ވަށައިގެންޖެހި "ދަލުން" ދައުލަތް ސަލާމަތް ވެއްޖެ: އަލީ އާރިފް

ދައުލަތުގެ މުހިންމު މަގާމްތަކެއްގައި ތިއްބެވި ބޭފުޅުންތަކެއް ސަރުކާރު ވައްޓާލުމަށް ޖުޑިޝަރީ ތެރެއިން ޖެހި "ދަލުން" ދައުލަތާއި ސަރުކާރު ސަލާމަތް ވެއްޖެ ކަމަށް ޕީޕީއެމްއިން ވިދާޅުވެއްޖެއެވެ.

އެޕާޓީގެ ޗީފްސްޕޯކްސް ޕާސަން، ކެލާދާއިރާގެ މެންބަރު އަލީ އާރިފް ވިދާޅުވީ ސަރުކާރު ވައްޓާލުމަށް ޖެހިމަޅި (ސްޕްރީމްކޯޓު އަމުރު) ނެރުމުގައި ހިމެނިވަޑައިގެންވަނީ ދައުލަތުގެ އެންމެ އިސް ޒިންމާ އަދާކުރަންޖެހޭ ބޭފުޅުން ކަމަށެވެ. އޭގެ ތެރޭގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި، ސްޕްރީމްކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި، އޭރުގެ ސީޕީ އަހުމަދު އަރީފް ހިމެނޭ ކަމަށެވެ.

"މިހުރިހާ ބޭފުޅުން މަސްހިފަން ވަށައިގެން ބައްދާފައި ޖެހި ދަލުންވެސް ﷲގެ ރަހުމަތް ފުޅުން މިދައުލަތް ސަލާމަތްވިކަމީ އަޅުގަނޑުމެން އެންމެން އުފާކުރަންޖެހޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "އެދަލުން" ދައުލަތް ސަލާމަތްވީ ރައީސް ޔަމީނާއި، އެޓަރނީޖެނެރަލްއާއި، ޕްރޮސެކިޔުޓަރޖެނެރަލްއާއި، ސިފައިންނާއި، ފުލުހުން ހުޝިޔާރު ކަމާއެކު ކުރެއްވި މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށެވެ. އެ ކަމުން ދައުލަތް ސަލާމަތް ކުރެއްވުމަށް އެބޭފުޅުން އެމަސައްކަތް ކޮށްދެއްވީ އެންމެންގެ ހައްގުގައި ކަމަށްވެސް އަލީ އާރިފް ވިދާޅުވިއެވެ. "އެބޭފުޅުންގެ ގާނޫނީ ވާޖިބު އެ އަދާކުރެއްވީ ދިވެހިރައްޔިތުންގެ ހައްގުގައި، ދިވެހި ދައުލަތުގެ ހައްގުގައި، މާތްވެގެންވާ އިސްލާމްދީނުގެ ހައްގުގައި،" އޭނާ ވިދާޅުވިއެވެ.

އަލީ އާރިފް ވިދާޅިވީ ރާއްޖެއާ ބެހޭ ގޮތުން އީޔޫއިން ނެރެފައިވާ ގަރާރުގައި ދިނާ ޚިލާފު ކަންކަން ކުރުމަށް ގޮވާލައިފައިވާ ކަމަށެވެ. އެކަންކަމާ ދެކޮޅު ކަމަށް އެންގުމުގެ ގޮތުން އަދާލަތު ޕާޓީއާއި ޑރ. ޖަމީލާއި އަދިވެސް އިދިކޮޅުގައި ތިއްބެވި އެހެން ބޭފުޅުންވެސް މިހާތަނަށް އިނގިރޭސި ބަހުން ބަޔާނެއްވެސް ނެރެފައި ނުވާކަމަށެވެ. އެފަދަ ބަޔާނެއް ނުނެރެނީ އެބަޔާނަށް އެބޭފުޅުން ތާއިދު ކުރައްވާތީ ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޟަމްރަތު އަޙްމަދު
ޟަމްރަތު އަޙްމަދަކީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ތަޖުރިބާކާރު ނޫސްވެރިއެކެވެ. އާފަތިހުގައި އެކި ފެންވަރުގައި ވަޒީފާ އަދާކުރެއްވި ހީވާގި ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.