ކުއްލި ނުރައްކަލުގެހާލަތު އިތުރު ކުރުމުގެ އެއްވެސް ވިސްނުންފުޅެއް ނުގެންގުޅުއްވާ ކަމަށާއި ގައުމީސަލާމަތަށް އޮތް ނުރައްކާ ހައްލުކުރެވުނުހާ އަވަހަކަށް ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެންނަވާނެ ކަމަށް ދިވެހިސަރުކާރުން ވިދާޅުވެއްޖެއެވެ.
އީ.ޔޫ ޕާލަމަންޓް އިން ރާއްޖޭގެ މިހާރުގެ ޙާލަތާ ބެހޭ ގޮތުން ފާސް ކޮށްފައިވާ ޤަރާރާ ގުޅިގެން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ އަމުރުގެ ސަބަބުން ދިވެހި ދައުލަތުގެ ހިންގުމުގެ ބާރުތައް އޮޅުންބޮޅުންވެ، ޤާނޫނުއަސާސީން ބާރުލިބިދީގެން އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ޤައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަޞްލަޙަތުތަކެއް ގެއްލޭ ހިސާބަށްގޮސް، އެ އަމުރާ އެއްގޮތަށް ދައުލަތް ހިންގަން ފަށައިފިނަމަ، ޤާނޫނުއަސާސީގެ ބާރު ކެނޑިދާ ހިސާބަށް ކަންކަން ހިނގައިދާނެކަމަށް ފެނިވަޑައިގަންނަވާތީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ކަމަށެވެ.
ދިވެހިރާއްޖޭގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނު ކޮށްފައިވަނީ، ޢާންމު ދިރިއުޅުމަށް ހުރަސް ނޭޅޭނެ ފަދަ ގޮތަކަށް ކަމަށާއި، މި އަމުރު ހިނގާނީ ހަމައެކަނި ސުޕްރީމް ކޯޓުގެ އަމުރާ ގުޅޭ ޤާނޫނާ ޚިލާފު އަމަލުތައް ހިންގާފައިވާ ފަރާތްތަކުގެ މައްޗަށް ކަމުގައިވެސް ބަޔާނުގައިވެއެވެ
ސުޕްރީމް ކޯޓުން 1 ފެބުރުވަރީ 2018 ގައި ނެރުއްވި އަމުރު، 6 ފެބުރުވަރީގައި އެކޯޓުން ނެރުއްވި އަމުރަކުން ބާޠިލް ކުރައްވާފައިވާތީ، 1 ފެބުރުވަރީގެ އަމުރަށް ސަރުކާރުން އަމަލުކުރައްވަން ޖެހިވަޑައިގަންނަވާ އެއްވެސް ޤާނޫނީ ހައިޞިއްޔަތެއް ނެތްކަން ސަރުކާރުން ވިދާޅުވެފައިވެއެވެ.
އެބަޔާނުގައި އީ.ޔޫ. ގެ ޤަރާރުގައިވާ ކަންކަމަށް ވަނީ ރައްދުދެއްވާފައެވެ. އެގޮތުން، ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރެއްވުމުގައި ސަރުކާރުން ކަނޑައަޅުއްވާފައިވާ އުސޫލުގެ ތަފްސީލާއި، ރާއްޖޭގައި އިސްލާމްދީން ނޫން އެހެން ދީންތަކަށް އުޅުމުގެ ފުރުސަތު ދިނުމަށް ރާއްޖޭގެ އިޖުތިމާޢީ މިންގަނޑުތަކާއި ކުރިއްސުރެ ރާއްޖޭގައި އަމަލުކުރަމުންދާ އުސޫލުތައް ތަންނުދޭކަންކަމަށް ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ސިޔާސީ ގޮންޖެހުންތަކުން އަރައިގަތުމަށްޓަކައި ސިޔާސީ މަޝްވަރާތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި، 12 ވަނަ ފަހަރަށް އިދިކޮޅު ސިޔާސީ ޕާޓީތަކަށް މަޝްވަރާގައި ބައިވެރިވުމަށް ދައުވަތު ފޮނުއްވާފައިވާކަމަށްވެސް ބަޔާނުގައިވެއެވެ. ސިޔާސީ ޕާޓީތަކުގެ ކަންބޮޑުވުންތަކަށް ޙައްލެއް ލިބޭނީ އެކުގައި މަޝްވަރާކުރެވިގެން ކަމަށާއި، އެދެވިގެންވާ ކާމިޔާބީއެއް ހޯދުމަށްޓަކައި، އެއްވެސް ޝަރުޠެއްނެތި އެއްމޭޒުދޮށަށް އައުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ. އަދި މިކަމުގައި އީ.ޔޫ އިން ސަރުކާރަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުން ފާހަގަ ކުރައްވައި، ކުރިއަށް އޮތްތާނގައިވެސް ސަރުކާރުގެ މިފަދަ ނިންމެވުންތަކަށް އިހުތިރާމު ކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
މިއަހަރުގެ ސެޕްޓެންބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު، ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންގޮސް، ރިޔާސީ ކެމްޕެއިނަށް މިނިވަން، ހަމަހަމަ ވެއްޓެއް ޤާއިމު ކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަންވެސް ސަރުކާރފާހަގަ ކުރައްވާފައިވެއެވެ. އަދި މިކަމުގައި އީ.ޔޫ އިންނާއި، ކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކުން އެއްބާރުލުން ދެއްވާނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ސަރުކާރުން ބަޔާން ކުރައްވާފައިވެއެވެ.