މިއަހަރު އޮންނަ ރިޔާސީ އިންތިޚާބާ ހަމައަށް ދިޔުމަށް ބާކީ އޮތީ އެންމެ ހަ މަސް ދުވަސް ކަމަށާއި އިންތިޚާބާ ހަމައަށް ދާއިރު ބުރަކޮށް މަސައްކަތް ކުރަންއެބަޖެހޭ ކަމަށް ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގއ. ވިލިނގިލީގައި "ވިދި ވިދި އޮޓެ އޮޓެ" ނަމުގައި ޕީޕީއެމްގެ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހައުސިންގ މިނިސްޓަރ ޑރ މުޙަންމަދު މުއިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކޮށްދިނުމަށްޓަކައި އެންމެން އެކަތިގަނޑަކަށްވެ، އަތުކުރި އޮޅާލައިގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. މުއިއްޒު ވިދާޅުވީ މިވަގުތު އަދި އެންމެ ރަނގަޅަށް ރައީސް ޔާމީނާމެދު ނުވިސްނޭ މީހުންވެސް ތިބެދާނެ ކަމަށާއި އެފަދަ ފަރާތްތަކަށްވެސް ރަނގަޅު ވިސްނުން ވިސްނައިދީގެން މަސައްކަތް ކުރަންވީ ދިވެހި ގައުމު ސަލާމަތް ކުރަން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ހުރިހާ ރައްޔިތުންވެސް އަޒުމް ކަނޑައަޅަންވީ ރައީސް ޔާމީނާއެކު ކުރިޔަށްދާން ކަމަށާއި އިންތިޚާބުގެ ވަގުތު ކައިރިވެއްޖެ ކަމަށެވެ. އިލެކްޝަން ކޮމިޝަނުން އިއުލާން ކޮށްފައިވާ ގޮތުން މިއަހަރު ރިޔާސީ އިންތިޚާބު ސެޕްޓެމްބަރު މަސް ތެރޭގައި ބާއްވާނެ އެވެ.
މިނިސްޓަރު ވިދާޅުވީ "ފަނާ ކުރަނިވި ދުވަސްތަކަށް" އަނބުރައިދާން އެއްވެސް މީހަކު ބޭނުން ނުވާކަމަށާއި އެ ދުވަސް ތަކަކީ ރައީސް މުޙަންމަދު ނަޝީދުގެ ވެރިކަމުގެ ދުވަސްތައް ކަމަށެވެ. އަދި ރައީސް ޔާމީންގެ ދައުރަކީ ތަރައްގީ އެންމެ ބާރު ސްޕީޑުގައި ދިޔަ ދުވަސްތަކެއް ކަމަށް ވިދާޅުވިއެވެ.
"ހަމަ ގައިމުން ވެސް ތަފާސް ހިސާބަކީ ދޮގު އެއްޗެއް ނޫން، ފާއިތުވެދިޔަ 50 އަހަރަށް ބެލި ނަމަވެސް ވޭވުތެދިޔަ ހަތަރު އަހަރެއްހާ ދުވަހުގެ ތެރޭގައި މިކުރެވުނު ވަރަކަށް ތަރައްގީގެ މަޝްރޫއެއް ގެނެސްދީފައެއް ނުވޭ" ޑރ މުއިއްޒު ވިދާޅުވިއެވެ.
ޕީޕީއެމްގެ ކޯލިޝަނުގެ ޕާޓްނަރުންނާވެސް އެކު ރޭ ވިލިނގިލީގައި ބޭއްވީ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބަޔެއް މެމްބަރުންނާއި ސަރުކާރަށް ތާއީދުކުރާ ބަޔެއް އެހެން ފަރާތްތައްވެސް ބައިވެރިވިއެވެ.