ކުރިންވެސް ލ. އަތޮޅު އޮތީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި: ކާނަލް

ރައީސް ޔާމީން ޕީއޭ އުފައްދަވައިގެން އެޕާޓީ ހިންގެވި ދުވަސްވަރުން ފެށިގެންވެސް ލ. އަތޮޅުގެ ރައްޔިތުން ތިއްބެވީ ރައީސް ޔާމީނާއެކު ކަމަށް ރާއްޖެއިން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި ޑީއާރުޕީގެ ލީޑަރު މުހައްމަދު ނަޝީދު (ކާނަލް) ވިދާޅުވެއްޖެއެވެ.

ކާނަލް މިހެން ވިދާޅުވީ ލ. ގައުމުގައި މިހާރު ކުރިއަށްދާ "މިތިބޫ ރައީސް ޔާމީނާއެކު" ޖަލްސާގައި ވާޖަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ލ. އަތޮޅުގެ 4 ގޮނޑިވެސް އެދުވަސްވަރު ވަނީ ޕީއޭ އަށް ދެއްވައިފައި ކަމަށެވެ. އެއީ އޭރުވެސް ރައީސް ޔާމީންގެ ވިޝަން އެމީހުންނަށް އެނގޭތީ ކުރެއްވި ކަމެއް ކަމަށްވެސް ކާނަލް ވިދާޅުވިއެވެ. "ޔާމީންގެ ވިޝަންގެ ދަށުން ޕީއޭ ހައްދަވައި، 4 ގޮނޑި ލ. އިން ޕީއޭއަށް ދިން. އޭރުވެސް ލ. އޮތީ ރައީސް އަރިހު،" ކާނަލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ "ފަސްމީރު ކުރިރުކެއް" ކަމަށެވެ.

ފެބުރުއަރީ އެކެއްގައި ސްޕްރީމްކޯޓުން ނެރުނު ހުކުމާ ބެހޭ ގޮތުން އޭނާ ވިދާޅުވީ އެ ހުކުމަށްފަހު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ކަންބޮޑުވެ ވަޑައިގެންނެވި ކަމަށެވެ. އެހެންނަމަވެސް "އެ އަމުރު މިހާރުވަނީ ކަފުންކޮށް ވަޅުލާފައި. އެ އަމުރު ކަފުން ކުރި ދުވަހަކީ ސޯޅަ މާޗުގެ ބޮޑު އެއްވުމުގައި،" އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ޒައާމަތުގެ ދަށުން މިހާރުވަނީ ރާއްޖޭގެ ދަރަނި ކުޑަކޮށް އިގުތިސާދު ރަނގަޅު ކުރުމަށް މަސައްކަތް ކޮށް އެކަމުގެ ކާމިޔާބީއާ ހަމައަށް ގޮސްފައި ކަމަށެވެ. އޭގެ އިތުރަށް ވީދީފައިވާ އިޖުތިމާއީ ފޭރާން ރަނގަޅުކޮށް އަދުލު އިންސާފުގެ ދާއިރާ ރަނގަޅު ރަނގަޅު ކުރުމުގެ މަސައްކަތްވެސް ފަށްޓަވައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެމަސައްކަތުގެ ދަށުން ފަނޑިޔާރުގެތައް ފޮޅައި ސާފުކޮށް ފަނިފަކްސަތައް ނައްތާ ލައްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.