އައްޑޫސިޓީ 4 ކައުންސިލަރަކު ސަސްޕެންޑް ކުރި މައްސަލަ ހައިކޯޓަށް

ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން އައްޑޫ ސިޓީ ކައުންސިލްގެ 4 ކައުންސިލަރަކު އެއްމަހަށް ސަސްޕެންޑު ކުރި މައްސަލަ ކޯޓަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ހައިކޯޓަށް ހުށަހަޅައިފައިވަނީ އައްޑޫސިޓީގެ ޑެޕިޔުޓީ މޭޔަރު މުހައްމަދު ޔަސްރިފެވެ. އޭނާ އެމައްސަލަ ހައިކޯޓަށް ހުށަހަޅައިފައިވަނީ 4 ކައުންސިލަރުން ސަސްޕެންޑް ކުރި މައްސަލަ ބާތިލް ކޮށްދެއްވުމަށެވެ. މި މައްސަލަ އޭނާ ހައިކޯޓަށް ހުށަހެޅުއްވީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައެވެ.

މައްސަލަ ހުށަހެޅުއްވުމަށްފަހު ޔަސްރިފް ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރަސީއެއްގައި އެކި ޕާޓީތަކުން ވާދަކޮށް ކައުންސިލްތަކަށް މެންބަރުން ހޮވޭއިރު އޭގެތެރޭގައި ސަރުކާރާ ޚިޔާލު ތަފާތު މީހުން ތިބެދާނެ ކަމަށް ގަބޫލު ކުރައްވަންޖެހޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ސަރުކާރުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި އެމްޑީޕީ ކައުންސިލަރުން ބައިވެރިނުވުމުން ޒާތީ ތައައްސުބުން ފުރިގެންތިބެ ފިޔަވަޅު އެޅުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫން ކަމަށެވެ.

އޭނާ ވިދާޅުވީ އެލްޖީއޭއިން ވިޔަސް އެހެން ތަނަކުން ފިޔަވަޅު އެޅިޔަސް އަދި އެހެން ކަމެއް ކުރިޔަސް ގާނޫނީ ރޫހުގެ ތެރެއިން އެކަން ކުރެއްވުމަކުން މައްސަލައެއް ނެތް ކަމަށެވެ. ގައުމުގައި އޮންނަންވާނީ ދައުލަތުގެ ސިފަ ޖެހިފައި ކަމަށާއި ސިޔާސީ ފިކުރުތަކުގެ ސަބަބުން "ޒާތީ ތައައްސަބު އިސްކޮށް އަޅުގަނޑުމެންގެ ރާއްޖޭގެ ރައްޔިތުން އިންތިޚާބުކޮށްފައިވާ ކައުންސިލްތައް ސަސްޕެންޑް ކުރީމައި ރާއްޖޭގެ ރަށްތައް އޮންނާނީ ހުއްޓިފައި. ތަރައްގީގެ ކަންކަމުގައި ރައްޔިތުންގެ ބަސްބުނަން ވަރަށް ބޮޑަށް ވައުދުވެ އެކަމަށް ހުވައިކޮށް ކައުންސިލާ މި ހަވާލުވަނީ،" ޔަސްރިފް ވިދާޅުވިއެވެ.

އެހެންކަމުން ކައުންސިލުން މަސައްކަތް ކުރެއްވީ ސްޕްރޯމް ކޯޓުގެ އަމުރެއް ތަންފީޒު ކުރެއްވުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލުމަށް ކަމަށާއި އެއީ އައްޑޫ ރައްޔިތުންގެ ހައްގުގައިވެސް ކައުންސިލުން ކުރައްވަންޖެހޭނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންކަމުން ކޯޓުން މިކަން ރަނގަޅަށް ބެއްލެވުމަށްފަހު އިންސާފު ގާއިމްކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. ކޯޓުތަކާމެދު އުންމީދުވެސް ކަނޑައި ނުލައްވާ ކަމަށްވެސް ޔަސްރިފް ވިދާޅުވިއެވެ.

"ކައުންސިލްތަކަކީ އެލްޖީއޭގެ ޑިޕާޓުމެންޓްތަކެއްހެން ނުވަތަ ރައީސް ޔާމީންގެ ނުވަތަ އެލްޖީއޭއިން އައްޔަން ކުރައްވާ ކޯޑިނޭޓަރުންތަކެއްހެން އެމީހުންނަށް ސިފަވާގޮތަށް އެކިފަހަރު އެކިގޮތަށް ވިދާޅުވެ ކަންކަން ކުރައްވަން އެބޭފުޅުންނަށް ވިސްނެވުމަކީ ވަރަށްދެރަކަމެއް. މަލްޓި ޕާޓީ ޑިމޮކްރަސީއެއްގައި ސިޔާސީ ތަފާތު ފިކުރުތައް ޕާޓީތަކުން އިންތިޚާބުތަކުގައި ވާދަކޮށް ހޮވޭއިރު ގަބޫލުފުޅު ކުރައްވަންވާނެ އެވަގުތު އޮންނަ ސަރުކާރާ ޚިޔާލު ތަފާތު ކައުންސިލަރުންވެސް ތިބޭނެކަން،" ޔަސްރިފް ވިދާޅުވިއެވެ.

ކައުންސިލްތައް މަސައްކަތް ކުރައްވަނީ ސަރުކާރުގެ ފަށަލައެއްގެ ގޮތުގައި ކަމަށާއި އެހެންނަމަވެސް ސަރުކާރުން ހިންގާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިނުވެގެން ފިޔަވަޅު އެޅުއްވުމަކީ އަދަބު ދެއްވަންޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުސާރައާއި އެހެނިހެން އިނާޔަތްތައް ނުލިބޭ ގޮތަށް މޭޔަރ އަބްދުﷲ ސާދިގް (ސޯބެ) އާއި ޑެޕިއުޓީ މޭޔަރ މުހައްމަދު ޔަސްރިފާއި، ހިތަދޫ މެދު ދާއިރާގެ ކައުންސިލަރ ޖަމްޝީދާ މުހައްމަދާއި، ފޭދޫ ދާއިރާގެ ކައުންސިލަރ އަލީ ފަހުމީ ސަސްޕެންޑް ކުރައްވައިފައިވަނީ މާރިޗު 18 ވަނަ ދުވަހުން ފެށިގެންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.