ކަންކަން ހައްލު ކުރެވޭނީ ވޯޓުފޮށިން، މަގުމަތީހަރަކާތްވެސް މުހިންމު: އަލީ ނިޒާރު

ރާއްޖޭގެ ސިޔާސީ މަސްރަހަށް ބަލާއިރު ކަންކަން ހައްލުވާނީ ވޯޓުފޮށިން ކަމަށާއި މަގުމަތީ ހަރަކާތްވެސް ވަރަށް މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އާފަތިހަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ މިސަރުކާރުން ކަންކަން ކުރައްވަނީ ހިތުހުރިގޮތަކަށް ކަމަށާއި ގާނޫނު އަސާސީއާއި ގާނޫނުތައްވެސް މާނަކުރައްވަނީ ސަރުކާރުން ބޭނުންފުޅުވާ ގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ޑިމޮކްރެޓިކް އުސޫލު ދޫކޮށްލައި ބާރުގެ ބޭނުން ކުރައްވައިގެން ގާނޫނުއަސާސީއާއި ގާނޫނުތައް މުގުރަމުން ގެންދަވާ ކަމަށާއި އޭގެ ސަބަބުން ގާނޫނުއަސީސީން ކަށަވަރުކޮށްދެއްވައިފައިވާ އެތައް ހައްގެއް ގެއްލިގެންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. "ސަރުކާރުން ގާނޫނުއަސާސީއާއި ގާނޫނުތައް މާނަކުރައްވަނީ އެވަގުތަކު ބޭނުންފުޅުވާ ގޮތަކަށް. އެކަމަކު އެއީ ޑިމޮކްރަސީއާ ކަނޑައެޅިގެން ޚިލާފު ކަމެއް. އެތައް ބައެއްގެ އިންސާނީ ހައްގުތަކާއި އަސާސީ ހައްގުތަކެއް އޭގެ ސަބަބުން ގެއްލެމުންދޭ. އެހެންވީމާ ސަރުކާރު އެބަޖެހޭ ޑިމޮކްސީއަށް ރުޖޫއަވާން،" އޭނާ ވިދާޅުވިއެވެ.

ނިޒާރު ވިދާޅުވީ ރާއްޖޭގެ މިނިވަން މުއައްސަސާތައްވެސް ވަނީ މިނިވަންކަން ގެއްލި ތަޅުއެޅުވިފައެވެ. އޭގެ ތަނަކަށް މައްސަލައެއް ހުށަހެޅިޔަސް، ޝަކުވާއެއް ކުރިޔަސް އެއްވެސް ނަތީޖާއެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެކި ތުހުމަތުތައްކޮށް ފުލުހުންގެ ބަންދަށް ގެންގޮސްފައިވާ ސިޔާސީ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހުށަހެޅުމުންވެސް "އެއީ ސިޔާސީ މީހެއް ކަމަށްވާނަމަ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން" އަމުރުކުރަމުންދާ ކަމަށެވެ. އެއީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީގެ ރޫހެއް ނޫންކަމަށް ނިޒާރު ވިދާޅުވިއެވެ.

މިހުރިހާ ކަމެއް މިގޮތަށް ހުރުމުން ވޯޓުފޮށިން ވެރިކަން ބަދަލުކޮށްގެން މެނުވީ ގައުމުގެ ކަންކަން ދެން ހަމައަކަށް ނޭޅޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެމްޑީޕީން ހިންގާ މަގުމަތީގެ ހަރަކާތްތައްވެސް ކުރިއަށް ގެންދަންޖެހޭނެ ކަމަށާއި ބޭނުމަކީ ގެއްލެމުންދާ ހައްގުތަކާއި ނެތެމުންދާ ޑިމޮކްރަސީ މަތިން ސަރުކާރަށް ހަނދާންކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު އަމަލުކުރަމުން ގެންދާ ގާނޫނު އަސާސީއަކީވެސް މަގުމަތީ ހަރަކާތްތަކުން ހޯދައިގަނެވިފައިވާ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން މަގުމަތީގެ ހަރަކާތްތައް ކުރިއަށް ގެންދަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. މަގުމަތީ ހަރަކާތްތަކުގެ ސަބަބުން ނޫންނަމަ ރައީސް ނަޝީދަށް 2008 ގައި އިންތިޚާބެއްވެސް ލިބިވަޑައި ނުގެންނެވީސް ކަމަށް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.