ޣައްދާރުވާ މީހުންނަށް ވޭނަކަށްވާނެ ކަމަށް ބުނެ ފޮޓޯތަކެއް އާންމުކޮށްފި

ގައުމަށް ޣައްދާރުވާ މީހުންނަށް ވޭނަކަށްވާނެ ކަމަށާއި އެކަމަކު އެއީ ރައްޔިތުންނަށް އުފާވެރިކަމާއި ހަމަޖެހޭ ދިރިއުޅުމެއްގެ އުންމީދުތަކެއް ގެނެސްދޭނެ ފޮޓޯތަކެއް ކަމަށް ވިދާޅުވެ ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޚަލީލް ދެ ފޮޓޯއެއް ޓްވީޓް ކުރައްވައިފިއެވެ.

އޭނާ ޓްވީޓު ކުރައްވައިފައިވާ ދެ ފޮޓޯއަކީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފޮޓޯއެވެ. އެއިން ދައްކުވައިދެނީ ސަރުކާރުން ހިންގަވާ ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް ދޭއްގައި އިމާރާތްތަކެއް ތަރައްގީ ކުރަމުން އަންނަ ތަނެވެ.

"ގައުމަށް ޣައްދާރުވާ ފަރާތްތަކަށް މިފޮޓޯތަކަކީ ބޮޑުވޭނެއް. ނަމަވެސް ރައްޔިތުންނަށް މިފޮޓޯތަކުން ލިބެނީ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއްގެ އުންމީދު،" އޭނާ ވިދާޅުވެފައިވެއެވެ. ސަރުކާރުން މިހާރުވަނީ ހުޅުމާލޭގައި ހަތްހާސް ފުލެޓް އެޅުމުގެ މަސައްކަތް ފަށްޓަވައިފައެވެ.

ޑރ. އަބްދުﷲ ޚަލީލްގެ އިތުރަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ތަރައްގީގެ އަމަލީ މަސައްކަތްތައް ފެނިފައި ރައްޔިތުން ތިބީ ދެވަނަ ދައުރަކަށް ރައީސް ޔާމީން އިންޔިޚާބު ކުރަން ތައްޔާރަށް ކަމަށެވެ.

ނިހާން ވިދާޅުވެފައިވަނީ ރާއްޖޭގެ ތަރައްގީއަށް ރައީސް ޔާމީން ގެނެސްދެއްވަމުން ގެންދަވާ ތަރައްގީގެ ހެޔޮބަދަލުގެ ސަބަބުން ރައީސް ޔާމީނަށް ދެވަނަ ދައުރެއް ދެއްވަން ޖެހޭކަމަށެވެ.

އެމްޑީޕީގެ ކުރީގެ ނާއިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެފައިވަނީ ބަޔަކަށް ހަޖަމް ވިޔަސް ނުވިޔަސް ގައުމު ތަރައްގީ ކުރެވޭނީ ރައީސް ޔާމީން އެކުރައްވާ މިންވަރަށް ކަމަށެވެ.

މިސަރުކާރު އައިފަހުން ހުޅުމާލޭގައިވަނީ ޓްރީޓޮޕް ހޮސްޕިޓަލް ގާއިމްކޮށް ޚިދުމަތް ދޭން ފަށައިފައެވެ. މާލޭގައި އަޅަމުންދާ 25 ބުރީގެ ހޮސްޕިޓަލް ނިމެނީއެވެ. އެތަން ވެގެންދާނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް އިންގިލާބެއް ގެނެސްދޭނެ ތަނަކަށް ކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. މާލެއާއި ހުޅުލެއާ ދެމެދު އަޅަމުންދާ ބުރިޖުވެސް ވަރަށް އަވަހަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އޭގެ އިތުރަށްވެސް ސަރުކާރުން ގެންދަވަނީ ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަވަމުންނެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.