އިރުފާން ޚާން ފަރުވާ ހޯދަނީ ޓިއުމަރ އަކަށް

ބޮލީވުޑް ގެ މަޝްހޫރު ތަރި އިރުފާން ޚާން އޭނާގެ ހަށިގަނޑުގައި ޓިއުމަރެއް އުފެދިފައިވާ ކަމަށް ހާމަކޮށްފިއެވެ. އިރުފާން ބުނި ގޮތުގައި އެއީ ނިއުރޯއެންޑޮކްޓްރިން ޓިއުމަރ އެކެވެ.

މިއީ ވަރަށް މަދުން ޖެހޭ ބައްޔެއް ކަމަށް ވެއެވެ. މި ބަލީގެ ސަބަބުން ލެއަށް ހޯމޯން ފޮނުވާ ސެލްތަކަށް އަސަރު ކުރެއެވެ. އިރުފާން ގެ ބައްޔާ ބެހޭ މާ ބޮޑު ތަފްސީލެއް އޭނާ ހާމަ ކޮށްފައެއް ނުވެއެވެ. އޭނާ ގެ ބައްޔާ ބެހޭ ގޮތުން އޭނާ ފުރަތަމަ ޓްވީޓް ކުރީ މާޗް މަހުގެ ހަވަނަ ދުވަހު އެވެ. އެ ޓްވީޓުގައި އޭނާ ބުނެފައިވަނީ ވަރަށް މަދުން ނޫނީ ނުފެންނަ ބައްޔެއް އޭނާއަށް ޖެހިފއަިވާ ކަމަށާއި ބަލީގެ ހަގީގަތް އެނގުމުން ދިހަ ދުވަސް ތެރޭ ބަލި ހާމަ ކުރާނެ ކަމަށެވެ. އަދި އޭނާގެ ބައްޔާ ބެހޭގޮތުން މީޑީއާގައި ވާހަކަ ނުފެތުރުމަށް އޭރު އޭނާ ވަނީ އިލްތިމާސް ކޮށްފައެވެ.

އިރުފާން ގެ އުމުރަކީ 51 އަހަރެވެ. އޭނާ ވަނީ މިހައިތަނަށް 100 އަށް ވުރެ ގިނަ ފިލްމު ކުޅެފައެވެ.  'ޕީކޫ' އާއި 'މަގްބޫލް' އާއި 'ހާސިލް' އާއި 'ޕާން ސިން ޓޯމަރ' އަކީ އޭނާގެ މަޝްހޫރު ބައެއް ފިލްމު ތަކެވެ. ހިންދީ ފިލްމުގެ އިތުރުން އޭނާ ވަނީ އިނގިރޭސި ފިލްމު ވެސް ކުޅެފައެވެ. އޭގެ ތެރޭގައި 'ލައިފް އޮފް ޕައި'، 'ޖުރެސިކް ވަރލްޑް'، 'ސްލަމް ޑޯގް މިއލިއަނަރ' އަދި 'ދި އެމޭޒިންގ ސްޕައިޑަރ މޭން' ހިމެނެއެވެ.

އިރުފާންގެ ޓްވީޓުގައި ބުނެފައިވާ ގޮތުން އުއްމީދު ކޮށްގެން ނެތް ކަމެއް ދިމާވުމުން ކުރިއަށް ދިއުމަށް މީހާ އަށް އިތުރު ހިތްވަރު ލިބެއެވެ. ޓިއުމަރ އެއް ހުރިކަން އެނގުމުން ވަރަށް ހިތް ދަތިވި ކަމަށާއި ނަމަވެސް ރައްޓެހިންނާއި އާއިލާގެ ލޯތްބާ އެކު އުއްމީދު އާވެފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. ބައްޔަށް ފަރުވާ ކުރުމަށް ގައުމުން ބޭަރަށް ދާން ޖެހޭ ކަމަށާއި އެންމެންގެ ހެޔޮ ދުއާ ބޭނުންވާ ކަމަށްވެސް އިރުފާން ގެ ޓްވީޓުގައި ވެއެވެ. ޓިއުމަރ އުފެދެނީ ހުރިހައި ފަހަރަކު ސިކުނޑީގައި ނޫން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. އޭނާ އިޝާރާތް ކުރީ ގޫގުލް އިން މައުލޫމާތު ހޯދި މީހުންނަށް ކަމަށް ދޭހަވާ ގޮތަށް ލިޔެފައިވަނީ އެންމެ ފަސޭހައިން ދިރާސާ ކުރެވޭނީ ގޫގުލް އިން ކަމަށެވެ.

އިރުފާން އަށް 2013 ވަނަ އަހަރު ގައުމީ އިނާމު  ލިބިފައިވެއެވެ. އަދި އޭނާ އަށް ވަނީ 2013ވަނަ އަހަރު ފްރާންސް ގައި ބާއްވާ ކޭންސް ފިލްމް ފެސްޓިވަލުގައި ވިއުއަރސް ޗޮއިސް އެވާރޑް ވެސް ލިބިފައެވެ. މި އެވޯޑް ލިބުނީ ދަ ލަންޗް ބޮކްސްގައި ކުޅެފައިވާ ރޯލަށެވެ. އެއަހަރު ލަންޑަން ފިލްމު ފެސްޓިވަލުގައި ބައިވެރި ކުރަން ހޮވުނު ހަމައެކަނި ބޮލީވުޑް ފިލްމަކީ ވެސް ލަންޗް ބޮކްސް އެވެ.  

މަނާހިލް
މަނާހިލްއަކީ ކުރިއަރަމުން އަންނަ ކުޅަދާނަ ލިޔުންތެރިއެކެވެ. އެކި ދާއިރާތަކަށް ފަސޭހަ ކަމާއެކު ލިޔުއްވާ ވިސްނުންތެރި ލިޔުންތެރިއެކެވެ. ފިލްމީ ލިޔުމާއި، ޚަބަރާއި، ކެއްކުމުގެ ހުނަރާއި، ފަންނީ ލިޔުންތައް އޮޅުން ފިލަން ފަސޭހަ ގޮތަކަށް ލިޔުއްވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.