރޓްގެ ފެންވަރާއި ޚިދުމަތް، މިސަރަހައްދުގެ ވައިގެ ބަނދަރުތަކާ އަޅާ ކިޔާ ވަރަށްވުރެ މާ އުސްވެފައި ފައްކާވާނެކަން ޔަޤީނެވެ.

އެއަރޕޯރޓްގެ މިތަރައްޤީއާއި ޒަމާނީ ތަރައްޤީގެ އެންމެ ފުރިހަމަ ކުލަވަރާއެކު އާބާދު ކުރަމުން ގެންދާ ހުޅުމާލޭގެ ތަރައްޤީއާއި ގުޅުންހުރި އެންމެ ބޮޑު އުއްމީދަކީ ހުޅުލެއާއި ހުޅުމާލެއާއި މާލެ ގުޅުވައިދޭ ބްރިޖެވެ. ހަމަގައިމުވެސް މިއީ ކުރިން ނޭޅޭނެ ކަމަށް ވާހަކަ ދެކެވުނު ބްރިޖެވެ. "ގްރޭޓަރ މާލެ" ސަރަހައްދުގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބިނާ ކަމުގައިވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ ދިވެހިން އެއަށްޓަކާ ފަޚުރުވެރިވާ ފަދަ ތަރައްޤީގެ ބިނާއެއްކަމުގައި ވާނެކަމާއިމެދަކު ކުޑަވެސް ޝައްކެއްނެތެވެ.

މިހިނގާ ވެރިކަމުގެ ދައުރުގައި ފެނިފައިވާ މިފަދަ ބޮޑެތި އިޤްތިޞާދީ އިންގިލާބީ ތަރައްޤީގެ ކުރިއެރުން ތަކުގެ ލިސްޓު ވަރަށްވެސް ދިގެވެ. މުޅި ގައުމުގެ އެކި ކަންކޮޅު ތަކުގައި ތަރައްޤީ ކުރެވެމުންދާ ވައިގެ ބަނދަރު ތަކާއެކު އެސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީވެ ކުރިއަރަމުން އެދަނީ ހަމަ ފަތުއަޑުކިޔާފައެވެ. ތަފާތު ފަރުމާ ތަކާއި ތަސައްވުރު ތަކަށް ބިނާ ކުރެވިފައިވާ ރިސޯޓު ތަކާއި ހިއްކާ ތަރައްޤީ ކުރަމުން ގެންދާ ފަޅުތަކާއި ބިލިއަން ޑޮލަރުގެ ބޭރުގެ މަޝްރޫޢުތަކުން މި ދިވެހި ރަށްތަކުގެ ގޮންޑުދޮށްތަކާއި ފަޅުތަކަށް "ފައިސާ އޮއްސަމުން" އެގެންދަނީ އެވެރީންނަށް މިޤައުމުން ތަރައްޤީގެ މާ ދިގު ކާމިޔާބު އަމާން ރާސްތާއެއް ފެންނާން އޮވެ އިތުބާރެއްވެސް ލިބިގެންތާއެވެ. އެހެން ނޫންނަމަ ފަންސާހަކަށް އަހަރު ދުވެހުގެ ތެރޭގައި އަޑިއަށްދާނެ ކަމަށް ބުނެ މުޅި ދުނިޔޭގައި ބޭފުޅަކު ވިއްކަވާފައިވާ ޚިޔާލާއި އެއްގޮތަށް، މި ޤައުމުގެ ގޮނޑުދޮށް ތަކާއި ފަޅުތަކަށް ފައިސާ އޮއްސައިގެން ފައިދާއެއް ލިބޭނެކަމަށް ގަބޫލުކުރާނެ ބަޔަކު ނޫޅޭނެތާއެވެ.

މާލޭގެ ބިންގަނޑުގައި ވަރެއް ނެތޭ ކިޔައިގެން ދިހަ ބާރަ ބުރިއަށް އިމާރާތެއް ކުރާންވެސް ހުއްދަނުދޭން "ފިއްތައިގެން" ތިބި ބަޔަކު އެކަން އެގޮތަށް ކުރީ ކީއްވެގެން ކަމެއް ދަންނަވަން ނޭނގުނަސް ހަމަގައިމުވެސް މިއަދު އެއީ މާޒީއެވެ. މިއަދު ފަންސަވީސް ބުރިއަކީ ދިވެހީން ބިރުގަންނަ ވަރުގެ އުސް މިނުގެ އިމާރާތެއް ނޫންކަން ދަރުމަވަންތަ ހޮސްޕިޓަލުގެ ފަންސަވީސް ބުރި އިމާރާތުން އެކަނިވެސް އެނގި ޔަގީންވެއެވެ. ހަމަގައިމުވެސް ދުވަސްކޮޅެއް ފަހުން މާލެ ވަށައިގެން މިފަދަ އިމާރާތްތައް ފެނި މާލޭގެ މަލަމަތިވެސް މުޅިން ބަދަލުވެގެންދާއިރު އަލަށް އާބާދުކުރާ ހުޅުމާލޭގައި މިހާރުގެ ސަރުކާރުން މުޅިންވެސް އަމާޒު ހިފާފައި ހުރީ ބިމުން ހިފާ ތަނަށްވުރެ މަތިން، ޖައްވުން ހިނފާބައި އިތުރުކޮށް ބިމުން މަތީގައި އާބާދުކުރުމަށް ފަންސަވީސް ބުރީގެ ޓަވަރުތަކެއް އެޅުމަށެވެ. އެ މަސައްކަތް ފަތުއަޑު ކިޔާފައި އެއޮށްގެން ކުރިއަށް ދަނީއެވެ.

މިހަގީގަތް ފޮރުވުމަށް ނުވަތަ ފަސްއެޅުމަށް ނޫންނަމަ އޮޅުވާލުމަށް ކިތަންމެ ވާހަކައެއް ދެއްކިޔަސް ލޯ ކުރިމަތީން ފެންނާން ހުރި މިހިރަ މިހިރަ ކަންކަމެއް އޮޅުވައެއް ނުލެވޭނެތާއެވެ. މިކަންކަމުން ހާމަވެ އެނގެނީ ރައްޔިތުންގެ ތާއީދު ހޯދޭނީ، ތާއީދު ލިބޭނީ ތަފާތު ފެނިގެން، ތަފާތު ދައްކައިގެން ކަމެވެ. މިހިނގާ ފަސްއަހަރުގެ ދައުރުގައި މުޅިންވެސް ފެންނާން ހުރީ މިދެންނެވި ފަދަ ތަފާތު ތަކެވެ. އިޤްތިޞާދީ ތަރައްޤީގެ ކުރިއެރުންތަކުން ފެންނަމުން ދަނީ އިންގިލާބީ ކުރިއެރުމުގެ ތަފާތެވެ. ޞިއްޙަތާއި ތަޢުލީމީ ދާއިރާއިން ވެސް ހަމަ ތަފާތެވެ. ބޯހިޔާވަހިކަމުގެ އިންގިލާބީ ތަރައްގީ އަދި މާ ތަފާތެވެ. ޒުވާނުން ބާރުވެރި ކުރުވުމުގައި ފެނިގެންދާ އިންގިލާބީ ތަރައްގީ ކުރިއާ އަޅާ ބަލާއިރު އުޑާ ބިމާހާ ތަފާތެވެ. އުމްރާނީ ތަރައްގީއާއި ރަށްވެހި ތަރައްގީ މެކުހަށް ޖަހާފައިވަނީ ބަޔަކު އަޖާއިބުވެ އަންތަރީސްވާ ވަރަށެވެ. މިހުރިހާ ކަމެއް ބަޔަކަށް އޮޅުވާނެވޭހާ ވެސް ތަފާތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.